Saturday, October 4, 2008

ފެނުގެ ސިޔާސަތު

ވެރިކަމުގައި 30 އަހަރުނިމި އާދައުރަކަށް ފައި ނެގިއިރުވެސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށް ދިނުމުގެ ސިޔާސަތަކީ، ފުރާޅުސާފުކުރަން އަތަށް ހެޔުވަރުގެ އިލޮށި ފައްޗާއި ކަޅުހަންކޮޅެއް.

* ޞިއްޙީގޮތުން ރައްކާތެރި ސާފު ބޯފެން ލިބިދިނުމަކީ، އިންސާނީ ޙައްގެއްކަމަށްް ވީހިނދު، ރައްރަށުގައި ދިރިއުޅޭ ރައްޔިތުން ބުއިމަށް ބޭނުންކުރާ ބޯފެނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ.

ނަރުދަމާ މިނިސްޓްރީ ހިންގުމާއި ކުރީން ޙަވާލުވެ އިން އޮނަރަބަލް އަޑު ބަރޭ އެތަން ދޫކޮށް ދިޔައިރު، ދިޔައީ ތަން ސުންނާފަތިކޮށް މުޑުދާރުކޮށްފައެވެ. އެހެލާފައިތިބި ކަތީބުންނާއި އަތޮޅުވެރީން ރަށްރަށުން ގެނެސް ތަން ގަޑަބަޑަ ކޮށްލާފައެވެ. އަދިވެސް ކަތީބުންނާއި އަތޮޅުވެރީންގެ ބަލާވެރިކަން ބަލިމަޑުކަމެއްގެ ސިފައިގައި މިވަނީ މިނިސްޓްރީތެރޭގައި ފެތުރިފައެވެ.

އަޑުބަރޭއަށްފަހު ނަރުދަމާ މިނިސްޓްރީއަށް މިފަހަރު މި ލައްވާލީ ފަތުރުވެރިކަމުގެ ދާއިރާއިން ޢިލްމު ލިބިފައިވާ ބޭފުޅެކެވެ. މައްސަލައެއް ނެތެއްނޫންތޯއެވެ. އަޑުބަރޭ އަކީ ސިންގަޅައިންގެ ތެރޭގައި އެމްބަސީ ހިންގުމުގެ ތަޖުރިބާ ލިބިފައި ހުރި މީހެކެވެ. އަޑުބަރޭ ހުރިއިރުވެސް، މިނިސްޓްރީ ހިންގަމުން ދިޔައީ މިނިސްޓްރީތެރޭގައި ތަންތަނުން އެހެލާފައި ތިބި މިދެންނެވި ކަތީބުންނާއި، އަތޮޅުވެރީންގެ އިތުރުން ފެންވަޅުތަކުގެ ޕީއެޗް ބެލުމުގެ ކުޅަދާނަކަން ލިބިފައިތިބި ބައި ގަނޑެއްގެ ނުފޫޒުގައެވެ. ބްރޭންޑު ނިއު މައުސޫމް ބޭފުޅަކު ވަޒީރަކަށް އިސްކުރިއަސް އެ ވަޒީރަކު ޖެހޭނީ މަރުފަލި ޖަހާށެވެ. ވަޒީރުކިބައިގައި ހަރުދަނާކަމެއް ނެތީވިއްޔާ، އެހެލާފައި ތިބި މިބާވަތުގެ މަސްހުނިގަނޑެއްގެތެރޭގައި ނަރުދަމާގެ ހޮޅި ހައްތަހާ ވާނީ ހިމައެވެ.

ވެރިކަމުގައި 30 އަހަރު ނިމި އާ ދައުރަކަށް ވާދަވެރި މާޙައުލެއްގައި ފައި ނެގި އިރު، ރަށްރަށުގެ ފެންފަށަލަ މިވަނީ ނަޖިހުން ތަޢައްޔަރުވެ، ބޯން ޖެހިފައިވާ ވާރޭފެންފޮދު ބުޅަލާއި މީދަލުގެ ނަޖިހުން ތަޢައްޔަރުވެފައެވެ. ރައްޔިތުންނަށް ހޯދައިދެވުނު ބޯފެނުގެ ރައްކާތެރިކަމެއް ނެތެވެ. ބޯފެނަކީ ފޯރުކޮށްދޭންޖެހޭ އަސާސީ ވަސީލަތަކަށް ވީހިނދު، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ބޯފެން ފޯރުކޮށްދިނުމަށް ކުރިމަސައްކަތެއް ނެތެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ބުއިމަށް ލޮނުފެންް މީރުފެނަށް ބަދަލުކޮށް ގޭގެއަށް ފޯރުކޮށްދެމުން އަންނައިރު ރަށްރަށުގެ ރައްޔިތުން ބޯންޖެހެނީ ފުރާޅު ދޮވެވިގެން ކަޅުހަމަށް ނަގާ ވާރޭފެންކަމަށް މިވަނީ ސިޔާސަތު ކަނޑައަޅާފައެވެ. އެ ފެނުގައި ޖަރާސީމު ހުރިތޯ ބަލާކަށް ބޭނުމެއް ނުވެއެވެ. ޖައްވުގައި ހުރެދާނެ ވިހަ މާއްދާއެއް އެފެނުގައި ހުރެދާނެކަމަށް ތަޙުލީލުކޮށްލާކަށް ބޭނުމެއް ނުވެއެވެ. ކަޅުހަމުގައި ގިނަދުވަހު ފެން ރައްކާކުރުމުން ފެނަށް އައިސްދާނެ ބަދަލަކީ ކޮބައިތޯ ބަލާކަށް ބޭނުމެއް ނުވެއެވެ. މާލެ ފިޔަވާ، އެހެން ރަށެއްގައި ލޮނުފެން މީރުފެނަށް ބަދަލުކޮށް ގޭގެއަށް ފެން ފޯރުކޮށް ދޭން ވެއްޖެއްޔާ، މި ބޭގެ އިސްލާހީ އެޖެންޑާގައި އޮންނަނީ އެކަމަކީ ހިންގޭނެ ވަރުގެ ކަމެއް ނޫންކަމެވެ. ހިންގާ ބެލެހެއްޓުމަށް ޚަރަދުބޮޑުކަމެއްކަމަށެވެ. ރައްޔިތުން އެ ހަލާކުކޮށްލަފާނެކަމަށެވެ.

ވ. ރަކީދޫ، ކ. ގުޅި ފަދަ ކުޑަ އާބާދިން ފެށިގެން އައްޑު އަތޮޅު ހިތަދޫ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި ފަދަ ބޮޑެތި އާބާދީތަކުގެ ޙާލަތަކީވެސް މިއީއެވެ. ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން، ޞިއްޙީގޮތުން ރައްކާތެރި ސާފު ބޯފެން ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ފެނުގެ ސިޔާސަތަކީ، ފުރާޅު ސާފުކުރުމަށް އަތަށް ހެޔުވަރުގެ އިލޮށި ފައްޗެއް ކޮންމެ ގެއެއްގައި އޮންނަން ޖެހޭނެކަމަށާއި، ކަޅުހަމެއް ހުންނަންޖެހޭނެކަމަށެވެ.