Tuesday, May 13, 2008


ކުވޭތުގެ ކުންފުންޏެއްކަމަށްވާ އަލް ހަބްޝީއިން ތ.ތިމަރަފުއްޓާއި ޅ.ނައިފަރަށް ފަރުމާކުރި ނަރުދަމާ ޑިޒައިންތަކުގައި ޚިޔާލީ ޢަދަދުތަކަކާއި ޚިޔާލީ ރޮގުތަކެއްގެ އިތުރުން އެއްވެސް ތަފުޞީލެއް ނެތި ޑިޒައިންތައް ތަސްދީގުކޮށް ނިމިއްޖެ

* މިިހާރު ފަރުމާކުރެވޭ ރަށްރަށުގެ ނަރުދަމާ ޑިޒައިންތައް ދަނޑިފަނުން ގެ އެޅުމެކޭ ތަފާތެއް ނެތް.

ދަނޑިފަނުން ގެއެއް އަޅާނަމަ ހަތަރު ކަނުގައި ހަތަރު މުޑި ޖެހުމަށް ފަހު ގެ އެޅުމުގެ މަސައްކަތް ފަށަންވީއެވެ. އެކަމަށް މާމޮޅު ފަންނުވެރިއެއް ބޭނުމެއް ނުވެއެވެ. މާމޮޅު ޑިޒައިނެއް ބޭނުމެއް ނުވެއެވެ. ފަރުމާކުރާކަށްް ނުޖެހެއެވެ. ތިމާވެއްޓަ އަސަރުކުރާ މިންވަރު އަންގައިދޭ ރިޕޯޓް (އީ.އައި.އޭ) ހަދާކަށް ނުޖެހެއެވެ. އެއާއި ޚިލާފަށް ރަށްރަށުގެ ބަނދަރުހެދުންް، މަދަރުސާ ޢިމާރާތްކުރުން، މިސްކިތް ބިނާކުރުންް ފަދަ ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މިބާވަތުގެ ކަންކަންކުރުމުގައި އެއަށް ރަގަޅު ޑިޒައިނެއް ނެތި ނުވަތަ އެމަސައްކަތް ކުރަންވާގޮތުގެ ތަފުޞީލާއި މިންތައް ކަރުދާހުގައި ބަޔާންކުރެވި ފެންނަންނެތި މި ޒަމާނުގައި އެއްވެސް ބަޔަކު މިބާވަތުގެ އެއްވެސްކަމެއް ކުރާނެހެންް ހީއެއް ނުވެއެވެ. ނަމަވެސް ހިތާމައަކީ، ރަށްރަށުގައި އުފެދޭ ނަޖިހާއި ނަޖިސްފެން ރައްކާތެރިގޮތުގައި ނައްތާލުމަށްޓަކައި ރަށްރަށުގައި ޤާއިމްކުރެވޭ ނަރުދަމާ ނިޒާމް ފަރުމާކުރުމަށް މިލިއަނުން ޚަރަދުކުރާއިރު އެކަށީގެންވާ ފަރުމާއެއް ނުވަތަ ޑިޒައިނެއް ނެތި ވަޅުލަމުންދާކަމެވެ. ނުވަތަ ވަޅުލުމަށް ތައްޔާރުވަމުންދާކަމެވެ.

މި ނިޒާމްތައް ފަރުމާކުރުމަށްޓަކައި ގާތްގަނޑަކަށް ރަށަކަށް ފަސްލައްކައެއްހާ ޑޮލަރު ހޮޅިކުރަހާ (ޑިޒައިންކުރާމީހުން) މީހުންނަށް ދީގެން ފަރުމާކުރަމުންދާ ނިޒާމްތަކުގެ ކަންތައްތައް ހުރިގޮތަކީ، ނަރުދަމާ ޑިޒައިން ފަރުމާކޮށް ނިމި ހުރިހާ ބިލްތަކަށް ފައިސާދީ ޚަލާސްކޮށް އަތްދޮވެލާއިރުވެސް ނަރުދަމާގެ ޑިޒައިން ފެންނަވަރެއް ނުވެއެވެ. މިކަމަށް ބޭނުންވާ ޑްރޯވިންގސް ފެންނަވަރެއް ނުވެއެވެ. ޑިޒައިނަކީ ކޮބައިކަން އެގެން ނުހުރެއެވެ. ތަފުސީލެއް ފެންނާން ނުހުރެއެވެ. ރަށްރަށުގައި ކުނިކަހަން އަތިރިމަތީގައި ތިބޭ އަންހެން ކަބަލުންގެ ކުލަފޮޓޯކޮޅަކާއެކު ވިއްސަކަށް ޞަފުޙާގެ އިގިރޭސިބަހުން ލިޔެވިފައިވާ ރިޕޯޓެއް ފިޔަވާ އެހެން އެއްޗެއް ހުށަހަޅާތަނެއް ނުފެނެއެވެ. ރަށްރަށުގައި ހުރި ފެންވަޅުގެ ޢަދަދާއި، ވަޅުވަޅުގައި ބޭނުންކުރާ ދާނި ތަކުގެ ޢަދަދާއި، ފެން ވަޅުތަކުގެ ފުންމިނާއި، ވަޅުފެނުގެ ޕީ.އެޗް ނޫން އެހެން އެއްޗެއް މި ރިޕޯޓުން ފެންނަން ނުހުރެއެވެ. ރަށްރަށުގައި ޤާއިމްކުރަންޖެހޭ ނަރުދަމާ ޑިޒައިން ކުރުމުގައި އެކަމަށް ބޭނުންވަނީ ރިޕޯޓްތަކެއްތޯއެވެ. އެކަމަށް ބޭނުންވަނީ ގޮޑުދަށުގައި ހުރި ހުއިފަތާއި، ރަށްރަށުގައި ހުރި ފެންވަޅުތަކުގެ ޢަދަދުތޯއެވެ. ވަޅުވަޅުގެ ޕީއެޗާއި ފެނުގެ ކޮންޑަކްޓިވިޓީތޯއެވެ. ރައްޔިތުންގެ ފައިސާއިން ބޮޑު އަގުދީގެން ޑިޒައިން ކުރުވާއިރު އެ ނިޒާމްގައި ހިމެނޭ މުޅި ނެޓްވޯކްގެ ފްލޯ ކަލްކިއުލޭޝަން ފެންނާން ހުންނަށް ނުޖެހޭތޯއެވެ. އެނިޒާމްގެ ހޮޅިލައިންތަކުގެ ލެވެލްސް އެގެން ނުޖެހޭތޯއެވެ. އެނިޒާމަކީ އެ ނިޒާމް ބޭނުންކުރުމުގައި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެދާނެ ބޮޑު މުސީބާތަކަށް ނުވާނެ އެއްޗަކަށް ހަދަންް ނުޖެހޭތޯއެވެ. އެހެން ބައްރުތަކުގައި ޤާއިމް ކުރެވޭ ނަރުދަމާ ނިޒާމްތަކުގެ މައި ހޮޅީގެ ތެރެއިން އާދައިގެ ދިވެއްސަކަށް ހަމަޖެހިގެން ހިނގާލެވޭއިރު ރާއްޖޭގެ ރަށްރަށަށް ފަރުމާކުރެވޭ ނަރުދަމާ ނިޒާމްތަކުގައި އިސްތައްޓެއްހާ ހިމަ މައި ހޮޅި ބޭނުންކުރަމުންދާއިރު، މިނިޒާމަކީ ނަޖިހާއި ނަޖިސްފެނުން ރައްޔިތުން ސަލާމަތްވެ ތިބެވޭނެ ދެމެހެއްޓެނިވި ނިޒާމަކަށް ހަދަން ނުޖެހޭތޯއެވެ.

މިފަހަރުވެސް މިބަލާލަނީ ހޮޅިކުރަހާ ބައެއްގެ ނަމުގައި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުން ދާ ކުވޭތުގެ ކުންފުންޏެއްކަމަށްވާ އަލް ހަބްޝީ އިން ތ. ތިމަރަފުއްޓަށާއި ޅ. ހިންނަވަރަށް ފަރުމާ ކުރި ނަރުދަމާ ނިޒާމްތަކުގެ މައްޗަށެވެ.

ނަޖިހާއި ބެހޭ މިނިސްޓްރީގެ ޑިޒައިން ކޮންޓްރޯލަރުގެ އިރުޝާދާއި ލަފާގެ މަތީން ކަޓް އެންޑް ފްރެންޑްލީ އުސޫލުން އަލް ހަބްޝީއިން ޅ.ހިންނަވަރާއި ތ.ތިމަރަފުއްޓަށް ފަރުމާކުރީ ނަރުދަމާ ނިޒާމްތަކެއްކަމެއް ނުވަތަ ކަޓް ދަމާ ނިޒާމްތަކެއްކަމެއް އެގޭކަށް ނެތެވެ. ބޮނޑަށް ވައްތަރީ ކަޓް ދަމާ ނިޒާމްތަކަކާއެވެ. 500،000 އެމެރިކާ ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން އަލް ހަބްޝީއިން މި ދެރަށަށް ތައްޔާރުކުރި ނަރުދަމާ ޑިޒައިންތައް ނިމި އެ ޑިޒައިންތައް ޑިޒައިން ކޮންޓްރޯލަރ ތަޝްދީޤު ކުރިއިރު ނަރުދަމާވަޅުލަން ބޭނުންވާ އެއްވެސް ތަފްޞީލެއް ފެންނާކަށް ނެތެވެެ. ތަފުޞީލީ ސްކޭލްކުރެހުންތަކެއް ފެންނާކަށް ނެތެވެ. މަގުމަތީ ވަޅުލާން ޖެހޭ ހޮޅިލައިންތަކުން ބޭރުކުރަން އުޅެނީ ނަޖިސްފެންކަމެއް ނުވަތަ މާމުއި ކަމެއް އެގޭކަށް ނެތެވެ. ނަރުދަމާ ނިޒާމެއްގެެ، ގެއިން ބޭރުވާ ހޮޅި (ލެޓަރަލްސް) އިން ފެށިގެން މަގުމަތީގައިވާ ހުރިހާ ހޮޅިތަކަކީ މިފަދަ ނިޒާމެއްގެ ވަރަށް މުހިންމު ބަޔަކަށް ވީހިނދު މި ހޮޅިތަކުގެ ފްލޯ ވެލޯސިޓީ ނުވަތަ އޭގެ ކަލްކިއުލޭޝަންސްތައްް ފެންނާކަށް ނެތެވެ. މުޅި ނެޓްވޯކްގައި ހިމެނޭ ހޮޅިލައިން ތަކުގައި ހިމެނޭ ކޮންމެ ހޮޅިއަކީ އޭގެ ލެވެސް ނުވަތަ ހޮޅިލައިން ތަކުގެ ކަތިމިން އެގެން ހުންނަންޖެހޭ އެއްޗަކަށް ވީއިރު އެއްވެސް ހޮޅިލައިނެއްގެ ލެވެލްސް ފެންނާކަށް ނެތެވެ. ރިޕޯޓަށް ބަލާއިރު ފެންނަންހުރީ ޚިޔާލީ ޢަދަދުތަކެވެ. ޚިޔާލީ ރޮނގުތަކެވެ. ޚިޔާލީ ގޮޅިތަކެވެ. ނަރުދަމާ ހޮޅި ޑިޒައިން ކުރުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރަނީ މޭނިންގސް ފޯމިއުލާ ކަމުން، މި ފޯމިއުލާ ބޭނުންކުރެވުނު ހިނދު ނަޖިސްފެން ޗޫސްލާފައި އަރައިގެން ދަނީި ޖައްވަށްކަމެއްް ނުވަތަ ހޮޅިލައިންތަކުގެ ތެރެއިން ކަމެއް އެގޭކަށް ނެތެވެ. މިއިން އެއްވެސް ތަފްޞީލެއް ޑިޒައިންގައި ފެންނަންނެތި މުޅި ޑިޒައިންވެސް ޚިޔާލީ ޢަދަދުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ޑިޒައިންއަށް އެއްވެސް ބެލުމެއް ނެތި ތަޝްދީގުކޮށް، ދެވަނަ ކޮންޓްރެކްޓެއް އަލް ހަބްޝީއަށް ދީފައިވާކަމީ މައްސަލައެކެވެ. ސުވާލުއުފެދޭ ކަމެކެވެ. އަލް ހަބްޝީ ކިޔާ ކުވޭތުގެ މިކުންފުންޏަކީީ ޖަމަލުގެ ނަޖިސް ނައްތާލާ ނިޒާމް މެދު އިރުމަތީގެ ޤައުމުތަކުގައި ފަރުމާކުރުމުގެ މަސައްކަތް ކޮންމެވެސް ވަރަަކަށް ކޮށް އުޅުނު ބައެއްކަމުން، ދިވެހިންގެ ނަޖިހާއި ޖަމަލުގެ ނަޖިހާއި ގުޅުމެއް ހުރިކަމަށް ފެންނާތީ ޑިޒައިން ކޮންޓްރޯލަަރަށް ކަމުގޮސްގެން ދިނީކަމަށް ބެލެވިދާނެއެވެ.

ރަށްރަށަށް ފަރުމާކުރެވެމުންދާ ނަރުދަމާ މިނިޒާމްތަކުގެ މައިހޮޅީގެ އެތެރޭގެ ޑައިމީޓަރ އިސްތައްޓެއް ހާ ހިމަ ހޮޅި ބޭނުންކޮށް ފަރުމާ ކުރަމުންދާ މި އަގުހުރި ނިޒާމްތަކުގެ ފަރުމާ ކުރުމުގެ ކަންތައްތައްް އިނދަ ޖެހެމުންް ދާއިރު ނަޖިހާއި ބެހޭ މިނިސްޓަރު ހަނު ހުންނަވާކަމީ ހިތާމަހުރިކަމެކެވެެ. ސުވާލު އުފެދޭކަމެކެވެ. މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމް.ޑަބްލިޔޫ.އެސް.އޭ) އަކީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ކަންކަން ރެގިއުލޭޓް ކުރުމަށް މެންޑޭޓް ދެވިފައިވާ މުއައްސަސާއަކަށް ވީހިނދު މި އޮތޯރިޓީގެ ދައުރު ހަނިވެ ދެފިޔަ ބިންދާލާފައިވާ ދޫންޏެއްހެން ހަރަކާތްތެރި ވަމުންދާކަމީ މައްސަލައެކެވެ.

އަލް ހަބުޝީއިން ތ.ތިމަރަފުއްޓަށާއި ޅ.ހިންނަވަރަށްް ތައްޔާރުކުރި ޑިޒައިންގެ ޙާލަތު ހުރިގޮތަކީ މިއީކަމަށް ވެފައި ޑިޒައިން ކޮންޓްރޯލަށާއި އެސިސްޓަންޓް ޑިޒައިން ކޮންޓްރޯލަރުންނަށް މިކަން އެގިތިބެ، ޏ.ފޯއްމުލަކާއި ހއ.އުތީމުގެ ފެނާއި ނަރުދަމާ މި ދެބައި ފަރުމާކޮށް ޑިޒައިންކުރުމަށް އަނެއްކާވެސް 500،000 ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން އަލް ހަބްޝީއަށް ދިންކަމީ ސުވާލުއުފެދޭކަމެކެވެ. ހަބްޝީއިން މިފަހަރު ގުޅުނު ދިވެހި ކުންފުންޏަކީ ރިޔަން ޑިޒައިންކަމަށްވިޔަސް، ރިޔަންގެ މާބޮޑު ދައުރެއް މިކަމުގައި ނެތެވެ. މިކަމުގައި ރިޔަން ޑިޒައިންގެވެސް ދައުރަކީ ސިޓީބެހުމާއި މިރަށްރަށަށް ދިއުމަށް ދަތުރު ހަމަޖެއްސުންފަދަ ޕިއޯނީ އެންޑް ލޮޖިސްޓިކީ ކަންކަމެވެ. ހަބްޝީއިން ހުށަހެޅި ޑިޒައިންގައި ބޮޑެތި މައްސަލަތައް ހުރިކަން ކަމުގެ ތަޖުރިބާ ހުރި މިނިވަން އެހެންފަރާތްތަކުން ކޮންޓްރޯލާއަށް ހުށަހަޅަމުން ދިޔަކަމުގައިވީނަމަވެސް، އޭގައި މިކަމަށް ބޭނުންކުރާ ފޯމިއުލާ އެގެން އެބަހުރިކަމަށާއި ފޯމިއުލާ ބޭނުންކޮށްގެން ބޭނުންވާ ކަލްކިއުލޭޝަންސް ހެދިދާނެކަމަށް ބުނެ ޑިޒައިން ތަސްދީޤުކޮށް ބިލްތަކަށް ފައިސާދީ ޚަލާސްކޮށްލިކަމީ ބަލަންވެއްޖެ ކަމެކެވެ. 500،000 ޑޮލަރު ދީގެން ތައްޔާރުކުރެވޭ ނަރުދަމާ ނިޒާމްގެ ޑިޒައިން ހަމައެކަނި ފޯމިއުލާއަކުން ނިންމޭނަމަ، ޓެކްސްޓް ފޮތްފޮތުގައި ފޯމިއުލާ ހުރިކަން ޑިޒައިން ކޮންޓްރޯލަރަށް ހަމަ ނޭގެނީތޯއެވެ.

އެމް.ޑަބްލިޔޫ.އެސް އޭ ހިންގެވުމާއި ޙަވާލުވެ އިންނެވި ޑރ. ތިމާވެއްޓަކީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކެމްޕޭން ކުރައްވަމުން ގެންދަވާާ ބޭފުޅެއްކަމުން،ފެން ޓެސްޓުކުރުމުގެ ނަމުގައި ހަތަރު ވަރަކަށް ހުސްފުޅިއާއި ފެން ޓެސްޓުކުރުމަށް މިވެރިން ގެންގުޅޭ ވާގަނޑު ރޮޑު ހިފައިގެން ރަށްރަށަަށް ޒިޔާރަށްކޮށް، ފެންވަޅުތަކުގެ މިންޖެހުމާއި ފެން ޓެސްޓުކުރުންފަދަ ކަންކަމުގެ އިތުރުން ބޯފެނާއި ސިޔާސީ ޕާޓީތަކާއި ހުރި ގުޅުމުގެ މައްޗަށް ޕްރެޒެންޓޭޝަން ދިނުންފަދަ ކަންކަން ވަރަށް ފޯރިއާއެކު މިހާރު ދަނީކުރަމުންނެވެ.އަދި މިދާ ދިއުމުގައި ގޭގޭގެ ފެންވަޅުތަކާއި ސައި ތަރަމޯޒްތަކުގައި ހުންނަ ފެނުގައި އެޗްޓޫ.އެސް (ހައިޑްރިޖަން ސަލްފައިޑްސް) ހުންނަ މިންވަރުވެސް މިވެރިން ގެންގުޅޭ އިގިއްޔެއްވަރުގެ ފުޅިތަކެއް ހިފައިގެން ގޮސް ދަނީ ބަލަމުންނެވެ. މިކަން މިކުރަނީ، ދާދިފަހުން މާލޭގެ މަސްމާރުކޭޓްގައި ހިނގާދިޔަ ހިތާމަވެރި ޙާދިސާއާއި ގުޅިގެން އެފަދަަ ކަމެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތަކުރާރު ވިޔަ ނުދިނުމަށް ކުރެވޭ ޚާއްޞަ ކަމެއްގެ ގޮތުން ކަމަށް މަޢުލޫމާތު ލިބެއެވެ.

3 comments:

Anonymous said...

interesting, keep it up.great work

Anonymous said...

very good

Anonymous said...

MWSA hinganee party nuhedhigen ulhey faruthakuge dr. eh fen ministry ge parmanent secretary akee hama evaru meeheh TV ah araa foni kendun noon kameh nudhanna fonii salley, narudhamaa minister akee bodudhaahihlaa mashoor adubarey. miverin thibegen isthahteh varu holhi libey kan ves rangalhu mulhin thaneh dhoreh nudhanna jaahilun