Wednesday, April 30, 2008

ރަށްރަށުގެ ނަރުދަމާ ފަރުމާކުރުން ޗޮކުންދަނީ

ރާއްޖެއަށް ކުރިމަތިވި ސުނާމީކާރިސާއަކީ، ރަށްރަށުގެ ނަރުދަމާ ޤާއިމް ކުރުމަށް މެދުވެރިވި ޤުދުރަތީ ކާރިސާއަކަށް ވީހިނދު، މިކަމުގައި ޙަރަކާތްތެރިވާ ބާ މައި ހޮޅިތައް މި ކާރިސާގެ ބޮޑު ރާޅަކާއެކު އޮޔާ ނުދިޔައީ، މޫތަށް އެހާ ވަރުގަދައީތޯއެވެ. ރަށްރަށުގެ ރައްޔިތުންނަށް ހުވަފެނުންވެސް ނުފެންނަވަރަށް، ނަރުދަމާ އަޅާ ރަށްރަށް 4 ކުން 6 ކުން 12 އިން ކަނޑައަޅާ، ބަރި ބަރިއަށް ފަރުމާކުރުމަށް ޢިއުލާން ކުރެވި، ފަރުމާ ކުރުމަށް ކޮންސަލްޓަންޓުން ހޯދާ، މިލިއަނުން ޚަރަދުކުރަމުން ދާއިރު މިކަމުގައި ނަޖިހާއިބެހޭ މިނިސްޓްރީގައި އެންމެ އިސް ރޯލެއް އަދާކުރަން މިކަމަށް ޤާބިލު ފަންނީ މީހަކު ނެތްކަމީ ހިތާމަހުރިކަމެކެވެ. ނަޖިސް މިނިސްޓްރީއަށް ހުށަހެޅެމުންދާ ގިނަ ޑިޒައިންތަކުގައި މުޅި ޑިޒައިންގެ %45 ހޮޅިލައިންތަކުގައި ޒީރޯ ފްލޯ (ފެން ދަތުރުކުރުން ހުއްޓިފައި) ހުންނަކަމީ ހިތާމަހުރިކަމެކެވެ.

ނަޖިސްފެން ބިމަށް ހިންދުމުން ޖެހިގެން ހުންނަ ފެންވަޅަށް އޭގެ އަސަރުކުރާކަމީ އެންމެން ދަންނަ ޙަޤީގަތަކަށް ވާއިރު ޔުނިސެފުން ބޭނުންވީމަ އެނދު ތަންދޮށަށާއި، ގޭގެ ސިޓިންގރޫމްތެރެއަށް ނަޖިސްފެން ހިންދުމުގެ ހުއްދަ ދޭންޖެހެތޯއެވެ. ޔުނިސެފުން ބޭނުންވީމަ ނަރުދަމާގައި ހިމެނޭ ސެޕްޓިކް ޓޭންކާއި، މިނޫނަސް މިފަދަ އެތައް ނަޖިސް ވަޅުބުރިތައް މަގުމަތީގައި ބަހައްޓަން ހުއްދަ ދޭންޖެހޭނެތޯއެވެ. ޔުނިސެފްކަހަ ޖަމްޢިއްޔާއަކުންވެސް މިފަދަ ނޭއްގާނި ޢަމަލު ރާއްޖޭގެ މި ކުދި ރަށްރަށުގައި ހިންގަމުންދާކަމީ، ރާއްޖޭގައި ހަރަކާތްތެރިވާ ޔުނިސެފު އޮފީހުގެ ވެރީންނާއި ދޭތެރޭ ސުވާލުއުފެދޭކަމެކެވެ. ހިތާމަހުރިކަމެކޭ މި ލިޔެވެނީ މިކަމަށް ކުރާ ބޮޑުހޭދައަށް ބަލާއިރު ނިމެމުންދާ ނަރުދަމާ ޑިޒައިންތަކުގައި މިފަދަ ބޮޑެތި މައްސަލަ ހުރިކަމަށް ފާހަނގަ ކުރެވޭތީއެވެ. ބަނޑުގައި 9 މަސްދުވަހު ވަރަށް ވޭނުގައި ގެންގުޅުމަށްފަހު ތުއްތު ދަރިފުޅު ވިހަން ތައްޔާރުވުމުގެ ގޮތުން ތަފާތު ކުލަކުލައިގެ ކުދި މާޖެހި ތުވާލި، ބާލީސް، ފޮތިކޮޅު، ލޯޝަން ފަދަ އަގުބޮޑު ތަކެތި ގަނެވޭފަހުން، އެންމެ ފަހު ވަގުތު ވިހެއުމުގެ ތެރޭގައި މަސްކަނޑާ މީހެއްގެ ބެލުމުގެ ދަށުން ހަދާލެވޭ ސިޒޭރިއަން އެއްގެ ސަބަބުން ދުނިޔެއަށް އުފަންވާ އެ ކުޑަ ދަރިފުޅު ނިޔާވެއްޖެއްޔާ ދަރިފުޅުގެ ޢާއިލާގެ މީހުން ހިތާމަ ނުކުރާނެތޯއެވެ. ދެރަ ނުވާނެތޯއެވެ.

ލޯނެއް ނެގިޔަސް މިނަގަނީ ރައްޔިތުންގެ ނަމުގައެވެ. އެހީއެއްގެގޮތުން ބަޔަކު އެއްޗެއް ދިއްކޮއްލިއަސް އެ ދެނީ ރައްޔިތުންނަށެވެ. މިހެން މިކަންއޮތް އިރު، ދިވެހި ރައްޔިތުންގެ ފައިސާއިން ރަށްރަށުގެ ކުރިމަގަށް ބައްޓަންކޮށް، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މިފަދަ މަޝްރޫޢުތައް ޗޮކުން ދާނަމަ އެއީ މައްސަލައެކެވެ. ލޯނާއި ހިލޭ އެހީގައި ކުރަމުންދާ މިއަގުހުރި މަސައްކަތް ބޭކާރުވެ ޗޮކުންދާން ދޫކޮށްގެން ތިބެންވީތޯއެވެ. ނަޖިހާއި ބެހޭ މިނިސްޓްރީގައި އުޅޭ، ކަމުގެ އެއްވެސް ޤާބިލުކަމެއް ފަންނުވެރިކަމެއް ނެތް ބައެއްގެ އަތްމައްޗަށް ދޫކޮށްގެން، ދިވެހި ރައްޔިތުން ދަރަންޏަށް ހޯދާ ފައިސާ އެސިލޯން ހޮޅިއާއި ކޮންކްރީޓް ބުޑުތަކަށް ބަދަލުކުރަމުންދާއިރު އެކަން ބަލަން ހަމަ ތިބެންވީތޯއެވެ.

ބަރި ބަރިއަށް ޢިއުލާން ކުރެވި، ރަށްރަށުގެ ނަރުދަމާ ނިޒާމްތައް ފަރުމާކުރުމަށް ކޮންސަލްޓަންޓުންނާއި ޙަވާލުކުރެވެމުންދާއިރު، ޙަވާލު މިކުރެވެނީ ކޮން ފެންވަރެއްގެ ކޮންބަޔަކާއިތޯ ބަލާލުމެއް ނެތެވެ.. މިކަމަށް ކުރިމަތިލާފަރާތަކީ ކޮންމެހެން މާބޮޑު ފަންނުވެރި ބަޔަކަށް ވާކަށް ބޭނުމެއްނުވެއެވެ. އެބަޔަކީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ބައެއްކަމަށްވިޔަސް ނުވަތަ ރާނާ ގްރޫޕެއްކަމުގައިވިޔަސް އެއީ މައްސަލައެއް ނޫނެވެ. މިކަމަށް އެދި ހުށަހަޅާ ފޮތުގައި ކުލަ ފޮޓޯ ކޮޅަކާއި ގަންޓް ޗާޓެއް ހުރިއްޔާ އެނިމުނީއެވެ. މިކަމުގައި ފެންނަނީ ރާއްޖެއިން ބޭރުގެ ކޮންމެވެސް ހަބްޝީއެއް، ފައްޔެއް(ރާއްޖޭގެ)، ނޫނީ ކޮންމެވެސް ހައިޑްރޯލިކެއް މީގެތެރޭގައި އުޅޭތަނެވެ. މިކަމުގައި ރާއްޖޭގެ ކުންފުނިތަކުގެ ދައުރަކީ ސިޓީ ބެހުމާއި ލޯންޗު ހަމަޖެއްސުމާއި ތަނެއްދޮރެއް ނޭގޭ ބޭރުގެ މިގަމާރުންތައް ލިޔާ ކަޓް އެންޑް ޕޭސްޓް ރިޕޯޓް ނަޖިސް މިނިސްޓްރީގެ ޑިޒައިން ކޮންޓްރޯލް ރޫމަށް ގެންގޮސް ދީ ހެދުންފަދަ ޕިއޯނީ ކަންކަމެވެ. ރާއްޖޭގައި މިކަން ކުރާ މީހުން ނެތޭ ބުނެ ، މިކަމުގެ އެއްވެސް ހުނަރަކާއި ފަންނީ ޤާބިލުކަމެއްނެތް ލަންކާ، އިންޑިއާ އަދި ކުވޭތުގެ މަގުމަތީން ހޮވާ ބަޔަކާއި ރައްރަށުގެ ނަރުދަމާ ނިޒާމް ފަރުމާކުރުމުގެ މި އަގުހުރި މަސައްކަތް ޙަވާލުކުރަން ހެޔުވާނެތޯއެވެ.

މިބުނި ބޭރުމީހުން ހުށަހަޅާ ޑިޒައިންގެ ހުންނަ ފެންވަރަކީ، ރަށްރަށުގެ މޫދު ވިނައާއި، ހުއިފަތް އަދި ފެންވަޅުތަކާއި ބެހޭ 5 ސަފުޙާގެ އިގިރޭސިބަހުން އޮންނަ ރިޕޯޓެއް ހެދުމަށްފަހު، ފެންވަޅުތަކާއި، ރަށުގެ މަލަމައްޗާއި، ރަށްރަށުގައި ކުނިކަހަން ތިބޭ އަންހެން ކަނބަލުންގެ ފޮޓޯކޮޅަކާއި، ފެންތާގީކޮޅެއްގެ ފޮޓޯ ތަކުގެ 30 ސަފުހާ އިތުރުކޮށް، މިބުނި ރިޕޯޓާއިއެކު އެނެކުސްކޮށް ހުށަހެޅުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ. މީގެ އެންމެ ހެއްވާކަމަކީ، މިއެއްޗެހި ބަލަން ނުވަތަ މުރާޖާ ކުރަން ނަޖިސް މިނިސްޓްރީގެ ނަޖިހާއި ފެނުގެ ބައިގައި ހުންނަ ނަރުދަމާ ޑިޒައިން ކޮންޓްރޯލާރ އަށް ދޮން ކަޅުވެސް ނޭގޭކަމެވެ. މީގެ ވަރަށް ރަގަޅު މިސާލެއްކަމަށް ދާދިފަހުން، ކުވޭތުގެ ކުންފުންޏެއްކަމަށްވާ އަލް ހަބްޝީ ކިޔާ ބަޔަކާއި ކޮންޓްރެކްޓް ކުރެވިގެން، ތ. ތިމަރަފުއްޓާއި ޅ. ހިންނަވަރުގައި ޤާއިމް ކުރުމަށް ފަރުމާކުރަމުންދާ ނަރުދަމާ ނިޒާމްގެ ފަރުމާ ފުދެއެވެ. ޚަބަރު ލިބޭގޮތުގައި މި ހަބްޝީއަކުން ކުރި މިޑިޒައިނެއް ނިމި ހުރިހާކަމަކުން އަތްދޮވެލާ، ލާރިކޮޅު ޕަކަޅާކޮށްލަން އުޅެނިކޮށް ހުށަހެޅި ޑިޒައިންގައި އެއްވެސް ކަލްކިއުލޭޝަންއެއް ނެތްކަމާއި، މަގުމަތީގައި ވަޅުލާން ޖެހޭ ހޮޅިތަށް ވަޅުލާނީކަމެއް ނުވަތަ ބިންމަތީ ބާއްވަންވީކަމެއް އެގެން ނެތްކަމާއި ، މިކަމާއި ގުޅޭ އެއްވެސް ތަފްޞީލީ ކުރެހުމެއް ހުށަހަޅާފައެއް ނުވެއެވެ. އަލް ހަބްޝީއިން ހުށަހެޅި މި ބުނި ޑިޒައިންގައި މއިން އެއްވެސް ތަފުޞީލެއް ނެތްކަން ނަރުދަމާ ޑިޒައިން ކޮންޓްރޯލް ރޫމަކަށް އެގޭވަރެއް ނުވެއެވެ. ނަރުދަމާ ޑިޒައިން ކޮންޓްރޯލް ރޫމުން އަބަދުވެސް ބަލަނީ ކޮންސަލްޓަންޓުންގެ ލާރިކޮޅު ދެވޭތޯއެވެ. އިތުރު ރަށްރަށް ބިޑް ކުރެވޭތޯއެވެ. ޑިޒައިންކޮށްފަ ހުށަހެޅެނީކޯޗެއްތޯ ބެލުމެއް ނޯވެއެވެ. ބެލޭނީވެސް އެގޭނަމަތާއެވެ.

އަލް ހަބްޝީއިން ތ.ތިމަރަފުއްޓާއި ޅ.ނައިފަރަށް ފަރުމާކުރި ނަރުދަމާ ނިޒާމްތަކުގެ ޙާލަތަކީ މިއީކަމަށްވާއިރު، ޏ.ފުއައްމުލައް އަދި ހއ.އުތީމުގެ ފެނާއި ނަރުދަމާ ފަރުމާކުރުމަށް އަލް ހަބްޝީއަށް ޙަވާލުކުރިކަމީ ހިތާމަހުރިކަމެކެވެ. ސުވާލު އުފެދޭކަމެކެވެ.

މިބުނި އަލް ހަބްޝިއަކީ، ރާއްޖޭގެ ކަންކަން މާދަންނަ ބަޔަކަށް ވެގެން، ތިމަންނާ މެންނީ މާމޮޅަށް ނަރުދަމާ ފަރުމާކުރާބަޔަކީމުއޭ ބުނެ، ނަރުދަމާ ޑިޒައިން ކޮންޓްރޯލް ރޫމްއާއި ޚައިރާތީ ގޮތުން ގުޅިފައިވާ ވަރަށް ޗޮކްލެޓީ ބައެކެވެ. ކޮންމެއަކަސް، މިބުނާ އަލް ހަބްޝީއިން ތ. ތިމަރަފުއްޓަށާއި ޅ.ނައިފަރަށް ފަރުމާކުރަމުންދާ ނަރުދަމާ ނިޒާމްގެ ފަރުމާ ނިމުނު އިރު އިސްވެ ބުނި ހުއިފަތާއި ފެންވަޅުތަކާއި ބެހޭ ރިޕޯޓުގެ އިތުރުން އެހެން އެއްޗެއް ފެންނާކަށް ނެތެވެ. ޑިޒައިންއަކީ ކޮބައިކަން އެގޭކަށް ނެތެވެ. ހޮޅިވަޅުލާންވީ މަގުމަތީގަ ކަމެއް ނުވަތަ ބޯލްޓް އަޅުވާފަ ހަރުކުރަންވީ ފާރުމަތީކަމެއް އެގޭކަށް ނެތެވެ. މަގުމަތީ ހޮޅިތައް ވަޅުލާންވީ ބިމު އަޑީގައިކަމެއް ނުވަތަ ބާއްވަންވީ ބިންމަތީގައި ކަމެއް އެގޭކަށް ނެތެވެ. މީގެ އެންމެ ހިތާމަކުރަންޖެހޭ ކަމަކީ، މިކަންކަން ދަންނަ، މިކަންކަން ބަލާނެ ވާނުވާ އެގޭ، ކަމަށް އެކަށޭނަ މީހަކު މިކަމުގައި އިސްކޮށް ހަރަކާތްތެރި ނުވާތީއެވެ. މިކަމުގައި ނަޖިސް މިނިސްޓްރީގައި ހުންނަ ނަރުދަމާ ޑިޒައިން ކޮންޓްރޯލަރު މިކަމަށް ޤާބިލު ނޫންކަމާ މިކަން ނުކުރެވޭކަމަށް ތަނުގެ ތެރެއިންނާއި އަދި ތަނުގެ ބޭރުން ސަރުކާރުގެ އެހެނިހެން މިކަމާއި ގުޅުން ހުރި އިދާރާތަކުން އެތައްބަޔަކު ބުނަމުންދާއިރުވެސް މިކަމާއި އަޅާ ނުލާކަމީ ސުވާލުއުފެދޭކަމެކެވެ. ނަރުދަމާ ޑިޒއިން ކޮންޓްރޯލަރަކީ މިދާއިރާގައި ޙަރަކާތްތެރިވާ ކުދި ބޮޑު އެންމެނަށްވެސް އެގޭނޭފަދައިން ވިލާތުގެ ދޮން ބޭފުޅުންނާއިއެކު ރަށްރަށުގެ ފެންވަޅު ޓެސްޓުކުރުމުގައި ކުރީން އުޅެފައިވާފަރާތެކެވެ. ކޮންޓްރޯލް ރޫމްގައި ދެންތިބޭ ކަތީބުންނާއި އަތޮޅުވެރީންނާއި ރަންވޭ މާސްޓަރުން ތިބެނީ ދުނިޔެ ރަންވެފައެވެ. މިބުނާ ކޮންޓްރޯލަރުގެ ނުފޫޒާއި ބާރު މީގެތެރެއަށް ތޮރުފިފަ އޮތް މިންވަރަކީ ތަނުގެ ތެރޭގައި ތިބޭބަޔަކަށް ނޫނީ ނޭގޭނެކަމެކެވެ. މިއީ ސުވާލު އުފެދޭކަމެކެވެ.

މިބުނާ އަލް ހަބްޝީމެންފަދަ ތަނެއްދޮރެއް ނޭގޭ ގަމާރުން ހުށަހަޅާ ކަޓް އެންޑް ޕޭސްޓް ނަރުދަމާ ޑިޒއިން ރިޕޯޓް ހުށަހެޅުމުން އޭގައި ހުރީ ކޯޗެއްކަން ނުވަތަ ނެތީ ކޯޗެއްކަން ޑިޒައިން ކޮންޓްރޯލަރަށް އެގެނީ އެހެން މީހަކު ބުނެދިނުމުންނެވެ. ޑިޒައިންކޮންޓްރޯލަރުގެ ވިސްނުން މިކަމުގައި ގެންގުޅެނީ، މުޅިން އެހެން ގޮތަކަށެވެ. ޑިޒައިން ކޮންޓްރޯލަރ ބުނާގޮތުން އަލް ހަބްޝީމެން ފަދަ ކޮންސަލްޓަންސީ ކުންފުނިތަކަކީ ޖައްވީ އުޅަނދުފަހަރުގައި ނަރުދަމާ ޑިޒައިން ފަރުމާ ކުރާބައެއްކަމުން، ކުދި ރަށްރަށުގައި މިފަދަ ޑިޒައިން ކުރަން ރަގަޅަށް އެގޭނީ މިކަންކުރަން ފެށުމުންކަމުގައެވެ. މިކަން ކުރަން ފެށުމުން މިކަން ދަސްވާނެޔޭ، އަލަށް ކުރަން ފެށީމަ ނޭގޭނެޔޭ، ދެން ހަދާއެއްޗެއް ރަގަޅުވާނެޔޭ ބުނަން ލަދެއް ނުގަނޭތޯއެވެ.

ރައްޔިތުންގެ ފައިސާއިން މިލިއަނުން ޚަރަދުކުރަމުންދާ މިފަދަ ތަރައްޤީގެ މަޝްރޫޢުތަކުގެ ފަރުމާކުރުން ޙަވާލުކުރަންވީ މިކަން ދަސްކުރާ ބަޔަކަށްތޯއެވެ. ފަރުމާކުރެވެމުންދާ ނަރުދަމާ ނިޒާމްތަކަކީ ބަޔަކަށް ހިންގާ ތަމްރީން ކޯހެއްތޯއެވެ. ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ނަރުދަމާ ނިޒާމްތަކަށް ލޯނާއި ހިލޭއެހީގައި ދަރަންޏަށް ނަގާ ފައިސާއިން ކުރަމުންދާ މި ބޮޑުހޭދަ މިގޮތަށް ދުއްވާލުމުގެ ބަދަލުގައި ކޮންމެގޭ ބިސީއެއްގައި އުޅޭ މީހުންގެ ނިސްބަތުން ބޮލަކަށް ހެޔުވަރުގެ ބާލިދީއެއް ފާޙާނާކުރަން ގަނެދިނަސް މިއަށްވުރެ ރަގަޅު ވާނެ ނުންތޯއެވެ.

ދާދިފަހުން ނަޖިހާއި ބެހޭ މިނިސްޓްރީގެ ނަރުދަމާ ހޮޅި ވަޅުލުމުގެ ކޮންޓްރޯލް ރޫމްގައި ހަރަކާތްތެރިވަމުންދިޔަ އަތޮޅުވެރީންނާއި ބައެއް ކަތީބުން އެއްފަރާތްކުރުމަށްފަހު، މާކުރިންވެސް ތަނުގެ ތެރޭގައި އެއްފަރާތްކޮށް ބަހައްޓާފައި ހުރި ފަންނީ ކަމުގެ ވަރަށް ތަޖުރިބާ ހުރި ބޭފުޅަކާއި ވަނީ ޙަވާލުކޮށްފައެވެ. ނަމަވެސް، ނަރުދަމާ ޑިޒައިން ކޮންޓްރޯލަރަށް ބަދަލެއް ނައަންނަކަމީ ސުވާލު އުފެދޭ ކަމެކެވެ. ނަރުދަމާ ހޮޅި ވަޅުލުމުގައި އިސްކޮށް ކިތަންމެ މޮޅުމީހަކު ހުއްޓަސް، ރަގަޅަށް ޑިޒައިންކުރެވިފައިވާ ރަގަޅު ފަރުމާއެއް ނެތީއްޔާ އެވަޅުލީމަ ޖެހޭނީ ކޮންތާކުތޯއެވެ. ވަޅުލާ މީހުން ހޮޅި ވަޅުލަމުންދާނީ، ޑިޒައިންގައި ހުންނަ ކަތިމިނަށެވެ، ޑިޒައިންގައި ބުނެފައި ހުންނަ ފުންމިނަށެވެ. ޑިޒައިންގައި މައި ހޮޅީގެ ފެންދަތުރު ކުރާ ބާރުމިން (ފްލޯ ވެލޯސިޓީ) ނެތީއްޔާ، ފްލޯ ވެލޯސިޓީ ކަލްކިއުލޭޓް ކުރާނީ ހޮޅިވަޅުލުމަށް ކާނުކޮށްނަން އޮންނަ ބަންގާޅު ސޮރުތޯއެވެ.

އެހެންކަމުން، މިލިއަން ޑޮލަރުން ޚަރަދުކުރެވި، ބަރިބަރިއަށް ނަރުދަމާ އެޅުމުގެ ނިޔަތުގައި ފަރުމާކުރެވެމުންދާ ނަރުދަމާ ނިޒާމްތައް ފަރުމާކުރުމުގެ އިސްދައުރު އަދާކުރުމުގައި ފަންނީ ކަމަށް ޤާބިލު މީހަކާއި މިހާރުން މިހާރަށްވެސް މިކަން ޙަވާލުކުރުމަށް ގޮވާލަމެވެ.

Monday, April 28, 2008

Maldives islands are being used as testing grounds for sanitation technologies

Would you allow tiny coral islands in the Maldives to be used as testing grounds for so many sanitation technologies? Should we really need that high tech sanitation options in order to provide sanitation systems to our island communities?