Sunday, January 4, 2009

އުވިދިޔަ ސަރުކާރު ހިންގި ދުވަސްވަރު ރާއްޖޭގެ ފެނާއި ނަރުދަަމާ ސެކްޓަރގެ މައިހޮޅިތަކުގައި ޖަހާފައިހުރި ސަރުބި އަދިވެސް ފިލައިގެނެއް ނުދޭ. (ފުރަތަމަ ބައި)

*ސަރުބި ފިލުވާލެވޭނީ ސަރުބި އުފެދޭ ބާވަތްތައް މައިހޮޅިތެރެއަށް ނުދާގޮތަކަށް ފެނާއި ނަރުދަމާގެ މުވައްސަސާ ހެޔުވެރިކަމުގެ ދަށުން ރާވާލުމާއެކު، ސަރުބި އުފެދުމަށް މެދުވެރިވާ މާއްދާތައް ނައްތާލެވިގެން.

ރައްކާތެރި ސާފު ބޯފެން ލިބިދިނުމާއެކު ރަށްރަށުގައި އުފެދޭ ނަޖިހާއި ނަޖިސްފެން ރައްކާތެރި ގޮތުގައި ނައްތާލެވޭނެގޮތް، 30 އަހަރުގެ ދިގު ވެރިކަން ނިމިގެން ދިޔައިރު ރައްޔިތުންގެ %80 އިންސައްތަ މީހުނަށް ހޯދައި ނުދެވުނު އިރު އަލަށް ޙަވާލުވި ސަރުކާރަށް އެކަން ކުރެވޭނެ މުގުވެސް މިވަނީ ކޮށާނުލެވިއެވެ.

ހިތާމައަކީ، 30 އަހަރުގެ ދިގު ވެރިކަމެއް ނިމި، ރައްޔިތުންގެ ވެރިކަމަކަށް އަތުކުރިއޮޅާލުމާއެކު ހެޔުވެރިކަމެއް ހިންގަން ކަންކަން ރާވަމުން ނަޝީދުގެ ސަރުކާރުން ވަޑައިގަންނަވާއިރު، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ، ސަރުކާރުގެ މުވައްސަސާތަކަށް ހަރުދަނާ ބޭބޭފުޅުން އިސް ނުކުރައްވާކަމެވެ. ޚުދުމުޙުތާރުވެރިކަމެއް ނަގަހައްޓަން މަރުފަލިޖަހަމުން ދިޔަ އެތައްބައެއް ނަޝީދުގެ ސަރުކާރުގައި ފަންނީ ޚިދުމަތް ފޯރުކޮށްދޭ އެތައް މުވައްސަސާއެއްގައި އަދިވެސް ތިބިކަމެވެ. އޭރުވެސް ސަރުކާރުގައިތިބި ރައްލާޖެހި ބޭ ކަނބަލުންނާއި ބޭކަލުން ތިބިކަމެވެ. ކަމުގެ ޢިލްމާއި ހިލްމު ލިބިފައިވާ މީހުން ކަންކަމަށް އިސްނުކުރާކަމެވެ. މިގޮތުން، ރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ފާހަނގަކޮށްލަމެވެ.

ބޯފެނާއި ނަރުދަމާ މިދާއިރާއަކީ، އެންމެ ބޮޑަށް އޭރުވެސް ވަޅުޖެހިފައިވާ އެއްދާއިރާއެވެ. ވަޅުޖެހުނީއެއް ނޫނެވެ. ބަޔަކު ވަޅުޖައްސާލީއެވެ. ރާއްޖޭގެ ބޯފެނާއި ނަރުދަމާ މިހާބޮޑަށް ވަޅުޖެހިގެން ދިއުމަށް މެދުވެރިވި ސަބަބެއްކަމަށް ގިނަ ބަޔަކު އިއްތިފާގު ވަނީ، ބޯފެނާއި ނަރުދަމާ ދާއިރާ ހިންގުމަށް ހަރުދަނާ ވެރިއަކު ފަހުގެ ތާރީޚުތަކުގައި އިސްނުކުރިކަމެވެ. މި ދާއިރާއިން މީހުން ބިނާ ކޮށްފައި ނެތުމެވެ. މިދާއިރާއަށް ސަރުކާރުން އިސްކަމެއް ނުދިންކަމެވެ. ކަންކަން ހުރިގޮތަކީ މިއީކަމަށް ވީއިރު، ފަހުގެ ތާރީޚުތަކުގައި މިދާއިރާގައި ނުފޫޒުގަދަ އަންހެން ބޭކަނބަލެއްގެ ހަން ފެތުރިގެން ދިޔަ ދިއުން މިދާއިރާ އިތުރަށް ވަޅުޖެހިގެން ދިއުމަށް މެދުވެރި ސަބަބެއްކަމަށް އެދާއިރާގައި މަސައްކަތްކުރި އެތައްބައެއް އިއްތިފާގުވެއެވެ. ފަހުގެ ތާރީޚެއްކަމަށް މި ފާހަގަ ކޮށްލަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރެވެ.

މިދެންނެވި އަންހެން ބޭކަނބަލެއްގެ ބަލާވެރިކަމާހުރެ، އެދާއިރާގައި މަސައްކަތް ކުރަމުން ދިޔަ ފަންނީ އެތައްބައެއް ދާއިރާ ދޫކޮށް ދިޔަކަމީ، ފެނާއި ނަރުދަމާ ދާއިރާ އިތުރަށް ބަލިކަށިވެ ހީނަރުވެގެން ދިއުމަށް މެދުވެރިވި މައިގަނޑު އެއްސަބަބެވެ. ޑރ. ޢަބްދުލް އަޒީޒުގެ އަނބިގޮއި ޝަހީދާ އާދަމް އިބްރާހީމްގެ ހަން ފެނާއި ނަރުދަމާ އަށް މިހާބޮޑަށް ފެތުރި، ޝަހީދާގެ ބަލާވެރިކަން އިންތިހާއަށް ދިޔައިރު އެކަނބުލޭގެ ލުހެލާނެ ހިތްވަރު ވަޒީރުންކިބައިގައި ނެތްކަމީ ސުވާލު އުފެދިގެން ދިޔަކަމެކެވެ.

ފާއިތުވި 10 ވަރަކަށް އަހަރުތެރޭ، އެންމެ ފާހަނގަކޮށްލެވެނީ ސުނާމީ ކާރިސާއާއި ގުޅިގެން ރާއްޖޭގެ ފެނާއި ނަރުދަމާއަށް ހިލޭއެހީދޭ ޖަމާޢައްތަކުންނާއި އެކުވެރި ދަޢުލަތްތަކުން ފޯރުކޮށްދިން އެހީތަކަށް ސަރުކާރުން ޢަމަލުކުރަމުން ދިޔަގޮތެވެ. ރަށްރަށުގެ ބޯފެނާއި ފެނާއި ނަރުދަމާ ހަރުދަނާ ކުރުމަށް ލިބުނު ގިނަ އެހީ ބޭނުންކުރަމުން ދިޔައީ އުވިދިޔަ 30 އަހަރުގެ ދިގުވެރިކަން ދެމެހެއްޓޭތޯއެވެ.

ލިބިހުރި ބާރާއެކު ނަރުދަމާ މިނިސްޓްރީގެ ފެނާއި ނަރުދަމާ ސެކްޝަން ޝަހީދާ އިސްވެހުރެ ހިންގުމުގެ ނަތީޖާއަކަށްވެގެން ދިޔައީ، އޭރުގެ ނަރުދަމާ ވަޒީރު ބޮލަ ރަށްރަށުގެ ރައްޔިތުން ސިގިރޭޓް ނިއްވުމެވެ. ބޮލަށް ސިގިރޭޓް ކަނިކެނޑުމެވެ. ދުރުމުސްތަޤުބަލަށް އަމާޒުކުރެވިގެން ބޯފެނާއި ނަރުދަމާ ނިޒާމް އެއްވެސް ރަށެއްގައި ޤާއިމް ވެފައި ނެތްކަމެވެ. ހޯދައި ދެވުނު ބޯފެނުގެ ސަލާމަތާއި ރައްކާތެރިކަން ފެންނާން ނެތްކަމެވެ.

ބޯފެނާއި ނަރުދަމާގެ ކަންކަން ވިލަރެސް ކުރުމަށް، ހުންނެވި މިދެންނެވި ޝަހީދާއަކި، މިދާއިރާއަށް ކުފޫ ހަމަވާ މީހެއް ނޫންކަމުން، ރާއްޖޭގެ ފެނާއި ނަރުދަމާ އަށް ލިބެންހުރި އެތަކެއް އެހީއެއް ނުލިބި ދިޔަކަމީ، މިއަދު ޝަހީދާވެސް ލަދުގަންނަންޖެހޭނެކަމެކެވެ.

ލޯނާއި ހިލޭ އެހީގައި ރަށްރަށުގައި ޤާއިމްކުރުމަށް ފަރުމާކުރެވޭ ނަރުދަމާ ނިޒާމްތަކާއި ބެހޭ ކުރެހުންތަކާއި އެހެނިހެން ރިޕޯޓް ޝަހީދާގެ ކޮޓަރީގައި ކާށި ފީންޏެއްހެން ހުރި އިރު، މިއިން އެއްވެސް އެއްޗަކަށް ޢަމަލީ ސިފައެއް ނާދެއެވެ. އެނގޭހާވެސް ކަމަކީ، އިގިރޭސިވިލާތުގެ ހަށިހެޔު ފިރިހެން ބޭފުޅުން ރާއްޖެ ގެންނަވައިގެން، ބިމުގެ ފެން ތަޙުލީލުކުރުމެވެ. ފެންވަޅު ވަޅުން ފެންޓެސްޓުކުރުމެވެ. ބިމުގެ ފެންފަށަލައިގެ މޮޑެލް ކުރެހުމެވެ.

ނަރުދަމާ ނިޒާމެއް ފަރުމާކުރުމާއި ބެހޭ ބައްދަލުވުމެއް ބޭއްވިއަސް ޝަހީދާއަށް ބުނެލަން އެގޭހާވެސް އެއްޗަކީ " ގްރައުންޑް ވޯޓަރ ޓެސްޓް" މި ޢިބާރާތެވެ. ނަރުދަމާ އަކީ ކޯޗެއްކަމާއި، ނަރުދަމާ ނިޒާމްގައި ހިމެނޭ މުހިންމު ބައިތަކަކީ ކޮބައިކަމާއި، ދެމެހެއްޓެނިވި ނަރުދަމާ ނިޒާމެއް ރަށެއްގައި ޤާއިމް ކުރުމުން ރައްޔިތުންނަށް އެއިން ލިބޭނެ މަންފާއަކީ ކޮބައިކަމާއި، ދުރުމުސްތަޤުބަލަށް އަމާޒުކުރެވި ރަށާއި އެކަށޭނެ ނަރުދަމާއެއް ޤާއިމްކުރުމަށް މަޝްވަރާކުރުން ފަދަ ކަންކަމަށް އަނގަވެސް ހުޅުވާލަން ނޭގޭއިރު، ރީތިބަހުން މީހުނާއި މުޙާޠަބުކޮށް ވާހަކަދައްކަންވެސް ނޭގެނީއެވެ. ދިވެހިބަހުން ސިޓީއެއް އަމިއްލައަށް އިބާރާތްކޮށް ޓައިޕްކޮށްލަން ނޭގޭތާ، ކައިރީގައި ގެންގުޅޭ ކުދީންލައްވާ މިފަދަކަމެއް ކުރުވަންވެސް ނޭގެއެވެ.

ވީއިރު، މިވަރުގެ ބޭކަނބަލެއް، މުޙައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ނަރުދަމާ އާއި ފެނުގެ ޑީން އަކަށް ހައްދަވައިގެން، ނުވިތާކަށް ރަސްމީ ދަތުރުތަކުގައި ރާއްޖެއިން ބޭރަށްވެސް ގެންދާކަމީ ސުވާލު އުފެދޭކަމެކެވެ. ރާއްޖޭގެ ބޯފެނާއި ނަރުދަމާގެ ކަންކަން ރަގަޅުކުރުމަށް ސަރުކާރުން ބޭނުންފުޅު ކަމުގައި ވަނީނަމަ، މިހާރުން މިހާރަށްވެސް ޝަހީދާ އާދަމް އިބްރާހީމް އެދާއިރާއިން ބޭރުކޮށް ، އެކަމުގެ ފަންނީ ޢިލްމު ލިބިފައި ހުރި ޤާބިލު މީހަކު އެ މަޤާމަށް އިސްކުރުމަށް މިހާރުގެ ސަރުކާރަށް ގޮވާލަމެވެ. (ނުނިމޭ)