Tuesday, August 26, 2008

ނަރުދަމާ މިބަސް އަނގައިން ބޭރުވާން ފެށީވެސް، ބޮޑުރާޅާއި ގުޅިގެން، މިވެރިންގެ އިސްތަށި ފީވެފައިހުރި ތަލައިގައި ރައްޔިތުން ދޮންދަނގަނޑު ޖައްސާ، ތަލައިން ސިނގިރޭޓް ރޯކުރަން ފެށި ހިސާބުން.

ފެށުން

"މިއީ ވަރަށް ބަސްއަހާ، މަސައްކަތްތެރި، ސަރުކާރަށް ކިޔަމަންތެރި، ވަރާތެރި، ލޯބި ރައްޔިތަކު ދިރިއުޅޭ ރަށެއް، މިރަށުގެ ރައްޔިތުންނަށް މިހާރު އެންމެބޮޑަށް ބޭނުންވެފައިވާ މިރަށުގެ ނަރުދަމާގެ މަސައްކަތް ކައިރި މުސްތަޤުބަލެއްގައި ފެށޭނެ، އެކަމަށް މިދަނީ މަސައްކަތްކުރަމުން" އެއްކަލަ އަނގައިން އަނެއްކާވެސް މިފަދަ ބަސްތައް ރައްޔިތުންނަށް އިއްވާ މޫސުން މިއޮތް ލައިގަތީއެވެ. ބިސް އަޅަން ގޮޑުދޮށަށް ވެލާ އަރާހެން ރަށްރަށަށް އަރާ މޫސުން ބޯމަތިވީއެވެ. ތަފާތަކީ، މުޅިން އާ ވެލާތައް މިފަހަރު އުޅޭކަމެވެ.

ނަރުދަމާ އަޅަން ފައިސާ ނުވަތަ ސައްލި ހުސްވުން

ނަރުދަމާ ނިޒާމް އަޅާނެކަމަށް ނަރުދަމާ މިނިސްޓްރީގެ ޑިޒައިން ކޮންޓްރޯލަރު އިޢުލާންކުރި ރަށްރަށުގެ ލިސްޓް 15 ނަމްބަރުގެ 6 ބޮޅު ކަންވާރުހާ ދިގުވެ، ރަށްރަށުގެ ނަންތައް ބެނާރތަކުގައި ލިޔެ މަގުތަކުގައި ފެންނާން ބެހެއްޓިއަސް، ނަރުދަމާ ނިޒާމް ވަޅުލާން ބޭނުންވާ ފައިސާ ނުވަތަ ސައްލި ނެތި، އެ ވަޅުލެވޭނެ ހެއްޔެވެެ. ހަގީގަތުގައި ފައިސާ ނެތީއެއް ނޫނެވެ. 30 އަހަރު ދުވަހު ނައަޅާ ހުރި ނަރުދަމާ ހަފުތާއެއްގެ ތެރޭގައި އަޅަންވީމަ ކޮށި އެރީއެވެ. އަނގައިން ނަރުދަމާ މިބަސް ބޭރުވާން ފެށީވެސް، ބޮޑުރާޅާއި ގުޅިގެން، މިވެރިންގެ އިސްތަށި ފީވެފައިހުރި ތަލައިގައި ރައްޔިތުން ދޮންދަނގަނޑު ޖައްސާ، ތަލައިން ސިނގިރޭޓް ރޯކުރަން ފެށި ހިސާބުންނެވެ. ދަމާ ކޫއްތަމުން، ބޮލަށް ސިގިރޭޓްގެ އަޅިކަނޑަމުން ރައްޔިތުން ދުވަން ފެށި ހިސާބުންނެވެ. އޭގެ ކުރިން "ނަރުދަމާ" މިބަސް އަޑު އިވުނަސް ކޮށިއަރާގޮތްވެ، ތަލައިގެ ހަން ދޫވުން ފަދަ ތަފާތު އައުދަޔާއި ޚިލާފު އެތައްކަމެއް މިވެރީންނަށް ވަނީ ދިމާވެފައެވެ.

ނަރުދަމާ އަޅާ ރަށްރަށުގެ ލިސްޓް ޗާޕްކުރުން

2020 ތަޞައްވުރުގެ ތެރެއިން މި ޤަރުނުގައި ނަރުދަމާ އެޅޭނެކަމަށް ލަފާކުރާ ރަށްރަށާއި، 2040 ގައި އަޅަން ކަނޑައަޅާފައި ހުރި ރަށްރަށްވެސް ހިމެނޭގޮތަށް، ލިސްޓްހަދާ ޗާޕްކުރުމަކީ، ނަރުދަމާ މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަކަމެކެވެ. ބޮޑު ރާޅާއި ގުޅިގެން، ލިސްޓް ހެދި ޢަދަދެއްވެސް ނޭގެއެވެ. ދުވަހު ނޫސްތަކާއި އިންޓަރނެޓްގައި ނަރުދަމާ އަޅާ ރަށްރަށް 12 އިން 15 އިން ކަނޑައަޅާ ރޯދައަށް ކަދުރު ބަހާހެން ރަށްރަށް ބައިބަޔަށް އަޅާ ލިސްޓް ހަދަމުން ދާއިރު، މިއީ ދައްކާލާ ދަޅައެއްކަން ރައްޔިތުންނަަށް އެގެއެވެ.

ނަރުދަމާ ގަށާ މެޝިންގެ ވިޔަފާރި (ޔުނިސެފް ފަދަ ޖަމާޢަތްތަކުން) ކުރުން

ނަރުދަމާ މިނިސްޓްރީއިން މިހާރު ކުރަމުންދާކަމަކީ، ނަރުދަމާ އަޅާނެ ރަށްރަށް ކަނޑައަޅާ ރަށްރަށުގެ ލިސްޓް އެކި ސިފަ ސިފައިގައި ނޫސްތަކުގައި ޢިޢުލާންކޮށް ރައްޔިތުންނަށް ދަޅަ ދެއްކުމެވެ. ނަރުދަމާ އަޅާނެ ކަމުގެ ހުވަފެނީ ލިސްޓް ނޫސްތަކާއި އިންޓަރނެޓްގައި ޖެހުމެވެ. މިކަމުގެ ހެއްކަކީ، ބޮޑުރާޅާއިގުޅިގެން ހިލޭ އެހީދޭ ދެތިން ޖަމާޢަތަކުން ރާއްޖެއައިސް ޖޫސްބޯ ހޮޅި ބޭނުންކޮށް ދެ ތިން ރަށެއްގައި ކުރިކަމެއް ފިޔަވާ އެހެން އެއްވެސް ކަމެއް ފެންނާންނެތްކަމެވެ. ފުޅާ ދާއިރާއެއްގައި ސްޕްޓިކް ޓޭންކާއި ނަރުދަމާ ގަށާ މެޝިންގެ ވިޔަފާރި ( ޔުނިސެފު ފަދަ ކޮރަޕްޓް ޖަމްޢިއްޔާތަކުން) ހިންގަމުންދާއިރު ކުޅިބަލަން ތިބުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެެ.

ހުވަފެނީ ޕްރޮޖެކްޓް ކޮންޓްރެކްޓް ކުރުން

މިދެންނެވި ހުވަފެނީ ލިސްޓް ނޫސްތަކުގައި ޖެހުމަށްފަހު، ނަރުދަމާ ނިޒާމް ފަރުމާކުރުމުގެ ނަމުގައި ކައިރި ގައުމުތަކުގައި ތަޅުދަނޑި ހަދާ ކުންފުނިތަކާއިި، ޓިނުން ތެލިތާސް އުފައްދާ ކުންފުނިތަކަށް ދަޢުވަތުދީ ރާއްޖެ ގެނެސް މަޝްރޫޢުތައް ޙަވާލުކުރުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ. ބޮޑުރާޅަށްފަހު، ކުރާން ފެށި މިކަން ނިމި ހަމަޖެހިލައިގެން އިށީގެ އިނދެ ފްލަޝްކުރެވޭ ހިސާބަށް ދިޔަ އެއްވެސް ރަށެއް ނުފެނެއެވެ.

ނަރުދަމާގެ ތަޞައްވުރު

ނުޖޫމީ ތަރިތަކުގެ ފަލަކީ ހިސާބަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ %95 މީހުންނަކީ ނަޖިސްފެނުން ފެންވަރާ، ނަޖިސްފެނުން އެއްޗެހި ދޮވެ ކެއްކުމަށް ނަޖިސްފެން ބޭނުންކުރަމުން އަންނަ ބަޔެކެވެ. އާބާދީގެ %75 މީހުން ބުއިމަށް ބޭނުންކުރާ ފެނަކީ ތަޢައްޔަރު ވެފައިވާ ފެނެވެ. މިހާތަނަށް ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ޖަރާސީމުގެ އަސަރު ނުވަތަ ނަޖިހުގެ އަސަރުކޮށްފައި ނެތް އެންމެ ފެންވަޅެއްވެސް ނެތެވެ. މިކަމުގެ ޙާލަތު ހުރިގޮތަކީ މިއީ ކަމަށްވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ނަރުދަމާއި ބޯފެން ލިބި ދޭންޖެހޭ ރެށެކެވެ، މިކަމަށް ލިސްޓް ހަދުމަށްފަހު އޯފް ސެޓުން ޗާޕްކޮށް ހަމްދޫނު ކައިރިއަށް ދުވަން ޖެހޭތޯއެވެ.

Sunday, August 10, 2008

ނަރުދަމާ މިނިސްޓްރީއަކީ މީހުން އެހެލުމުގެ ދިރާސާކުރަމުން އަންނަ، އަކުން ބަކުން ކުޅެން ހުރި ހަރުގެއެއްތަ؟

* ދަޢުލަތުގެ ވުޒާރާތަކުގެ ތެރެއިން، އެ ވުޒާރާއެއްގެ ތެރޭގައި ހަމަ ނުޖެހުން އެންމެ ބޮޑު، އެކަމަކު މިކަން ރައްޔިތުންނަށް ނޭގޭ ހަމަ އެކަނި ވުޒާރާއަކީ ނަރުދަމާ މިނިސްޓްރީ

ނަރުދަމާ މިނިސްޓްރީ ހިންގުމަށް ހުންގާނުގައި ހުރި ބޭ އަކީ، އެ ބޭ މިނިސްޓްރީ އޮފް ހެލްތު ހިންގި ދުވަސްވަރުވެސް، ތަނުގެ ތެރޭގައި ތިބޭ މީހުން އެން ވަށިގަނޑަށް ލުމަށްފަހު މަސް އައިނަކަށް ރެހި އުކާހެން އުކަ އުކާ ހުރި މީހަކަށް ވީތީ، 21 ވަނަ ޤަރުނުގައިވެސް، މި ބޭ މިނިސްޓްރީ ހިންގަން އުޅެނީ އިހުވެސް ހިންގިގޮތަށެވެ. ނަރުދަމާ މިނިސްޓްރީތެރޭގައި މިހާރު ތިބި ހައެއްކަ ފެމުނުގެ ބަލާވެރިކަން އިންތިހާއަށް ގޮސް، މިތަން އެހެން މީހުންނަށް ބިރަކަށްވެ، ތަނުގެ ދުވަސް ގޮސްފައިވާއިރުވެސް، މިދެންނެވި ނަރުދަމާ ބެ، މަސައްކަތް ކުރަނީ، ތަނުގެ ތެރޭގައި ތިބި ޤާބިލު ފަންނީ ބޭފުޅުންގެ ލޮލަށް އިނގިލިކޮށްޕާ، އެތަނުން ބޭރުކުރުމަށެވެ.

މިގޮތުން، ފާރޫޤު މުޙައްމަދު ޙަސަން މިދިޔަ ހަފުތާ ތެރޭގައި އީ.އާރު.ސީ އަށް ބަދަލު ކުރިކުރުން ހެއްކަކަށް ފުދެއެވެ. އަދި މިތަނުގައި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން އަންނަ ފަންނީ ބޭފުޅެއްކަމުގައިވާ އަލްފާޟިލު އަޙުމަދު ވަޙީދު ނަގާ އެއްލާލުމަށްވެސް ރާވަމުން ދާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިއީ މިނިސްޓްރީ ހިންގުން ތޯއެވެ. މިއީ ރަށްރަށުގައި ނަރުދަމާ އެޅުންތޯއެވެ. ޕަރުމަނަންޓް ސެކެސްޓްރީ 35000 ގެ މުސާރައަކާއެކު، ކަނޑައެޅީ މުވައްޒަފުން އެންވަށިގަނޑަށް ލުމަށްފަހު ކަނޑަށް އުކަންތޯއެވެ.

މިނިސްޓްރީތެރޭގައި މަސައްކަތް ކުރަމުން އަންނަ އެކި މީސްމީހުން، އެއްވެސް ސަބަބަކާ ނުލައި އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަކީ، އެ ބަދަލުކުރެވޭ މީހާގެ ޙައްޤައް އަރައިގަތުން ކަމަށް ވާއިރު، މިފަދަ ނޭއްގާނި ޢަމަލު، ނަރުދަމާ މިނިސްޓްރީތެރޭގައި ހިންގުމަށް ހިއްވަރުދީ މިކަން ކުރަމުން އަންނަ މީހުން ތަނުގެ ތެރެއިން ލުހެލާނެ ބަޔަކު، މިމިނިސްޓްރީ ތެރޭގައި ހަމަ ނެތީތޯއެވެ. މިނިސްޓްރީތެރޭގައި އުޅޭ ހައެއްކަ ބޮޑު ބޯވައިގެ ބަލާވެރިކަމާ ހުރެ ރަށްރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމްތަކެއް ވަޅުނުލެވޭކަން ދިވެހިރައްޔިތުންގާތު ބުނަމެވެ. ރަށްރަށުގެ ރައްޔިތުން ގާތު ބުނަމެވެ.

މިދެންނެވި ބޯވަތައް ތަނުގެ ތެރެއިން ލުހެލާ، ރައްރަށުގައި ޤާއިމް ކުރެވެމުންދާ ނަރުދަމާ ނިޒާމްތަކުގައި ބޭނުންކުރަމުންދާ އައި.ވީ ހޮޅި ނަގާ އެއްލާލުމަށް ފަހު، މަޝްރޫޢުތަކަށް އާރޯކަމެއް ލިބޭނެގޮތް ހޯދުމަށް، އިއްޔެ ތަސްދީގު ކުރި އާ ޤާނޫނު އަސާސީ ދަށުން ރައްޔިތުން ނިކުންނަން ނުވޭތޯއެވެ.

މި ބުނި މިނިސްތަރީ އިން ކުރެވޭ ކަމަކީ، ތަނުގެތެރޭގައި ތިބި މިދެންނެވި ބޯވަތަކަށް ބޯ ނުލަނބާ މީހުން ލޮލަށް އިނގިލިކޮށްޕުމެވެ. އިށީންނަށް އިންނަ ގޮނޑިއަށް އަފުނޯސް ކަށި އެޅުމެވެ. ކޮޓަރިތެރެއަށް މިރުސް ދުން އެޅުމެވެ. މިތަން ޙިޞާރުކޮށްގެންްތިބި ހައެއްކަ މީހުންގެ ބަލާވެރިކަމާހެދި، ތަނުގެ ތެރޭގައި މަސައްކަތް ކުރާން ތިބި ހީވާގި، ފަންނީ މީހުން ގޮތްހުސްވެގެން ކޮޅުކޮޅަށް ދުވާ މަންޒަރު ނޫން މަންޒަރެއް ނުފެނެއެވެ.

ނަރުދަމާ މިނިސްޓްރީ ހިންގުމާއި ޙަވާލުވެ އިންނެވި ކެޔުޅު ބޮލަށް އަޅި ކަނޑަމުން ރަށްރަށުގެ ރައްޔިތުން ދުވާއިރު، ކެއުޅު އުޅެނީ ނަރުދަމާ މިނިސްޓަރީގައި ތިބި ފަންނީ މީހުން ރާޒުވާ ބައެއްގެ މަނާފުށް ތަކެއް ހިލުވާހެން ކޮޅުކޮޅަށް ދެމޭތޯއެވެ. އެއްގޮޅިން އަނެއްގޮޅިއަށް ލެވޭތޯއެވެ. އިހުވެސް ވުޒާތައް ހިންގި ބީދައިން ހިންގޭތޯއެވެ.

ނަރުދަމާ މިނިސްޓްރީގައި ތިބި އުންމީދުން ފުރިގެންވާ ޅަ ޒުވާނުން، އެއްއަޑަކުން، އަޑު އުފުލާ ތަނުގެ ތެރެގައި ތިިބި މިދެންނެވި ވިހަ ޖަރާސީމްތައް ތަނުން ލުހެ ބޭރުކުރުމަށް، އިއްޔެ ތަސްދީގު ކުރި ޤާނޫނު އަސާސީ ދަށުން އިހުތިޖާޖުކުރުމަށް ގޮވާލަމެވެ. މި މިނިސްޓްރީތެރޭގައި އުފެދިފައިވާ ބޭރަށް ހިނގުމުގެ ރޯނގާއި ބެހޭގޮތުން ދިރާސާއެއް ކުރުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލަމެވެ.

ޕަރުމަނަންޓް ސެކެސްޓްރީ ދޮން ސަލީމުއަކީ، ނަރުދަމާ މިނިސްޓަރުގެ ބަތްތަށިން ކެއުމާއެކު، މަސްރޮށި ޝެއާރކުރަން 35000ރ ގެ ބޮޑު މުސާރައެއް ދީފަ ހުރި މީހެއް ނޫންކަން ދޮން ސަލީމުއަށް ނޭގޭނަމަ، އެކަން އެނގޭ މީހަކާއި މަސައްކަތް ޙަވާލުކުރުމަށްފަހު ދިއުމަށް ގޮވާލަމެވެ.