Monday, May 19, 2008


ބެރޭކިން ނިއުސް:

ނަޖިސް މިނިސްޓްރީން މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ބެންކޮކުން މާމެލާމެލި އިމްޕޯރޓްކުރަނީ

ދިވެހިރާއްޖޭގެ ނަޖިހާއި، ވަސްހޮޅިތައް، އަދި ފާޚާނާތަކާއި ހަނޑަސްބުރިތަކާބެކޭ ވުޒާރާގެ ފަރާތުން، ދިވެހި ޖުމްހޫރިއްޔާގެ ރަށްރަށުގައި ހޭޅިފަށުން ފެށިގެން ރަށުގެ އެތެރޭގައި ހިފާލާފައި ހުންނަ ނަޖިސްވަސް ކަނޑުވާލައި، މީރުވަސްދުވާ މާމެލާމެލީގެ ވަހުން އެއްވަސްކޮށްލުމަށްޓަކައި، މަލްޓި މިލިޔަން ޑޮލަރު ޚަރަދުކުރައްވައިގެން ބެންކޮކުން މީރުވަސްދުވާ މާމެލާމެލި އެބަ ގެންނަވާކަމުގައި ޚަބަރުލިބެއެވެ. ޚަބަރުލިބިފައިވާގޮތުގައި ބެންކޮކުން މާމެލާމެލި ގެނައުމަށްޓަކައި، އެތައް މިލިޔަން ޑޮލަރެއްގެ ކޭޝް ހިއްޕަވައިގެން، ނަޖިސް މިނިސްޓްރީގެ ވަރަށް އިސް އޮފޮޝަލަކު މިހާރުވީ ބެންކޮކަށް ވަޑައިގެންފައެވެ. އަދި މިބޭޅާ މިހާ ބައިވަރު ކޭޝް ހިއްޕަވައިގެން ވަޑައިގަތުން ބެންކޮކު އެއަރޕޯރޓުގެ އިމިގްރޭޝަން އޮފިޝަލުން ތިން ގަޑިއިރުވަންދެން މިބޭޅާ ހުއްޓުވައިގެން ސުވާލުކުރެއްވިކަމަށްވެސް ޚަބަރުލިބެއެވެ.

ނަރުދަމާ ބްލޮގަށް އެނގިފައިވާގޮތުގައި މަލްޓި މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ދަށުން، ނަޖިސް މިނިސްޓްރީން ރާއްޖެއަށް މާމެލާމެލި އެތެރެކުރުމަށްޓަކައި، ދުނިޔޭގައިވާ އެންމެބޮޑެތި ބާޖުތަކާއި ނައުގޯޒުފަހަރުވަނީ ކުއްޔަށް ހިފާފައެވެ. އަދި މިއުޅަނދުތައް ބޭނުންކޮށްގެން، އެތައްހާސްޓަނެއްގެ މީރުވަސްދުވާ މާމެލާމެލި ރާއްޖެ ގެންނައިރު، މިކަމަކީ ނަޖިސް ވަޒީރު، ރިޓާރން އޮފް ދަ ފްލާވާސް ގެ ނަމުގައި ހިންގަވާކަން އިޢުލާނުކުރެއްވި މުނިފޫހިފިލުވުމުގެ ހަރަކާތް އަލުންބަލުން ފެއްޓެވުމުގެގޮތުން ހިންގާ ކަމެކެވެ.

ނަޖިސްވަޒީރުގެ ރިޓާރން އޮފް ދަ ފްލާވާރސް ޙަރަކާތަކީ، ހޮލީވުޑްގެ މަޝްހޫރު ފިލްމް ސީރީޒެއްކަމުގައިވާ ސްޓަރވޯޒްގެ ރިޓާރން އޮފް ދަ ކިންގް އާއި، ދަ މަމީ ރިޓާރންފަދަ ފިލްމުތައް އަސްލަކަށްބަލައިގެން، ހިންގަވާ ހަރަކާތެކެވެ. ކުރީން ނުހަނު ފޯރީގައި މިހަރަކާތް ހިންގަވަން އުޅުއްވުމުން، އެކަމަށް ހަޖޫކިޔައި، މިގައުމުގައި ތިބި ލާނެތް ބައެއްގެ ލާނެތް އަމަލުތަކަކާއި، ލާނެތް އައުގުރާނަތަކެއްގެ ސަބަބުން މި ހަރަކާތް ކޮންމެވެސް ވަރަކަށް ފަސްފަހަތަށް ޖައްސާލުމަށްފަހު، ރަގަޅު އިރުވަރާއި ސާޢަތް ބަލައިގެން އަނެއްކާވެސް މިކަންތައްގަނޑެއް މިފައްޓަވަނީއެވެ.

އަޅެފަހެ މީހަކު ދެން އަޖައިބުވެ އަންތަރީހެއް ނުވާނެހެއްޔެވެ؟ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާ، ތެލާ، ފޭރާމާ، މިހެންގޮސް، ފިރިހެންކަމަށް ދަށްމީހުން ކޮންމެހެން ބޭނުންކުރަންޖެހޭ ފިރިހެން ބޭސްފަދަ އެންމެ އަސާސީ ވަސީލަތްތަކުގެ އަގުތައްވެސް ދިހަގުނައިން، ބާރަގުނައިން އަގުއުފުލެމުން، ހެޔޮވަރުގެ ފަލަ ކާރިސާއަކަށް މިކަން ވަމުންދާއިރުވެސް، ދަނޑުގޮވާމުގެ ބާވަތްތަކާ، ގަސްކާނާއާއި ފަލަމަޑީގެ ބާވަތްތައް ރާއްޖެ އެތެރެކޮށް އެފަދަ ތަކެތި ހައްދައި، ރިޓާރން އޮފް ދަނޑުގޮވާމާއި، ރިޓާރން އޮފް ދަ ފަލަމަޑި ކަހަލަ ނަމެއްކިޔާ ކެމްޕޭނުތައް ހިންގުމުގެ ބަދަލުގައި، މިބޭޅާމެން މިގެން މަރުދެމުންދަނީ އަސުރުމަލާ، ހުވަނދުމަލާ، ގަނދަކޯޅިމާފަދަ އެއްވެސް ބޭނުމެއްނުހިފޭ ތަކެތި އެތެރެކޮށްގެން، މިހާރު ބަޖެޓުގައި ލިބިފައި ހުރިއްޔާ ހުރި ފައިސާކޮޅެއްވެސް ޕަކަޅާކޮށްލެވޭތޯއެވެ.

No comments: