Wednesday, June 25, 2008

މާލޭމީހުންގެ ބޮޑުކަމުދާ ތަކެއްޗަށްވުރެ، ރާއްޖެތެރޭ މީހުންގެ ބޮޑުކަމުދާތަކެތީގެ ބާރުގަދައީޔޯ!!!!

* ރާއްޖެތެރޭ ރަށްރަށުގައި ދިރިއުޅޭ ދެތިން ސަތޭކަ މީހުންގެ ބޮޑުކަމުދާތަކެތި ހޮޅިއަޅައިގެން މޫދަށްބޭރުކުރީމާ ފަރުހަލާކުވާއިރު، މާލޭގައި ދިރިއުޅޭ ދޮޅުލައްކަމީހުންގެ ނަޖިހުން ފަރުތަކަށް ލިބެނީ އާރޯކަމޯ!!

ދިވެހީންނަކީ އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއްކަމާ، ދިވެހީންގެ އެކަކު އަނެކަކާމެދު އެއޮންނަ ގަދަފަދަ އުޚުއްވަތްތެރިކަމެއްގެ ސަބަބުން، ދެފިރިހެނުން އެކަކު އެނެކަކާއެކުު އެއްތުވާލީތެރޭ، ބާރުކޮށް ދެހިންމި ޖައްސައިގެން ތިއްބަސް އެއަކީ މައްސަލައެއް ނޫންކަމުގައި ސަރުކާރުގެ ވެރީން ވިދާޅުވާތީ އިވެއެވެ. ހަމައެހެންމެ، ދިވެހި ރައްޔިތުންނަކީ އެއް ޢާއިލާއަކަށް ނިސްބަތްވާ، އެއްބަހަކުން ވާހަކަދައްކައި، އެއްދީނެއްގެ، އެއް ސަގާފަތެއްގެ ބަޔެއްގެ އިތުރުން، އެއްބާވަތަކަށް ހެދުން އަޅައި، ވަރަށް އެކުވެރި ޖައްވެއްގައި އުޅޭ ބައެއްކަމުގައިވެސް މިވެރީން ކިޔާ އުޅެތެވެ.

އެހެންނަމަވެސް މިހެންމިކިޔާހައި، އެއްބައިވަންތަކަމާ، އެއްބައެއް ވަންތަކަމުގެ ވާހަކަ، ކަރަށް ނާރު ނަގާފައި ކިތަންމެވަރަކަށް ކީކަމުގައިވިޔަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، މިކަހަލަ ވާހަކަ މިދައްކަނީކީ ކޮންމެހެން، ހުރިހާ ދިވެހި ރައްޔިތުން އެއްވަރުކޮށް، އެއްހަމައަކުން މުޢާމަލާތްކޮށް، އެއްދަރަޖައެއްގެ ބައެއްގެގޮތުގައި ބެއިތިއްބުމަކަށް ނޫންކަމެވެ. އަދި އެކަން އެގޮތަށް ގަބޫލުކޮށްގެންނެއްވެސް ނޫންކަމެވެ. އަދިކިއެއްތަ، މިހެން އަނގަފުޅާކޮށްފައި ވާހަކަ ދައްކާއިރު ފަހަތުގައިވާ ހަގީގީ ބޭނުމަކީ ކޮންމެވެސް މޮޅު ވާހަކަތަކެއް ދައްކާލައިގެން، ރައްޔިތުން ވާވައްދާލުމެވެ.

މިހެން ދެން ނުބުނެވޭވަރެއްވެސް ނޫންތާއެވެ. ދުނިޔޭގައި ނަސްލީ އިމްތިޔާޒު އެންމެ ގަދަޔަށް ގެންގުޅޭ ގައުމުތަކަށްވުރެ ބޮޑަށް މި އެއްބައިވަންތަ، އެއްބައެއްވަންތަ ރާއްޖޭގެ މަދުމީސްކޮޅުގެތެރޭގައި އެވަނީ ނަސްލީ އިމްތިޔާޒު އުފައްދާފައެވެ. ރާއްޖެތެރޭ މީހުންނާއި މާލޭ މީހުންގެ މެދުގައެވެ. ކޮށްދޭ ކަންތައްތަކުގަޔާއި، ދައްކާ ވާހަކަތަކުގަޔާ، އަދި ވެދޭ އެހީތަކުގައިވެސް ރާއްޖެތެރޭ މީހުންނާއި މާލޭ މީހުންނަށް ކަންތައްތައް ކޮށްދޭގޮތް ހަމަގަސްދުގައި ތަފާތުކޮށް، މާލެއަށް އަމާޒުކޮށްގެން، އެއްވަނަ ދަރަޖައިގެ މަޝްރޫޢުތައް ހިންގާއިރު، ބޭރުގެ ހިލޭއެހީ ލިބިގެން ރާއްޖެތެރޭގައި ހިންގާ މަޝްރޫޢުތައްވެސް ހިންގާތީ މިފެންނަނީ ތިންވަނަ ދަރަޖައިގެ މަޝްރޫޢުތަކެއްގެގޮތުގައި، އެންމެ ކޮލިޓީދަށްވާނޭ ގޮތްގޮތަށް ބަލައިގެންކަމުގައި ހަދާފައިވާކަމީ މިބުނާ ވާހަކައިގެ ތެދުކަން ދުވާލުގެ އިރުހެން ހާމަވާނޭކަމެކެވެ. ބޭރުގެ އެހީގައި ރަގަޅުފެންވަރުގެ ސްކޫލެއް، ނުވަތަ އުސް އިމާރާތެއް ހަދާލަން ލިބުނަސް، އެތަނެއް ކޮންމެހެންވެސް މާލޭގައި ހެދުމުގެ އިތުރުން، މާލޭގެ ބަނދަރުހެދުމަށްޓަކައި، ކޮންމެހެންވެސް ބަޖިޔާ ގައު ބަހައްޓަންޖެހޭއިރު، ރާއްޖެތެރޭ ރަށްރަށުގެ ސްކޫލް މަދަރުސާތައް، އޮޑިހަރުގެ ސްޓައިލަށް ހަދައި، ރާއްޖެތެރޭގެ ރަށެއްގައި ބަނދަރެއް ހެދިޔަސް، މުއްދަތުހަމަވެފައިވާ ސިމެންތި ބަސްތާ ޖެއްސުމަށްވުރެ ވަކީން ފެންވަރު ރަގަޅުކޮށް އެއިންކަމެއް ކޮށްދެވޭކަމަކަށްނުވެއެވެ.

މާލޭގެ މަގުމަގުގައި ފެންހޮޅިވަޅުލައިގެން، ހުރިހާ ގޭގެއަށް ފެން ސަޕްލައިކޮށްދިނަސް، ރާއްޖެތެރޭގައި މިސްކިތު ވަޅުން، ނޫނީ މިސްކިތްކައިރީ ހަދާފައިހުންނަ، ފެރޯ ސިމެންތި ތާންގީތަކުން ބަނޑިޔާ ބަނޑިޔާ ފުރައިގެން ފެން ބަލާދިޔުން ނޫންގޮތަކަށް ބޯލާނެ ފެންފޮދު ލިބޭނޭ އިންތިޒާމެއްވެސް ހަމަޖައްސައިދީފައި އޮންނަންޖެހޭނޭކަމަކަށް މިސަރުކާރަކަށް ގަބޫލެއްނުކުރެވެއެވެ. އަދިހަމައެހެންމެ، މާލޭގެ މަގުމަގުގައި ހޮޅިއަޅައިގެން މާލޭ ރައްޔިތުން ބޭރުކުރާ ބޮޑުކަމުދާ ތަކެއްޗާއި ނަޖިސް، ވަށައިގެންވާ މޫދަށް ބޭރުކުރިޔަސް، ރާއްޖެތެރޭގެ ބައިމަދު ކުދިކުދި ރަށްރަށުގެ ރައްޔިތުން ބޭރުކުރާ ބޮޑުކަމުދާ ތަކެއްޗާއި ނަޖިސް، ރަށްރަށުގެ ފަސްގަނޑުގެ އަޑިއަށް ފެން ވަޅުބުޑަށް ހިންދުންނޫންގޮތެއް އޮންނަންޖެހޭނެކަމަކަށް މިސަރުކާރަކުން އެއްގޮތަކަށްވެސް ގަބޫލެއްނުކުރެއެވެ.

ސަރުކާރުގެ ނަޖިހާއި ހަނޑަސްބުރިތަކާބެހޭ ވުޒާރާގެ ނަޖިސް ކޮންޓްރޯލަރމެން ވިދާޅުވާކަމަށްވަނީ، ރާއްޖެތެރޭ ރަށްރަށުގެ ރައްޔިތުން ބޭރުކުރާ ނަޖިސް މޫދަށް ބޭރުކުރަންޏާ، ރާއްޖެތެރޭ ރަށްރަށުގެ ވަށައިގެންވާ ފަރުތަކުގެ ދިރުން ގެއްލޭނެކަމަށާ، އަދި ރަށްރަށުގެ ބިމުގެ ފެންފަށަލަތައް ލޮނުވެ، ވަޅުވަޅުގެ އުނގުރިތަކުންލާފާ މިޔޮށްބޮޑު އިންޑިޔާކަނޑު އަރައިގެން އައިސްދާނޭކަމަށެވެ. އެހެންނަމަވެސް، ދޮޅުލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ ވެރިރަށް މާލޭގެ ހުރިހާ ގޭބިސީތަކުގެ ފާޚާނާތަކުންނާއި، މިތާ މިހިރަގެން ހިންގަމުންދާހާ ގަރާޖުތަކާ، ކްލިނިކްތައް، އަދި ވޯކްޝޮޕްތަކާ، ފޮޓޯސާފުކުރާ ތަންތަންފަދަ ވިހަކެމިކަލްތައް ބޭރުކުރާ ހުރިހާތަނަކުން ބޭރުކުރާހައި ހުރިހާބާވަތެއްގެ ނަޖިހާއި ކުނިބުނިން، ފަރަށް ގެއްލުން ނުލިބިފައި، ރާއްޖެތެރޭރަށްރަށުގައި އެހެން އެތިބޭ ދެތިން ހަތަރުސަތޭކައެއްހާ މީހުން، ކަނޑިކި ހިއްލައިގެންނާއި މުންޑުއަރުވައިގެން ތިބެ، ހަމައެކަނި ހަށިގަނޑުން ބޭރުކުރާ ޠަބީޢީ ނަޖިހުގެ ސަބަބުން އެރަށްރަށުގެ ވަށައިގެންވާ ފަރުތައް މުޅީން މަރުވެ ނެތިގޮސްދާނޭކަމަށް މިވެރީން މިދައްކާ ވާހަކަތައް ބުޅާވެސް ގަބޫލުކޮށްފާނެބާވައެވެ.

4 comments:

Anonymous said...

ވަރަށް ފުރިހަ، ނަޖިސްކޮންޓްރޯލަރުމެން ހިތަށް އަރަނީ ރާއްޖެތެރޭ ރައްޔިތުން ބޭރުކުރަނީ ވިހަ ރޭޑިއޯ އެކްޓިވް ވިހަ މާއްދާ އެކުލެވޭ ކެމިކަލް ކަމަށް. އެހެންވެ ނަޖިސްކޮންޓްރޯލަރު- ޝަހީދާ އާދަމް ވަރަށް ބިރުގަނޭ، ރަށްރަށުގެ ނަޖިސް ކަނޑަށް ބޭރުކޮށްލަން.

Anonymous said...

I think this artilce is very good and highlighted a main issue that has been ignored by most of the people at Water Ministry and MWSA. before, we make a decion over the treatment we need to refer to the quantity and quality of waste water and sewage generates from any island or facility, being very orgainic in nature and also due to the limited quanity, i dont see any reason on installing expensive waste water treatment facilites in the islands. but based the experience of Male', propoer location and land can be allocated for future treatment facility and which shall be considered during designing the sytem. the writer has mentioned a very good point, as and altough sewage and waste water is not treated in Male' with a popualation of 150,000 people, how come we justify to treate sewage and waste water generated from an island with less than 1000 people. this indicates the technical capcity and incosisteny of the people who are handling water and sewrage development works targeted to islands.
Dr for ALL

Anonymous said...

ނަރުދަމާ ކޮންޓްރޯލަރަކީ ކޮންބޭފުޅެއްތޯ؟ ތިއޫ ހާދަ ބާރުގަދަ ބޭފުޅެއް ދޮއްތޯ؟ ޒަޢީމު ނަގާފާ ދެންހުރި އެންމެ ބާރުގަދަ ބޭފުޅޭ ނޫންތޯ؟ އަޅެ ނަރުދަމާ ކޮންޓްރޯލަރަކީ ކާކުތޯ؟
ވަޓަވައްރިހާ

Anonymous said...

Narudhamaa Kontrollerakee Dr.Azeege Anbi goi Shaheeeda Adam Ibrahim, fathafolheeege Baaarutho gadhakamah dhakkaaa lhaaa eko