Thursday, June 5, 2008

ތިމާވެއްޓަށް ހުރި ގޮންޖެހުމުގެ ވާހަކަ އަޑަށް ބާރުލާފައި ނަޖިހާއި ބެހޭ ވަޒީރު ވިދާޅުވާއިރު އެ ވިދާޅުވާ ގޮންޖެހުމަކީ ކޮބައިތަ؟

ނޯޓް: މިއަދު(5 ޖޫން 2008) ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށިދުވަހުގެ ތަހުނިޔާއާއި ހެޔު އެދުންތަށް ލޮބުވެތި ކިއުންތެރިންނަށް އަރިސްކުރަމުން، މިއަދުގެ ޝިއާރެއްކަމަށް ނަރުދަމާ ބްލޮގުން ކަނޑައެޅި ޝިޢާރަކީ " ޖޫސްބޯ ހޮޅިން ނަރުދަމާ ނައަޅަމާތޯ" މި ޝިއާރެވެ.

" ގޮންޖެހުން" މީދެން މިހާރު މާމޮޅު ބަހެކެވެ. އަގައިން ބޭރުވާ އެއްވެސް ޖުމްލައެއް " ގޮންޖެހުން" ނައިސް ފުރިހަމައެއް ނުވެއެވެ. ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ފޯރުކޮށް ނުދީ، އެކަންކަން ފޯރުކޮށް ނުދެވުނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާތީއޭ ބުނުމުގެ ސަޤާފަތެއް މިހާރު މިވަނީ ގެންގުޅެން ފަށާފައެވެ. އެވިދާޅުވާ ގޮންޖެހުމަކީ ކޮބައިތޯއެވެ.

ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން ބުއިމަށް ސާފު ރައްކާތެރި ބޯފެން ފޯރުކޮށް ދިނުމަށް ވޭތުވެދިޔަ ދިގު މުއްދަތުގައި ނުކުޅެދިފައި ވަނީ އެއީވެސް ގޮންޖެހުމަކީ ތޯއެވެ؟ ރަށްރަށުގެ ރައްޔިތުން ނަޖިހާއި ނަޖިސްފެނުން ސަލާމަތް ނުވެގެން އުޅޭ އިރު، އެކަން ޙައްލުކުރުމަށް ޖޫސްބޯ ހޮޅިން ނަމަވެސް ނަރުދަމާ ނިޒާމް ޤާއިމް ނުކުރެވުނީ އެއީވެސް ގޮންޖެހުމަކީތޯއެވެ.؟ ރަށްރަށުގައި އުފެދޭ ކުނި ނައްތާލާނެ އެއްވެސް ނިޒާމެއް މިހާތަނަށް ރަށްރަށުގައި ޤާއިމް ނުކުރެވި ހުރީ އެއީވެސް ގޮންޖެހުމަކީތޯއެވެ.؟ މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ މީރުފެން ފަށަލަ ރަށްރަށުގައި އުފެދޭ އިންސާނުންގެ ނަޖިހުގެ ސަބަބުން ތަޢައްޔަރުވެ، ގޭގައި ހުންނަ ފެންވަޅު ނަޖިސްފެނަށް ބަދަލުވާއިރު، އެކަން ޙައްލު ނުކުރެވުނީ، އެއީވެސް ގޮންޖެހުމަކީތޯއެވެ.؟

މިވެނިކަމެއް ކޮށް ނުދީ އެކަމެއް ކޮށް ނުދެވުނީ އެކަން ކުރުމަށް ގިނަ ގޮންޖެހުން ހުރީމަކަމަށް ބުނަމުންދާއިރު، މިދެންނެވި ކަންކަން ކުރަން ކުރެވުނީ ކޮންކަމެއްތޯއެވެ.؟ ބޯފެން ރައްކާކުރަން ކަޅުހަން، އޭރުވެސް އިންޑިއާ ބާޒާރުގައި ލިބެންހުރިއިރު، ކަޅުހަން ގަނެ ކޮންމެގެއަކަށް ހަމެއް ނުދެވުނީ، އޭރުގެ ގޮންޖެހުން މާ ބޮޑީތޯއެވެ.؟ ދުނިޔޭގެ ބާޒާރުގައި އޭރުވެސް 4 އިންޗީގެ އެސްލޯން ހޮޅި އާއި ބޭނުންވާ އެހެނިހެން ތަކެތި މާ އަގުހެޔުކޮށް ލިބެންހުރިއިރު، ރަށްރަށުގެ ނަރުދަމާ އޭރު ފަރުމާ ނުކުރެވުނީ އޭރުގެ ގޮންޖެހުން އޮބި އޮންނަވަރު ނުވީތޯއެވެ.؟

ދުނިޔޭގެ ތިމާވެށިދުވަސް(5 ޖޫން 2008) މިއަދު ވެސް ކުލަބޮޑި ދިއްލައިގެން ބައެއް ބޭފުޅުންގެ ޖީބު ތަނަވަސްކޮށްލުމުގެ ގޮތުން ފާހަނގަ ކުރުމަށް ތައްޔާރުވަމުންދާއިރު، ރަށްރަށުގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ލިބޭނެ ގޮތް ހަދާދިނުމަށާއި ރައްޔިތުން ބުއިމަށް ބޭނުންކުރަމުން އަންނަ ވާރޭފެނަކީ ޞިއްޙީގޮތުން ރައްކާތެރި އެއްޗެއްތޯ ބެލޭނެ އިންތިޒާމް ރަށްރަށުގައި ޤާއިމްކުރުމަށް ގޮވާލަމަވެ. ރައްޔިތުން ބުއިމަށް ބޭނުންކުރަމުންދާ ވާރޭފެނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް މަސައްކަތެއް ނުކުރާއިރު، އެކަން ގޮންޖެހުމެއްކަމަކަށް ނަހަދާ، ގޭގޭގެ ތާނގީތަކަށް ނަގާ ވާރޭ ފެނަކީ ރައްކާތެރި ސާފު އެއްޗެއްކަމަށް ހެދުމަށް މަސައްކަތްކުރުމަށް ގޮވާލަމެވެ. ބޯފެން ލިބުމަކީ އިންސާނީ ޙައްގެއްކަމަށް ވީހިނދު، ކޮންމެ ގެއަކަށް ކަޅުހަމެއް ދިނުމަކީ، ސާފު ބޯފެން ފޯރުކޮށް ދިނުމުގެ ޤައުމީ ސިޔާސަތުކަމަށް ނަހަދާމާ، ދާއިމީ ގޮތެއްގައި ސާފު ރައްކާތެރި ބޯފެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެގޮތް ހަދައިދިނުމަށް ގޮވާލަމެވެ. ރަށްރަށުގައި ޤާއިމް ކުރަމުންދާ ނަރުދަމާ ނިޒާމްތަކަށް މިލިއަން ޑޮލަރުން ޙަރަދުކުރަމުންދާއިރު، އެ ނިޒާމްތަކަކީ ދެމެހެއްޓެނިވި ނިޒާމްތަކަކަށް ހެދުމަށް މަސައްކަތްކޮށް، މިކަމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ފަންނީ ޤާބިލު މީހުން އިސްކުރުމަށް ގޮވާލަމެވެ. ފެނާއި ނަރުދަމާގެ މެގަ މަޝްރޫޢުތައް ހިންގަމުންދާއިރު، ފެނާއި ނަރުދަމާގެ ރެގިއުލޭޓަރު( އެމް.ޑަބްލިޔޫ.އެސް.އޭ) ގެ ދައުރު ފުޅާކޮށް، އެތަން ހިންގުމަށް ޤާބިލު ހަރުދަނާ ބޭފުޅަކު އިސްކޮށް، އެތަނަކީ އެތަނުގެ ޒިންމާ އުފުލޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ގޮވާލަމެވެ. އެމް.ޑަބްލިޔޫ.އެސް.އޭ އަކީ ހަމައެކަނި ޑީވޯޓަރިންގ ފޯމްވިއްކަން ހުރި ތަނެއްކަމަށް ނަހަދާ އެތަނަށް އިންޖިނޭރުންނައި، ފައިނެންޝަލް ދާއިރާގެ ބޭފުޅުންއިސްކޮށް އެތަނަކީ ފެނާއި ނަރުދަމާގެ ޤަވާޢިދު ހަދާ ޤަވާއިދު ތަންފީޒުކުރެވޭ ވަރުގެ ތަނަކަށް ހެދުމަށް ގޮވާލަމެވެ.

No comments: