Tuesday, June 3, 2008

ކަޅުހަމާއި ނަޖިހާއި ބެހޭ މިނިސްޓްރީއިން ފެނުގެ ރެގިއުލޭޓަރު (އެމް.ޑަބްލިޔޫ.އެސް.އޭ) ޙިޞާރުކޮށްފައި

* ފެނުގެ ރެގިއުލޭޓަރު އުފެދުނީއްސުރެން މިހާތަނަށް އާއިރުވެސް ތަން ހިންގުމުގެ މިނިވަންކަން ދީފައި ނުވާއިރު ތަނުގެ ބާރު އަބަދުވެސް ވަނީ ކަނޑުވާލާފައި

ދިވެހި ރާއްޖެއަށް ރާޅާ އެޅުން ތަޢާރަފުވެގެން އައި ދުވަސްވަރު މީގެ ގާތްގަނޑަކަށް ތިރީސް ފަސް އަހަރު ކުރީ ގައި އުފެދުނު ނަރުދަމާގެ ރެގިއުލޭޓަރު (އެމް.ޑަބްލިޔޫ.އެސް.އޭ) ނުވަތަ ފެނާއި ނަރުދަމާގެ ކަންކަމާއި ގުޅޭ ޤަވާޢިދު ހަދާ ޤަވާޢިދު ތަންފީޒުކުރުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭ މި މުވައްސަސާ އަކީ މިހާތަނަށް އުފެދުނު ސަރުކާރު މުވައްސަސާތަކުގެ ތެރެއިން އެތަނެއްގެ ނަމަށް އެއްވެސް ބަދަލެއް ނައިިސް ހުރި ދުވަސްވީ ހަރު މުވައްސަސާތަކުގެ ތެރޭގައި ހިމެނޭ މުވައްސަސާއެކެެވެ.

ވަރަށް ކުޑަކުޑަ އޮފީހެއްގެ ގޮތުގައި އުފެދިގެން އައި މި އޮފީސް ގިނަ އަހަރުތަކަކަށް ދެމިގެން ދިޔައިރު ހިންގުމުގެ މަސްއޫލިއްޔަތު ތަފާތު ގިނަ ބޭބޭފުޅުން އަދާ ކުރައްވާފައި ވީނަމަވެސް، ތަނުގެ ބޭނުން އެދެވޭގޮތުގައި ހިފިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. މިކަން މިހެން ދިމާވާން މެދުވެރިވި އަދި މިހާރުވެސް މެދުވެރިވަމުންދާ ސަބަބެއްކަމަށް، ތަން ހިންގުމާއި ޙަވާލެވެ ލެއްވި ގިނަ ބޭބޭފުޅުންގެ ވާހަކައަށް ބުރަވެ ހުރެ ދަންނަވަން ޖެހެނީ، މި މުހިންމު މުވައްސަސާ ހިންގުމުގެ މިނިވަންކަން އެއްވެސް ޒަމާނެއްގައި ސަރުކާރުން ދީފައި ނުވާކަމެވެ. މިތަން ކޮންމެވެސް ވުޒާރާއެއްގެ ބަނޑުދަށުގައި ހިންގަން ޖެހިފައި ވުމެވެ. އެ ވުޒާރާއެއް ހިންގަން އޭރަކު އިންނަ ވަޒީރެއްގެ ހަން ފަތުރާފައި އޮތުމެވެ. އެވުޒާރާއެއް ހިންގަން އިންނަ ވަޒީރެއްގެ އެއްފައި ތަނުގެ ތެރޭގައި އޮތުމެވެ.

އެމް.ޑަބްލިޔޫ.އެސްއޭ.އަކީ މިނިވަން މުސްތަޤިއްލު ވަރަށް ފަންނީ އިދާރާއެއްކަމަށް ކަރުދާހުގައި ލިޔެފައި އޮތަސް ތަން ހިންގުމުގެ މިނިވަންކަން މިއަދުވެސް ދީފައެއް ނުވެއެވެ. ތަން ހިންގުމަށް ކަމުގެ ފަންނީ ޤާބިލުކަން ހުރި ހަރުދަނާ ވެރިއަކު އިސްކޮށްފައެއް ނުވެއެވެ. މި މުވައްސަސާ ގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މި ދަނޑިވަޅުގައި މިތަނުގެ ބޭނުން ނުހިފި މިއަދު މިވަނީ އެއްވެސް ބޭނުމެއް ނުހިފޭ ތަނެއްގެ ގޮތުގައި ބަދަލުކޮށްފައެވެ. ނަޖިހާއި ބެހޭ މިނިސްޓްރީގެ ހަޑި މުޑުދާރު ސިޔާސަތުގެ ސަބަބުންނެވެ. މި މުވައްސަސާ ހިންގަން ޖެހެނީ މިނިވަން މުސްތަޤިއްލު ކަމިޝަންއެއްގެ ދަށުންކަމަށް ވާއިރު، ނަޖިހާއި ބެހޭ މިނިސްޓްރީއިން މިތަން ޙިޞާރުކޮށްފައި އޮތުމުގެ ސަބަބުންނެވެ. ތަންހިންގުމަށް ޤާބިލު، ހަރުދަނާ ބޭފުޅަކު އިސްނުކުރުމުގެ ސަބަބުންނެވެ.

އެމް.ޑަބްލިޔޫ.އެސް.އޭއަކީވެސް ސަރުކާރު މުވައްސަސާއަކަށް ވީހިނދު، އޮފީހުގެ ޕިއޯނަކު ލައްވާ ޤަވާޢިދުން ތަން ހުޅުވާ ލެއްޕުމުގެ އިތުރުން، ޑީވޯޓަރިން(ފެން ޕަންޕުކުރުން) ކުރުމަށް ހުއްދަދޭ ފޯމްކޮޅެއް ވިއްކުން ނޫންކަމެއް ނުކުރެވެއެވެ. ރަށްރަށުގައި ޤާއިމް ކުރަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގައި އެމް.ޑަބްލިޔޫ.އެސް.އޭގެ ދައުރު އަދާ ކުރާތަނެއް ނުފެނެއެވެ. މަސްއޫލިއްޔަތު އަދާ އަދާ ކުރާތަނެއް ނުފެނެއެވެ.ރަށްރަށުގައި އުފެދޭ ނަޖިހުގެ ސަބަބުން ރަށްރަށުގެ ފެންވަޅުތަކުން ލިބެން ހުރި މީރުފެން ނަޖިސްފެނަށް ބަދަލުވެ،ރައްޔިތުން ބޯން ބޭނުކުރަން ޖެހިފައިވާ ވާރޭފެން ރައްކާކުރާ ތާނގީތަކުގައި ހުންނަ ފެން ބުޅަލާއި މީދަލުގެ ނަޖިހަށް ބަދަލުވެފައިވާ މި ދަނޑިވަޅުގައި ފެނާއި ނަރުދަމާގެ ކަންކަން ރަގަޅުކުރުމަށް ލޯނާއި ހިލޭ އެހީގައި ހިންގަމުންދާ މަޝްރޫޢުތަކުގައި ފެނުގެ ރެގިއުލޭޓަރު އެބްސެންޓް ވެފައިވާކަމީ މައްސަލައެކެވެ. ފެނުގެ ރެގިއުލޭޓަރު މިކަމުގައި ނުކުޅެދި ބިއްޖެހިފައިވާކަމީ ހިތާމަހުރިކަމެކެވެ. ފެނުގެ ރެގިއުލޭޓަރު ބަލިކަށިކޮށް، އިނދަޖައްސާފައިވާކަމީ ސުވާލު އުފެދޭކަމެކެވެ.

އެމް.ޑަބްލިޔޫ.އެސް.އޭ، ނަޖިހާއި ބެހޭ މިނިސްޓްރީގެ ނުފޫޒުން އެއްކިބާކޮށް ތަނުގެތެރޭގައި ހަރުލާފައި ހުރި ނަޖިހާއި ބެހޭ ވަޒީރުގެ ފައި ތަނުން ލުހެލާ، ތަން ހިންގުމަށް ހަރުދަނާ ފަންނީ ޤާބިލު ބޭފުޅަކު ތަނަށް އިސްކޮށް، މި މުހިންމު އިދާރާ މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ހަރަކާތްތެރިވެ ދިނުމަށް ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށް ގޮވާލަމެވެ. ސަރުކާރުގެ މި މުވައްސަސާއަކީ، ސިޔާސީ ޕާޓީ ހިންގުމާއި ރަށްރަށް ބުރިކޮށް ފޮތިފޮއްޗަށް ކޮށާ އޮއިދެމޭ ކޯރު ތައް ކޮނުމަށް އެހެން މިނިސްޓްރީތަކަށް ލަފާދޭން ހުރި ތަނެއްގެ ގޮތުގައި ނުހެދުމަށް ގޮވާލަމެވެ.

No comments: