Saturday, May 31, 2008

ޑރ.މުޙައްމަދު ޢަލީއާއި ފެން ފަށަލަ ކުރެހުން (ޗެޕްޓަރު 01)

* ފެނާއި ނަރުދަމާއާއިބެހޭ ރެގިޔުލޭޓްރީ އޮތޯރިޓީ ފުނޑާލައިފި

1973 ވަނައަހަރު ޞާޙިބުއްދައުލާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ކޭ.ސީ.އެމް.ޖީ+ ނިޝާން ޣާޒީ) ގެ ވެރިކަމުގައި އުފެއްދެވި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމް.ޑަބްލިޔު.އެސް.އޭ) އަކީ، މިހިނގާ އެކާވީސްވަނަ ޤަރުނު ފެށުމާއިޖެހެންދެން، ދިވެހި ޖުމްހޫރިއްޔާގައި ހުރި އެންމެ ޓެކްނިކަލްކަންގަދަ މުވައްސަސާއެވެ. އެންމެ ދުވަސްވީ މުވައްސަސާތަކުގެތެރޭގައި ހިމެނޭ އެއް މުވައްސަސާވެސްމެއެވެ. ދެވަނަ ބޮޑުހަނގުރާމައާއިވިދިގެން އައި ބޮޑުތަދުތެރޭގައި، ސާލެއްހެން މުޅި ރާއްޖޭގައި ފެތުރިގެންދިޔަ ގައިންގަޔަށް އަރާ ބަލިތައް ކަމުގައިވާ، ސިގެއްލާއާއި ކޮލެރާ، މިހެންގޮސް ބޭރަށް ހިންގުމާ، ހަޖަމުގޯސްވުންފަދަ އެކިފާޑުފާޑުގެ ނަންނަންކިޔާ ބަލިތަކުން، ދިވެހި ރައްޔިތުން ސަލާމަތްކޮށްދީ، ރައްކާތެރި ކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ މިދެންނެވި އެމް.ޑަބްލިޔު.އެސް.އޭ ފިޔަވައި ދެވަނަ ދެތަނެއްނޫނެވެ. މިވާހަކަ ގަބޫލުނުކުރެވެންޏާ، އަމީނީގޭ އަލްފާޟިލާ އަމީނާ މުޙައްމަދު އަމީނުގެ ލޮބުވެތި ފިރިކަލުން އަލްމުޙްތަރަމް ޢަބްދުލްމަޖީދު މާހިރުމެން، މުއުމިނާ ޙަލީމްމެންގެ އިތުރުން ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ހަމައަށް މުޙްތަރަމްކަންމަތީ ދެމިހުންނެވި ކަރޯ ޢައްބާސްމެންފަދަ ބޭބޭފުޅުން ކުރެން މިވާހަކައިގެ ތެދުދޮގު އޮޅުންފިލުއްވިޔަސް، މިނޫން ޖަވާބެއް ނުލިބޭނެއެވެ. ނޫންނަމަ، ތަންކޮޅެއް ގާތުން މިވާހަކައިގެ ތެދުކަން ޔަގީންކޮށްލަން ބޭނުންނަމަ، ފެންކުންފުނީގެ ކެންޓީނުގައި، ތާއަބަދު ބިޑިއެއް ރޯކޮށްލައްވައިގެން ފެން ކުންފުނި މާރކެޓް ކުރެއްވުމުގެ ބުރަމަސައްކަތުގައި އެއިންނަވާ، އެކުންފުނީގެ މާކެޓިން މެނޭޖަރު ތުބުޅި ރަޝީދުމެންކަހަލަ ބޭކަލެއްގެ އަރިހުން އެއްސެވިޔަސް ފަރުވާލެއްނެތެވެ.

އެމް.ޑަބްލިޔު.އެސް.އޭ އަކީ ކިތަންމެ ޓެކްނިކަލްކަން ގަދަ ތަނަކަށްވެފައި، އެތަނުގެ ސަބަބުން ދިވެހި އަފްރާދުންނަށް ކިތަންމެގިނަގުނަ ފައިދާތަކެއް ކުރިކަމުގައިވީނަމަވެސް، އެކާވީސްވަނަޤަރުނުގެ އިރާއިއެކު، ބޯހާވާލާފައި އިންނަ އަންހެންބޭކަނބަލަކު އެތަނަށް ފާޅުވީ ހިސާބުން، ތަނުގެ ޓެކްނިކަލްކަން ކެނޑި، ރައްޔިތުންގެ މެދުގައި އެތަނާއިމެދު އޮތް، ޤަދަރާއި އިޙްތިރާމް ކުޑަވެ، ތަނުގެ ރޮދި ވަނީ ކަޑައިގެން ގޮސްފައެވެ. ޚާއްޞަކޮށް، މިބުނާ ބޭކަނބަލަކު ވަޑައިގެންނެވިގޮތަށް، އެތަނުގައި ތިއްބެވި ކަމުވޮށިވެގެންވާ ބޭކަލުންނާއި ޓެކްނިކަލް ބޭކަލުންތައް ވަކިކޮށް، ތަނުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ އުންމީދީ ޅަ ޒުވާން މުވަންޒަފުން އެކަކު އެނެކަކާއި ޖައްސާ، އުންމީދީ އެތައް އެތައް މުވައްޒަފުންގެ ފިއުޗަރ ބްލޮކްކޮށް، މިބޭކަނބަލަކަށްވުރެ ތަންދޮރުފިލާފައި ހުރި މުވައްޒަފަކުނަމަ ސައިޒަށް ކަނޑާލުމަށް ގެންގުޅުއްވަން ފެއްޓެވި ލަދުހަޔާތްކުޑަ ސިޔާސަތުގެ ސަބަބުން، އެމް.ޑަބްލިޔު.އެސް.އޭގައި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިއްބެވި ޤާބިލް އެތައް އެތައް މުވައްޒަފުންނެއް އެތަނާ އަލްވަދާޢުކިޔަންފެށުމާއި، ވިލާތުގެ ދޮންކޮންސަލްޓެންޓުން ފެނުމުން މިބޭކަނބަލެއްގެ ހިތްނިޔަތް ގޯސްވެ، ކަމުގެ މަޠުލަބު އޮޅި، ހިތުގެ ވިންދު އަވަސްވެ، ދެފައިންޕުޅުގެ ލޭ ދައުރުވުން އަވަސްވެ ދެފައިންޕުޅަށް އެހަރަ ވަމުންދިޔަ "އަބުއި" ސިފަތަކުގެ ސަބަބުން، އާއްމުރައްޔިތުންގެ ކުރިމަތީގައި އިސާހިތަކު، މި އެމް.ޑަބްލިޔު.އެސް.އޭ އެކޭ ރަންކަމަނައޭކިޔާ މަސާޖުޕާލާއެކޭ އެއްފެންވަރަށް ތަނުގެ އަބުރާއި ކަރާމާތް ވެއްޔާ މޮޑެވިގެންދިޔައެވެ. މިވާހަކައިގެ ތެދުކަން ހޯއްދަވާލެއްވުމަށް، އަލްމުޙްތަރަމް މުޙައްމަދު ނިހާމްފަދަ، އާޒާދެވާދި މުޙްތަރަމާ ސަޢީދާ މުޙައްމަދުފަދަ، އަލްއަޚް އަޙުމަދު ޒާހިދުފަދަ ބޭބޭކަލުންނާއި ކަނބަލުންކުރެން، ސުވާލު ދަންނަވާލުން ރަގަޅުވާނެއެވެ.

ކޮންމެއަކަސް މިދެންނެވި ބޯހާވާލި ކަނބުލޭގެ އެމް.ޑަބްލިޔު.އެސް.އޭގެ މައްޗަށް ވެރިވެ، ދިވެހިތާރީޚުގައި މަޝްހޫރު އެނދިމަރިޔަނބު ޅަފިރިހެންކުދީންނާއި ޢަރަބިކަރައިގެ ބަބުރުން ކިހިލިފަތީލައްވައިގެން ރެނދަލިކުރެއްވިބީދައިން، ދޮންކޮންސަލްޓެންޓުން އަރިހުލައްވައިގެން، އެމް.ޑަބްލިޔު.އެސް.އޭ އެހެރަގެން ހިންގަވަން ފެއްޓެވި ހަޑިމުޑުދާރުގޮތުގެ ސަބަބުން، ތަނުގެ ހައިބަތާއި، ގަދަރާ ޢިއްޒަތް ވެއްޔާ މޮޑެވި، އެއޮފީހުން ކުރެވޭ މާބޮޑު މަސައްކަތެއް ނެތި، މުޅީން ބޭކާރު އޮފީހެއްގެގޮތުގައި މަރުވާމީހުންވަޅުލާ ސަހަރާގާތުގައި ދުވަސްތަކަކު މިއޮފީސް ބަހައްޓައި، އެއޮފީހަކީ ސަރުކާރު އޮފީސްތަކުގެ ތެރެއިން ތިންވަނަދަރަޖައިގެވެސް އެންމެ ދަށްފަތީގެ އޮފީހަކަށް ބަދަލުވެ، ތަން ކަފުންކޮށް، ހިނަވާންޖެހޭ ހިސާބަށް ދިޔުމުން، އެއްކަލަ ބޯހާވާލި ކަނބުލޭގެވެސް، ދެންއަވަހަށް ބެލީ އެއްގޮތަކުން ނުވީއްޔާ އަނެއްގޮތަކުންވެސް އެތަންދޫކޮށް، އެހެން ގަލެއް ފެނޭތޯ އުދުއްސައިގަނެވޭތޯއެވެ. (ނުނިމޭ)

No comments: