Sunday, May 4, 2008


ކަޅުހަން – ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ގޮތް ނޭގޭ ބޯފެން އިސްކުރު

"ކަޅުހަމާއި ދިވެހިންގެ ބޯފެން" މި ސުރުޙީގެ ދަށުގެން މީގެ ދުވަސްކޮޅެއް ކުރީން އިންޓަރނެޓްގައި ޝާއިޢުކުރެވުނު ލިއުމުގައި ބަލާލާފައިވާނީ، ބޯފެނާއި ގުޅޭގޮތުން ހަރުދަނާ ސިޔާސަތެއް ނެތްކަމާއި، ފެނުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ސަމާލުކަން ކުޑަކަމުގެ މައްޗަށެވެ.

މިފަހަރު މި ބަލާލަނީ ރަށްރަށުގެ ރައްޔިތުން ބުއިމަށާއި ކެއްކުމަށް މައިގަނޑުގޮތެއްގައި ބޭނުންކުރަމުން އަންނަ ވާރޭފެނުގެ ޞިއްޙީ މިންގަނޑުތަކަށެވެ. ނުވަތަ ފެނުގެ ކޮލިޓީއަށެވެ. ވަކިން ޚާއްޞަކޮށް ރަށްރަށުގެ ފުރާޅުތަކުން ނަގާ ވާރޭފެން ނެގުމާއި އެ ރައްކާކުރުމުގައި ފެނަށް އައިސްދާނެ ނުވަތަ އަންނަމުންދާ ބަދަލުގެ މައްޗަށެވެ.

ރައްކާތެރި ސާފު ބޯފެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފެން މިނިސްޓްރީގެ ސިޔާސަތަކީ ގޭގެއަށް ކަޅުހަން ބެހުންކަމަށްހާދާ، ކޮންޓްރެކްޓް އުސޫލުން ބޮޑުއަގުގައި ކަޅުހަން ގަނެ އާގުބޯޓްފަހަރުގައި ގެންގޮސް ރަށްރަށުގެ ފަރުން ބޭރަށް މިހަންތައް ދޫކޮށްލުމުން ގޮޑުދޮށުގައި ތިބެ ފަރުތޮޅި ބާނާހެން ރައްޔިތުން އެއްގަމަށް އަރުވަންޖެހޭ މިހަންތަކަށް، މިލިއަނުން ޚަރަދުކުރާއިރު، މިތާނގީތަކަށް ނަގާ ފެނުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޯލާރިވެސް ޚަރަދުކުރާތަނެއް ނުފެނެއެވެ. ވޭތުވެދިޔަ 30 އަހަރުގެ ދިގު މުއްދަތުގައި އޭރުވެސް އަދި މިހާރުވެސް ފެން މިނިސްޓްރީއިން ރައްޔިތުންނަށް ވިސްނާ ދެމުން އަންނަނީ، ރަށްރަށުގެ ފުރާޅުންނާއި ފެން ވަޅުތަކުން ލިބެންހުނަ ފެނުގެ ޞިއްޙީމިންގަނޑު ޑަބްލިޔޫ.އެޗް.އޯ ނުވަތަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ މިންގަނޑުތަކުގައި ހިފެހެއްޓިފައި ހުންނަކަމުގައެވެ. މި ފެނަކީ ރައްކާތެރިފެން ކަމުގައެވެ.

ފެންނަގާ ފުރާޅު، ފުރާޅުގެ ދިޔަދޮވި ނުވަތަ ފެން ރައްކާކުރާ ތާނގީތެރޭގައި މަރުވެ ކުނިވެފައި އޮންނަ މީދާ، ބުޅާ ނުވަތަ ބުޅަލެއްގެ އެއްފައި ނުވަތަ މިނޫންވެސް މިފަދަ ޖަނަވާރެއް އޮވެމެ ތާނގީއަށް ނެގޭ ވާރޭފެނުގެ ޞިއްޙީ މިންގަނޑު އެވިދާޅުވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ފެތޭނެތޯއެވެ. ވާރޭފެން ނަގާ މާޙައުލުގެ ޖައްވަކީ ތަފާތު ވިހަ ގޭހުގެ ސަބަބުން ކިލަނބުވެ ތަޢައްޔަރުވެފައިވާ މާޙައުލެއް ކަމަށް ވާނަމަ މިފެން އިންސާނުން ބުއިމަށް ރަށްކާތެރިވާނެތޯއެވެ. އާންމުކޮށް ވާރޭފެން ނަގާ ރައްކާކުރުމުގައި ބޭނުންކުރެވޭ މައިގަނޑު ވަޞީލަތަކީ ގޭގޭގެ ފުރާޅު، ދިޔަދޮވިއާއި ތާނގީއަށް ފެން ވާޞިލުކޮށްދޭ ހޮޅި(ގަޓަރ އެންޑް ޑައުން ޕައިޕް) އަދި ފެން ރައްކާކުރާ ތާނގީފަދަ ތަކެތި ކަމަށް ވީހިނދު މިތަކެއްޗަކީ ޞިއްޙީގޮތުން ފެނަށް ކިހާ ރައްކާތެރި އެއްޗެއްތޯ ބަލާލުމެއްނެތި، ތާނގީއަށް ފެންނެގުމަށްފަހު ކުޑަ ކުދީންނާއި، މާބަނޑު އަންހެނުންނާއި މުސްކުޅިން މިފެން ބުއިމަށް ބޭނުންކުރަން ޞިއްޙީގޮތުން ރައްކާތެރި ވާނެތޯއެވެ. ރަށްރަށުގައި ދިރިއުޅެމުންދާ ނިކަމެތި ރައްޔިތުން ބޯން ބޭނުންކުރަމުންދާ ވާރޭފެނުގައި، މިފަދަނޭދެވޭކަމެއް އުޅޭކަން ގިނަފަހަރަށް އެގެނީވެސް ފެނުގައި ކޮންމެވެސް ކުލައެއް ނުވަތަ ހުތްފޮނި ރަހައެއް ނުވަތަ މިނޫންވެސް ނޭދެވޭ ބަދަލެއް ފެނުގައި ހުންނަ ކަމުގެ އިޙުޞާސްތައް ވުމުންނެވެ. މިކަން އެގޭއިރު ގިނަފަހަރަށް ގޭގައި ދިރިއުޅެމުންދާ ކުދިބޮޑު އެންމެންނަށް އެތައްސަތޭކަ ލީޓަރު ފެން ހުނަނީ ބޮވިފައެވެ. ތެދެކެވެ. ވާރޭފެން ނެގުމުގެ ކުރީން ފުރާޅު ދޮވެ ސާފުކުރުމަކީ ރަގަޅުކަމެކެވެ. ދިޔަދޮވި ސާފުކުރުމަކީ ރަގަޅުކަމެކެވެ. ދިޔަދޮވި އާއި ފުރާޅު މޮޅު ޓިނުން އެއްކޮށް ބަދަލުކޮށްލުމަކީ އަދި މާރަގަޅުކަމެކެވެ. ތާނގީތެރެ ބަލާލުމަކީ ރަގަޅުކަމެކެވެ. ނަމަވެސް، ވާރޭ ވެހިގަންނައިރު ފުރާޅުދޮވެ ސާފުކުރެވޭނީ ސާފުކުރެވޭނެގޮތް ހުރެގެން ނުންތޯއެވެ. ވާރޭފެން ނެގުމުގެ ކުރީން ފުރާޅުދޮންނާށޭ ބުނެ، އަޑުގެ ކޮޅަށް ޓީވީ ސްޕޮޓްތަކާއި ޑްރާމާތައް ކުޅުނަސް، ގޭގައި ހުންނަ ކުޑަދަރިފުޅުގެ ބައްޕަ މަހައްގޮސް ކަނޑުމަތީގައި ހުންނަ ވަގުތުގައި ވެހިގަންނަ ވާރޭފެން ފޮދު ނެގުމަށް ފުރާޅުސާފުކުރަން، ގޭގައި އެވަޤުތު އިންނަ މުސްކުޅި މާމައަށް ފުރާޅުމައްޗަށް އެރޭނެތޯއެވެ. ގޭގައި އިން ދެ އަހަރުގެ ތުއްތު ދަރިފުޅަށް ފުރާޅުމައްޗަށް އެރޭނެތޯއެވެ. ގޭގައި އިން ބަލިޙާލު ބޮޑު އާބޭބީ އަކަށް ބަލިވެ އިން ކުޑަދަރިފުޅުގެ މަންމައަށް ފުރާޅުމައްޗަށް އެރޭނެތޯއެވެ. އެވަގުތު ފުރާޅާއި ތާނގީ ހުންނާނީ ދާއިމީ ގުޅުމަކުން ގުޅާލެވިފައެވެ. ވެހޭ ހުރިހާ ފެނެއް އެޅޭނީ ތަނގީ ތެރެއަށެވެ.

ފެން މިނިސްޓްރީގެ ސިޔާސަތަކީ ފެނުގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތި، ރައްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން ބުއިމަށާއި ކެއްކުމަށް ޖައްވާއި ފުރާޅު ދޮވެވިގެން ދިޔަދޮވީގެ ކޮޅުން ފައިބާ ވާރޭފެން ކަމަށް ހެދުމަކީ ހިތާމަކުރިކަމެވެ. ލަދުގަންނަންޖެހޭކަމެކެވެ. އަހަރުމެންނީ ތަރައްޤީގެ މަގުގައި ހަލުއިކަމާއިއެކު ކުރިއަރަމުން އަންނަ ބަޔަކީމުއޭ ބުނެ، ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ރަޖިސްޓަރީން މިޤައުމުގެ ނަން އުނިވަމުން އެބަދާކަމަށް އަޑުއުފުލަމުންދާއިރު، އެހެން ބައްރުތަކުގެ މީހުން ފާޙާނާ ފްލަޝްކުރުމަށާއި ބަގީޗާއަށް ފެންދިނުމަށާއި، ކާރުދޮވެ ސާފުކުރުން ފަދަ ބޭނުންތަކަށް ވާރޭފެން ބޭނުންކުރަމުންދާ ދުވަސްވަރެއްގައި އޭގެ ޞިއްޙީ މިންގަނޑަކީ ކޮބައިތޯ ބަލާލުމެއްނެތި ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން މި ފެން ބޯންޖެހޭކަމީ ހިތާމަހުރިކަމެކެވެ.

ދުވާލެއްގެ މައްޗަށް 300 އާއި 400 ޑޮލަރު އުޖޫރައިގެ ގޮތުގައި ރާއްޖެ ގެންނަ ވިލާތު ދޮން ބޭބޭފުޅުން ގޮވައިގެން ފެންވަޅުޓެސްޓްކުރަން 40 ހާސް 50 ހާސް ރުފިޔާ ޚަރަދުކޮށް ކުލީ ލޯންޗްފަހަރުގައި ރަށްރަށަށް ދާދިއުމުގައި ބައެއް ފަހަރު ދެ ތިން ގެއަކަށް ވަދެ ތާނގީއަރިކޮށްލައިގެން ލިބޭ ދެތިން ސައި ސަމްސާގެ ފެން މިވެރިން ގެންގުޅޭ އެއެއްޗެއް އެއަށް ކޮއްޕައިގެން ބަލާހަދައެވެ. ޑޭޓާތައް އެކުސެލް ޝީޓަކަށް އެޅުމަށްފަހު ކުލަކުލައިން ޗާޓް ހަދާ އެކި ޑިޒައިންތަކުގެ ކޮންޓްއާރ ހެދުނެއްކަމަކު ، ކުނިވެފައިވާ ޖަނަވާރެއް ފުރާޅު، ދިޔަދޮވި ނުވަތަ ތާނގީތެރޭގައި މަރުވެފައި އޮތީއްޔާ އޭގައި ހުންނާނީ ޖަރާސީމް ނުންތޯއެވެ. މުޅި ފުރާޅު އެއްކޮށް މެދުމިނުގެ ފިއްސަކުން ރެޑޮކްސައިޑް އުގުޅާފައި ހުންނަހެން ބުޅަލުގެ ނަޖިސް ފުރާޅުގައި ހުރިއްޔާ ތާގީއަށް ނެގޭ ފެނުގައި ބުޅަލުގެ ނަޖިހުގެ އަސަރު ނެތިދާނެތޯއެވެ. ތާނގީތެރޭގައި ނޭވާހާސްވެގެން މަރުވެ ގޮހޮރަށް ވައިއެޅިފައި ފެންމަތީގައި އޮންނަ މީދާ ތާނގީ ތެރޭގައި އޮތިއްޔާ، އެފެނުގައި ހުންނާނީ ކުނިވެފައިވާ މި ޖަނަވާރުގެ ތަޢުސީރު ނޫންތޯއެވެ.

ރާއްޖޭގައި ވިހާ ބައެއް ކުޑަކުދިން ވިހާއިރު ލޮލައް ނުފެނުން ނޫނީ ކަނުވުން ފަދަ ބޮޑެތި އަލާމާތްތައްފެންނަމުން ދަނީ ބުޅަލުގެ ނަޖިހުގެ ޒަރިއްޔާއިން ވާސިލުވާ ނުރައްކާތެރި ޖަރާސީމެއް ކަމުގައިވާ ޓޮކްސޮޕްލާސްމޯސިސް ގެ ހަށިދަމަނަ (އެންޓިބޮޑީސް) މާބަނޑު ދުވަސްވަރު ފެނުގެ ޒަރިއްޔާއިން މަންމަގެ ހަށިގަނޑައް ވާސިލުވެފައި ވުމުން ދިމާވާ ކަމެއްކަމުގައި ކަމުގެ މާހިރުން ބުނަމުން ދާއިރުވެސް މިއިން އެއްވެސް ކަމެއް ރައްޔަތުންނަށް އޮޅުން ފިލުވައި ނުދޭކަމީ ހިތާމަހުރި ކަމެކެވެ. މިކަމުގެވެސް ނާޖާއިޒް ފައިދާ ސިއްޚީ ދާއިރާގެ ވިޔަފާރިވެރިން ނެގުމަށްޓަކައި މާބަނޑު އަންހެނުންގެ އެންޓިނޭޓަލް ކްލިނިކު ތަކުގައި މިދެންނެވި ޓޮކްސޮޕްލާސްމޯސިސް އަށް އަގުބޮޑު ޓެސްޓް ތައް ކުރުމަކީ މިހާރު ރާއްޖޭގައި ވެސް އާދައެކެވެ. ކުރަމުންދާ ކަމެކެވެ.

ފުރާޅުތަކުން ނަގާ ވާރޭފެނުގެ ކަންތައްތައް ހުރިގޮތަކީ މިއީކަމަށްވާއިރު ފެންނާގާ ރައްކާކުރުމަށް ބަހަމުން މިދާ އެޗް.ޑީ.ޕީ.އީ ކަޅުހަން އުފައްދާފައިވާ މައިގަނޑު އެއްމާއްދާކަމަށްވާ ހައި ޑެންސިޓީ ޕޮލިއެތިލީން މި މާއްދާގެ ސަބަބުން އެފެނަށް ކޮށްފާނެ އަސަރަކީ ކޮބައިތޯ ބެލުމަކީވެސް މުހިންމުކަމެކެވެ. އެޗް.ޑީ.ޕީ.އީ (ހައި ޑެންސިޓީ ޕޮލި އެތިލީން)، ޕީ.ވީ.ސީ (ޕޮލިވައިނައިލް ކްލޮރައިޑް) ނުވަތަ ކްރޮސް ބޮންޑެޑް ޕޮލިއެތިލީން ފަދަ މާއްދާތަކުން އުފައްދާފައިވާ ތަކެތިން ފެން ފޯރުކޮށް ދިނުމާއި ފެންރައްކާކުރުމުގައި ނޭދެވޭ އަސަރު ފެނަށް ކުރާކަން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ފެނާއިބެހޭ ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން ، ނޯވޭގެ ފްޑު ކޮންޓްރޯލް އޮތޯރިޓީ އިން ފެނާއި ބެހޭގޮތުން 2002 ގައި ކޮށްފައިވާ މިފަދަ ދިރާސާ ރިޕޯޓަށް ބަލާއިރު ހައިޑެންސިޓީ ޕޮލިއެތިލީން ނުވަތަ އެޗް.ޑީ.ޕީ.އީ (އަޅުގަނޑުމްނެ ރައްޔިތުން ވާރޭފެން އަޅާ ކަޅުހަން އާންމުކޮށް އުފައްދާފައިވާ މައިގަނޑު މާއްދާ)،ޕޮލިވައިނައިލް ކްލޮރައިޑް ނުވަތަ ޕީ.ވީ.ސީ (ގޭތެރޭގެ ފެންވައިރު ކުރުމަށް ބޭނުންކުރެވޭ ހޮޅި އާންމުކޮށް އުފައްދާފައިވާ މާއްދާއެއް) އަދި ކްރޮސް ބޮންޑެޑް ޕޮލިއެތިލީން ނުވަތަ ޕީ.އީ.އެކްސް މި މާއްދާތަކުން ތަފާތު އޯރގަނިކް މާއްދާތަކުގެ އަސަރު ފެނަށް ކުރާކަން ވަރަށް ފުރިހަމައަށް ވަނީ ހާމަކޮށްފައެވެ. މި ދިރާސާއަށް ބަލާއިރު މިދެންނެވި މާއްދާތަކުގެ ސަބަބުން ތަފާތު ގިނަ އޯރގަނިކް މާއްދާތައް ފެނުގެ ތެރެއަށް ދާކަން ނުވަތަ މައިގްރޭޓްވާކަން ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި ތަފާތު އެންޓިއޮކްސިޑަންޓްސް، އެސްޓާރސް، އަލްޑީހައިޑްސް، ކީޓޯންސް، ޓާރޕިނޮއިޑްސް، އެރޮމަޓިކް ހައިޑްރޯ ކާރބަންސް، ޓޮލުއިން ފަދަ ތަފާތު އޯރގަނިކް މާއްދާތައް އެކުލެވޭ މިދެންނެވި ބައިތަކަށް ނިސްބަތްވާ އެކިއެކި އޯރގަނިކް މާއްދާތައް ފެނުގެތެރެއަށް މައިގްރޭޓްކުރާކަން މިތަޙުލީތަކުން ވަނީ ހާމަކޮށްފައެވެ. މި ދިރާސާގެ ތެރެއިން، ހައިޑެންސިޓީ ޕޮލި އެތިލީން ނުވަތަ އެޗް.ޑީ.ޕީ.އީ މިމާއްދާއަށް ބަލާއިރު ތަފާތު 7 ބްރޭންޑެއްގެ އެޗް.ޑީ.ޕީ.އީ މެޓީރިއަލް މި ތަޙުލީލުގައި ޓެސްޓުކުރެވުނު އިރު މަތީގައި ބުނެވުނު އޯރގަނިކް މާއްދާތައް ހިމެނޭ ބައިތަކުން ތަފާތު 39 ވަތްތަރުގެ އޯރގަނިކް މާއްދާތައް ވޮލަޓައިލް އޯރގަނިކް ކޮމްޕައުންޑްސްގެ ގޮތުގައި ފެނުގެ ތެރެއަށް މައިގްރޭޓް ކުރާކަން ނުވަތަ ފެނުގެ ތެރެއަށް ދާކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ކްލޮރިނޭޓެޑް ފެން ނުވަތަ ކްލޮރިންކޮށްފައިވާ ފެން ފޯރުކޮށް ދިނުމާއި ރައްކާކުރުމުގައި އެޗް.ޑީ.ޕީ.އީ ނުވަތަ ޕީވީސީ ފަދަ މާއްދާތަކުން އުފައްދާފައިވާ ތަކެތި ބޭނުންކުރެވޭއިރު މިމާއްދާތަކުގެ ސަބަބުން ފެނަށް އަންނަ ބަދަލުވެސް ދިރާސާކުރާ މިފަދަ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިގޮތުން އެމެރިކާގެ، ވާރޖިނިއާ ޕޮލިޓެކްނިކް އިންސްޓިޓިއުޓް އެންޑް ސްޓޭޓް ޔުނިވަރސިޓީ އިން 2006 ގައި ކޮށްފައިވާ މިފަދަ ދިރާސާ ރިޕޯޓަށް ބަލާއިރު، ދިރާސާގައި ބޭނުންކުރެވުނު އެޗް.ޑީ.ޕީ.އީ ހޮޅީގެ ކޮންމެ އަކަ ސެންޓި މީޓަރަކަށް 0.14 މައިކްރޯ ގްރާމްގެ ޓޯޓަލް އޯރގަނިކް ކާރބަން ( މުޅި ޖުމްލަ ކާރބަންގެ މާއްދާ) ފެނުގެ ތެރެއަށް މައިގްރޭޓް ކުރާކަން ނުވަތަ ފެނުގެ ތެރެއަށް ދާކަން މިތަޙުލީލުތަކުން ވަނީ ހާމަކޮށްފައެވެ. އަދި މި ތަޙުލީލުގައި ބޭނުންކުރެވުނު ޕީ.ވީ.ސީ މިމާއްދާއާއި އަޅާ ބަލާއިރު އެޗް.ޑީ.ޕީ.އީ ނުވަތަ ހައިޑެންސިޓީ ޕޮލިއެތިލީން އިން ފެނަށް މައިގްރޭޓް ވާ ޓޯޓަލް އޯރގަމިކް ކާރބަން ގިނަކަންވެސް ދިރާސާކުރި ފާރާތުން ވަނީ ފާހަގަކޮށްފައެވެ.

އިސްވެ ދެންނެވި ތަފާތު އޯރގަނިކް ކެމިކަލް މާއްދާތައް ފެނުގައި އެކުލެވި އެފެން ދިގުމުއްދަތައް ބުއިމަށް ބޭނުންކުރުމަކީ ޞިއްޙީގޮތުން ރައްކާތެރި އެއްޗެކޭ ދެންނެވޭނެތޯއެވެ. މިފަދަ ތަފާތު އޯރގަނިކް ކެމިކަލް މާއްދާތައް ފެނުގައި ހުރެމެ އެފެން ބޯލާ ކޮންމެ ފަހަރަކު ފެން ބޯމީހާ ހޭނެތިގެން ނުވެއްޓުނަސް، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި އޭގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެކެވެ. މިއިން ދިމާވާ އަނެއް ނުރައްކަލަކީ، ތަފާތު މިފަދަ އޯރގަނިކް މާއްދާތައް ފެނަށް މައިގްރޭޓް ވުމުން ފެން ފޯރުކޮށް ދިނުމަށާއި ފެން ރައްކާކުރުމަށް ބޭނުންކުރާ މިފަދަ ވަޞީލަތްތަކުގައި މި އޯރގަނިކް މާއްދާތައް ޖަމާވެ ހަރުލާގޮތްވުމާއެކު މިފަދަ ތަފާތު އޯރގަނިކް މާއްދާތަކަކީ ތަފާތު ޖަރާސީމްތަކަށް ކާނާ ލިއްބައިދޭ ވަޞީލަތެއްކަމުން އޭގައި ތަފާތު ގިނަ ޖަރާސީމް އަށަގަތުމަށް މަގު ފަހިކުރެއެވެ.

ތިންލައްކަ މީހުންގެ މިއޮތް ކުޑައާބާދީގައި އާދަޔާ ޚިލާފައް ކިޑްނީގެ ބަލި ތައްގިނަވެ ޑަޔަލިސިސް އަށް ކިއުހަދާފައި އައިޖީއެމް ހޮސްޕިޓަލުގަޔާއި އަވައްޓެރި ގައުމުތަކުގައި ދިވެހިން ސަލާން ޖަހަމުން ދުވާއިރު މިފަދަކަމެއް ދިރާސާކޮށް އެކަށީގެން ވާގޮތަކަށް މިކަން ބަލަމުން ނުދާކަމީ ދެރަކަމެކެވެ. ހިތާމަހުރިކަމެކެވެ. ދުނިޔޭގެ ބޮޑެތި އާބާދިތަކުންވެސް މަދުން ފެންނަ ލިއުކީމިއާ (ލޭގެ ކެންސަރު) ފަދަ ނުރައްކާތެރި ބަލިތައް މިފަދަ ކުޑައާބާދީ އަކުން މިހާ ގިނައިން ފެންނަމުންދާ ކަމީ އަޅާނުލައި ތިބެވޭ ވަރައްވުރެ ކަމުގެ ސީރިއަސް ކަން މާބޮޑުކަމެކެވެ. ފުންކޮށް ވިސްނަންޖެހޭ މައްސަލައެކެވެ. މިކަންތަކަކީ ބޯފެނާ ގުޅުން ހުރި ކަންތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖެކަހަލަ މައުލޫމާތު ލިބިގަތުން އުނދަގޫ ސަރުކާރަކުން ލިބެން ހުންނަ ޕްރެލިމިނަރީ މައުލޫމާތަކުން މިފަދަ ކަންތައްހޯދުމަކީ އުނދަގޫ ކަމެކެވެ. އެހެން ކަމުން ބޯފެނުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގައުމީ ދިރާސާތަކެއް ކުރަން ނުވޭތޯއެވެ.ބޯފެނުގެ މިންގަނޑު ކަނޑައެޅުމަށް އަހަރަކު އެއްފަހަރު ރަށްރަށަށްގޮސް ރަށްރަށުގެ މަސްވެރިންގެ ޖަމްޢިއްޔާއަށާއި އަންހެނުންގެ ކޮމިޓީއަށް ޕްރެޒެންޓޭޝަން ދިނުމުގެ ބަދަލުގައި ރަށްރަށުގައި ދެމެހެއްޓެނިވި، ޞިއްޙީގޮތުން ރައްކާތެރި ބޯފެން ލިބިދޭ ވަޞީލަތް ޤާއިމްކުރަން ނުވޭތޯއެވެ. ސިއްޚީދާއިރާތަކުންވޭތުވެދިޔަ30އަހަރު ކުރެވިފަވާ މޮޅެތި ކަންތަކުވެ ވާހަކަ ލިޔެ ފޮތް ޗާޕްކޮށް ވެދުމަށް އަރުވަމުން ދާއިރު ދިވެހި ނަސްލު ދެމިއޮތުމާއި ނިމިދިއުން އެކަމަކާއި ގުޅިލާމެހިފައިވާ ސިއްޚަތާއި ބޯފެނުގެ ރައްކާ ތެރިކަމާ މެދު އެއްވެސް ވަރަކަށް ޒިއްމާދާރު ގޮތެއްގައި އަޅާނުލެވޭ ކަމީ ފެނާއި އަދި ސިއްޚަތާ ބެހޭ ވުޒާރާތަކުގެ ވެރިން މިއޮއްފަދަ ތަހުޒީބީ ޒަމާނުގައި ލަދުގަންނަން ޖެހޭވަރުކަމެކެވެ.

މި ޤައުމުގެ ގާތްގަނޑަކަށް %75 ރައްޔިތުން ބުއިމަށާއި ކެއްކުމަށް ބޭނުންކުރާ ފެނުގެ ޙާލަތަކީ މިއީކަމަށްވެފައި، ރައްކާތެރި ސާފު ބޯފެން ލިބި ދިނުމަކީ އިންސާނީ ޙައްޤެއް ކަމަށް ވީހިނދު، ކޮންމެރަށަކަށްވެސް އެރަށެއްގެ އާބާދީގެ ނިސްބަތުން އެރަށަކާއި އެކަށޭނެ ޞިއްޙީގޮތުން ރައްކާތެރި ސާފު ބޯފެން ލިބިދޭ ދެމެހެއްޓެނިވި ފެން ފޯރުކޮށްދޭ ނިޒާމެއް ޤާއިމް ކުރަން ނުޖެހޭތޯއެވެ. ރައްޔިތުންގެ މިފަދަ ބޮޑުއާބާދީއެއް ބުއިމަށް ބޭނުންކުރަންޖެހެނީ ވާރޭފެންކަމުގައި ވަނީނަމަ، ޖައްވަށް ދޫކުރަމުންދާ ވިހަ ގޭހުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުން ވާރޭފެނަށް ކޮށްފާނެ އަސަރަކީ ކޮބައިތޯބަލައި ފެނުގެ ޞިއްޙީމިންގަޑު ނުވަތަ ފެނުގެ ކޮލިޓީ ބެލޭނެ އިންތިޒާމް ރަށްރަށުގައި ހަމަޖެހިފައި ހުންނަން ނުޖެހޭތޯއެވެ. ވާރޭފެން ނަގާ ރައްކާކުރާ ވަޞީލަތްތަކަކީ ޞިއްޙީގޮތުން ރައްކާތެރި އެއްޗެއްތޯ ބަލަން ނުޖެހޭތޯއެވެ.

މިފަދަ ކަންކަމާއި މެދު ވިސްނާ، ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން ބޯން ބެނުންކުރާ ފެނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުއެޅުމަށް ގޮވާލަމެވެ. ބޮޑުއަގުގައި ކަޅުހަން ގަނެ އެ ބެހުމުގެ ބަދަލުގައި ދެމެހެއްޓެނިވި ރައްކާތެރި ސާފު ބޯފެން ދާއިމީގޮތެއްގައި ރަށްރަށުގައި ދިރިއުޅޭ ޢާއިލާތަކަށް ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމަށް ގޮވާލަމެވެ.

ހައިޑެންސިޓީ ޕޮލިއެތިލީންއިން ފެނަށް މައިގްރޭޓް ކުރާކަމަށް މަތީގައި އެވާ ދިރާސާގައި ފާހަގަކޮށްފައިވާ 39 އޯރގަނިކް މާއްދާއަކީ ކޮބައިކަމާއި އެއިން ލިބިދާނެ ގެއްލުމުގެ މައްޗަށް ދެންލިޔާ ޢަދަދެއްގައި ބަލާލާނެވާހަކަ ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ބުނެލަމެވެ.

4 comments:

Anonymous said...

Excellent,sounds good analysis and research has been on the issue.

Anonymous said...

what the writer has mentioned is true, it is a serious issue need to address. there isn't any measures put forward for water security, water quality assurance and water safety in the islands. Interesting

Anonymous said...

Its very true, indeed. a 30 year old regime which boasts on dvelopments and white washes all its faults by showing the public and foreign donors just Male and areas in the vicinity of Male, never cares about the poor islanders. The most crucial and fundamental natural resource for survival is at stake and a giant of a minister is given the post as water, enrgy and Environment. Suprisngly in a cabinet full of junior and senior and life time ministers these 3 imminent features are governed by a single ministry. Seperate environment and energy and water and sewerage should be made part of urban ministry or national development. Idea is to get more emphasis on these issues. Current environment minster cant handle all these issues as environment itself is a huge problem for maldives. systems need to cahnge and good policies need to be established. we are still like cave dwellers of stone age though we are aging in to a developing nation.

Anonymous said...

Theemugey narudhamaa flush kuraa fen ves raahjjetherey nikamethin boan golhaa sarukaarun dhey fenah vure rangalhuvaane