Friday, June 6, 2008

ޑެންގޫއާއި ޗިކުން ގުންޏާ މާލެއާއި އަތޮޅުތަކުގައި އިންތިހާއަށް ފެތުރެމުންދާއިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން، މާލެއާއި އަތޮޅުތެރެއިން މި ބަލިޖެހޭ މީހުންގެ ޢަދަދު ގުނުމުގެ ބުރަ މަސައްކަތުގައި

* ރަށްރަށުގައި ވާރޭފެން ރައްކާކުރަން ގެންގުޅޭ ފެން ތާނގީއާއި ދިޔަދޮވި އަކީ މަދިރި ވިހާ ތަންތަން ކަމަށް ވާއިރު، ބޯފެނުގެ ސިޔާސަތަކީ ކަޅުހަން ކަމަށް ނަހަދާ ގޭގޭގެ ދޮރުމަތީގައި ހުންނަ ކަޅުހަން ލޮނުމަސް އަޅަން ބޭނުކޮށް، ރައްކާތެރި ސާފު ބޯފެން ދާއިމީގޮތެއްގައި ރަށްރަށުގެ ރައްޔިތުންނަށްް ފޯރުކޮށް ދެވޭނެެ އެހެންގޮތެއް ހޯދަން ވެއްޖެ.

ޑެންގޫ މިބަހަކީ، އެހާ ބީރައްޓެހި ބަހަކަށް ނުވިޔަސް، ޗިކުން ގުންޔާ ދިވެހިންގެ ތެރެއަށް ވަދެގަތީ ދާދި ފަހުންނެވެ. މި ދެނަމަކީވެސް މަދިރީގެ ސަބަބުން ޖެހޭ ބަލިތަކަށް ކިޔާ ދެނަމެވެ. މަދިރީގެ ސަބަބުން ފެތުރޭ މިފަދަ ބަލިތަކަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ޚާއްސަކޮށް އެފުރިކާ އަދި އެޝިއާ ބައްރުތަކުގައި އާންމުކޮށް ފެތުރެމުންއަންނަ ބަލިތަކެކެވެ. ނަމަވެސް މިބަލިތައް ޖައްސާ މަދިރި ފުރަތަމަ ފަހަރަށް ރާއްޖެއައީ އެފުރިކާއިން ކަމެއް ނުވަތަ އޭޝިއާގެ ގައުމަކުންކަމެއް އެގޭކަށް ނެތެވެ. އެނގޭ އެއްޗަކީ، ޑެންގޫއާއި ހެދި ސަލާމަތް ނުވެގެން އުޅެނިކޮށް ޗިކުން ގުންޏާގެ ބަލި ޖައްސާ މަދިރިވެސް ރާއްޖޭގައި އުޅެން ފަށާ، މިބަލިވެސް އިންތިހާއަށް ފެތުރެމުން އަންނަ ކަމެވެ. ދުވާލެއްގެ މައްޗަށް އެތައްބަޔަކު ހަސްފަތާލުތަކުގައި އެނދުމަތި ކުރަމުން ދާކަމެވެ.

ޗިކުން ގުންޔާގެ މިބަލި 1952 ގައި ފުރަތަމަ ފަހަރަށް ތަޢާރަފުވެފައި ވަނީ އެފުރިކާގައި ކަމަށްވިއަސް ޗިކުން ގުންޔާ ފެތުރިފައިވަނީ 1963 ގައި އިންޑިއާގެ ކަލްކަތާ ގައެވެ. އަދި ޑެންގޫ ފުރަތަމަ ފަހަރަށް ތަޢާރަފުވެގެން ގޮސްފައިވަނީ 1779 ގައި އެމެރިކާގެ ސަހަރެއްކަމުގައިވާ ބަޓާވިއާ، އަދި މީގެ އިތުރުން އިންޑޮނޭޝިއާ އާއި ކައިރޯގައި ކަމަށް ވާއިރު 1780 ގައި ޕިލަޑަލްފިއާ ގައި މިބަލި ވަނީ ފެތުރިގެން ގޮސްފައެވެ.

ދިވެހިން ނޭވާ ލަމުން އަންނަ މިކުޑަ ދިވެހި ރާއްޖޭގައި ޑެންގޫ ފުރަތަމަފަހަރަށް ފެތުރިފައިވަނީ 1979 ގައި ވެރިރަށް މާލެ، ބ.އޭދަފުށި އަދި ބ.ދަރަވަންދޫ ގައެވެ. 1979 ގައި ފުރަތަމަ ފަހަރަށް މިބަލީގެ ނުރައްކާ ކުރިމަތިވި ހިސާބުން ފެށިގެން މިއަދާހަމައަށް އާއިރުވެސް ސިލްސިލާއެއްގެ ގޮތުގައި މިބަލި އަންނަނީ ފެންނަމުންނެވެ. މިބަލިޖެހޭ މީހުންއަންނަނީ އިތުރުވަމުންނެވެ. މިބަލި ޖައްސާ މަދިރިތައް އަންނަނީ އިތުރުވަމުންނެވެ.

ޗިކުން ގުންޔާ ފުރަތަމަހަރަށް ދިވެހިންގެތެރެއިން ފެނިފައިވަނީ 2006 ގެ މެދުތެރޭގައި ކަމަށް ވާއިރު މިބަލީގެ ނުރައްކާ ބޮޑުވެ ރަށްރަށަށް އުދައަރާހެން 2006 ގެ ޑިސެމްބަރުން ފެށިގެން މާލެ އާއި އަތޮޅުތެރޭގައި އަންނަނީ މި ބަލި ފެތުރެމުންނެވެ. ބަލިފެތުރިގެން ގޮސް، އެތައް ބަޔަކު ދުނިޔެދޫކޮށް ދާ ހިސާބުން ރައްޔިތުން ހަޅޭފަޅޭ ލަވައިގަތީމަ، ޗިކުންގުންޔާގެ ފޯކަލް ޕޮއިންޓް އުފައްދާ، ޓާސްކުފޯސް އުފައްދާ، ލޯންޗުފަހަރުގައި ރަށްރަށަށް ދެވޭއިރު، ކޮޅަށް ހުރެވޭ ހަމަ އެކަކުވެސް މިއިން އެއްވެސް ރަށެއްގައި ނުހުރެއެވެ. ރައްޔިތުން ތިބެނީ ގުންޔާ ޖެހި ލެންބިފައެވެ. ޑެންގީ ޖެހި ދެމިފައެވެ.

ބަލި ފެތުރެން ދިމާވާ ސަބަބު

މި ދެ ބައްޔަކީވެސް މަދިރީގެ ސަބަބުން ޖެހޭ ބަލިތައްކަމަށް ވާއިރު، މިބަލި ފެތުރިގެން ދަނީ ރަށްރަށުގައި ކުނިބުނި ގިނަވެ، މަދިރި އާލާވާފަދަ ތަންތަން އިތުރުވެ، މަދިރި ކޮންޓްރޯލްކުރުމަށް މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ.މަދިރި އާލާވަނީ، ފެން ހަރުލާފައިހުންނަ ތަންތަނުގައި ކަމަށްވާއިރު، ފެންހަރުލާގޮތަށް ނޫނީ އެއްވެސްކަމެއް ކުރެވިފައެއް ނުވެއެވެ. ވެރިރަށް މާލެއަށް ބަލާއިރު، މާލޭގެ މަގުތަކަކީ، އޭރު ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި އުމަރު ޒާހިރުގެ އަމިއްލަ ޑިޒައިނަކަަށް ތައްޔާރުކޮށްފައި ހުރި މަގުތަކެކެވެ. މަގުތަކުގެ ކާނުތައް ހަދާފައި ހުރީ އުމަރުގެ އަމިއްލަ ޑިޒައިނަކަށެވެެ. މާލޭގެ މަގުތަކުގައި ހަދާފައި ހުރި ކާނުތަކަކީ ކުނިބުނި ޖަމާވެ، މަގުމައްޗަށް ވެހޭ ވާރޭފެން ރައްކާކުރަން ހުރި އޯޕެން ކާނުތަކެއްކަމުން، މިކާނުތަކުގައި ބަތްފެން ގަނޑެހެން ގުންޏާއި ޑެންގޫގެ މަދިރި ޖަމާވެ ދިރިއުޅެމުންދާއިރު މިކަން އެގޭބަޔަކު ނުވެއެވެ. މިކަން ކޮންޓްރޯލްކުރަން މަސައްކަތް ކުރާޔަކު ނުވެއެވެ. މަދިރީގެ ދުއްޕާން ބޮޑުވެ، ގުންޏާއި ޑެންގޫގެ ބަލީގައި އެތައްބަޔަކު ހަސްފަތާލުތަކުގައި އެނދުމަތިކުރެވި، އެތައްބަޔަކު ދުނިޔެއިން ނިމިގެން ދާހިސާބުން ފެށިގެން ޓާސްކުފޯހާއި، ފޯކަލް ޕޮއިންޓާއި، ޓީވީ އިންޓަވިއުތަކާއި، ނޫސްކޮންފަރެންސް ތައް ދޭތަން ފެނެއެވެ. މާލެއަކީ ވަން އެންޑް އޮންލީ މާލެކަމަށް ވެ، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ދިވެހިންގެ އާބާދީ 60 އިންސައްތައިގައި ހުރި އިރު ބަންގާޅީންގެ އާބާދީ މިވަނީ 40 އިންސައްތައަށް އިތުރުވެފައެވެ. ބަންގާޅީ ޓައުންއާއި އިންޑިއަން ޓައުން މިވަނީ އުފެދިފައެވެ. ބަންގާޅީންނަށް ބައްޕަ ކިޔާ ތުއްތުކުދިން މިވަނީ ފެންނަންފަށާފައެވެ. 4 އަކަ ކިލޯމީޓަރު ހަމަ ނުވާ ކުޑަ ފިނޮޅެއްގައި، ދިރިއުޅޭ މީހުންގެ އާބާދީ ލައްކައިން އިތުރުވެގެން ދާއިރު، ގުންޏާއާއި ޑެންގޫފަދަ ނުރައްކާތެރި ބަލި ފެތުރިގެން ދިޔަ ނުދިނުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭނަމަ، އެކަކު އަނެކަކަށް ގައިގޯޅި ވުމުގެ ސަބަބުންް މިބަލި ޖެހޭތަން އައުމަކީވެސް އެކަށީގެންވާކަމެކެވެ. މޮޑެލް ވެރިރަށް މާލޭގެ ޙާލަތު ހުރިގޮތަކީ މިއީ ކަމަށް ވާއިރު އަތޮޅުތެރޭ ރަށްރަށުގެ ކަންތައްތައް ހުންނާގެ ގޮތް ކިއުންތެރިންނަށް މާރަގަޅަށް އެގޭނެއެވެ. ކުނި އުކާނެ ވަކި ތަނެއް ނުހުރެއެވެ. ރަށްރަށުގެ ގޮނޑު ދޮށަކީ ކުނިގޮޑެވެ. ގޭގޭގެ ފުރަގަހަކީ ކުނިގޮނޑެވެ. މަގުމައްޗަކީ ކުނި ގޮނޑެވެ.

ސުނާމީ ކުނިކޮށި

ސުނާމީ ކާރިސާއަށްފަހު، ރަށްރަށުގައި އުފެދޭ ކުނި ބުނި ނައްތާލުމުގެ ނަމުގައި ރެޑްކްރޮސް ފަދަ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ބައެއް ރަށްރަށުގައި ކުނިޖަމާ ކުރާ ކުނި ކޮށި ވަރަށް ފޯރީގައި ހަދަމުންދިޔައިރު، ގޭ ބިސީއަކުން ގެންދާ ބަރޯއެއްގެ ކުނި މިއިން ކޮށްޓަކަށް އަޅާލުމުން ހުނަނީ ކޮށި ފުރިފައެވެ. މި ދެންނެވި ކުނިކޮށިތަކުގެ ބޮޑުމިން، ޓުމާޓޯ ހުސްކުރި ކުޑަ ދަޅެއްވަރުވާއިރު، މީ ކީއްކުރަން ހަދާތަނެއްކަމެއް އެގޭކަށް ބޭނުމެއް ނުވެއެވެ. މިތަންތަނުގައި ޖަމާކުރަން މި އުޅެނީ ހަނޑޫ ހަކުރު ފުށް ކަމެއް ނޫނީ ގޭގޭއިން އުކާލާ ކުނިކަމެއް އެގޭކަށް ބޭނުމެއް ނުވެއެވެ. ކުނިކޮށިތަކުގެ ސައިޒް ކުޑަކަމުގެ ޝަކުވާގެ އަޑު ރައްޔިތުން އުފުލަމުން ދިޔައިރު، ކުންޏާއި ބެހޭ ސައިންޓިފިކް ދިރާސާ ސެންޓަރުން ބުނަމުންދިޔައީ، ތިމަންނާމެން ކުނިބޭނުންކޮށްގެން ރައްޔިތުންނަށް އިއާދަކުރަނިވި ހަކަ އުފެއްދުމުގެ ދިރާސާ ކުރަމުންދާތީވެ، ރައްޔިތުން ކުޑަ ދުވަސްކޮޅަކު، ކުނީގެ ތެރޭގައި އުޅެ ދެއްވުމަށެވެ.

ރެޑްކްރޮސްފަދަ ތަންތަނުންވެސް ބެލީ، ކޮށިތައް ހަދާލެވޭތޯއެވެ. މެޑަލި ޖެހޭތޯއެވެ. ކޮށި ހެދުމަށްފަހު އެކި ދިމަދިމާލުން އަރިއަރިއަށް ފޮޓޯ ނެގުމަށްފަހު ރިޕޯޓެއް ތައްޔާރުކޮށް އިންޓަރނެޓްގައި ޖަހާލުމުން އެނިމުނީއެވެ. މިބުނި ކުނިކޮށިތައް ފުރި، ވާރޭ ވެހޭއިރު، ކުންޏާއިއެކު ރަށުތެރެއަށް ޖަމާވެ މަދިރީގެ އުނދަގޫ އެތައް ގުނައަށް ވަނީ އިތުރުވެފައެވެ. މަދިރި އާލާވާތަންތަން މިވަނީ އެތައްގުނައަށް އިތުރުވެފައެވެ. ކުނި ކޮށި ހެދުމުގެ ކުރީން، ރަށްރަށުގެ ކުނި ކޮށްޓަކީ ރަށްރަށުގެ ގޮނޑުދޮށްކަމަށް ވީއިރު، ގޮނޑުދޮށުގައި ހުންނަ ފެން ހަރުލާ އެއްޗެހީގައި ހުންނަނީ ލޮނުފެންކަމުން މަދިރިއާލާވާގޮތް ނުވެއެވެ. މި ދައްކަނީ އޭރު މަދިރި ނުހުންނަ ވާހަކައެއް ނޫނެވެ. މަދިރި އާލާވާތަންތަން ނުހުންނަ ވާހަކައެއް ނޫނެނެވެ. އޭރުވެސް މަދިރި އާލާވާތަންތަން ރަށުތެރޭގައި ހުރެއެވެ. އެކަމަކު މިވަރެއް ނޫނެވެ.

ފެން ރައްކާކުރާ ކަޅުހަން - މަދިރި ފެކްޓަރީ

މަދިރިއަކީ ފެން ހަރުލާފައި ހުންނަ ތަންތަނުގައި އާލާވާ އެއްޗެއް ކަމުން، ރަށްރަށުގެ ކޮންމެގެއެއްގައި ވާރޭފެން ރައްކާކުރަން ދޮރުމަތީގައި ހުންނަ ކަޅުހަން ނުވަތަ މިނޫންވެސް ފެންތާނގީ ތަކަކީ މަދިރި އުފައްދާ ފެކްޓަރީތައްކަމަށް ވާއިރު، މި ތާނގީތަކަށް މަދިރި ނުވަދެވޭގޮތް ހެދިފައެއް ނުހުރެއެވެ . ފެނުގެ ސިޔާސަތަކީ ކަޅުހަން ބެހުންކަމަށް ވީތީވެ، ކޮންމެގެއަކަށް ކަޅުހަމަކާއި އެއް ފޫޓުގެ ދިޔަ ދޮވި ބުރިއެއް ދިނުމުން ސާފު ބޯފެން ފޯރުކޮށް ދެވުނީކަމަށް ފެނާއި ނަޖިހާއި ބެހޭ މިނިސްޓްރީއިން ދެކޭއިރު، މިއިން ކުރިމަތިވާ އެހެނިހެން ޞިއްޙީ ނުރައްކަލަކީ ކޮބައިތޯ ބަލާލުމެއް ނޯވެއެވެ. އެއިން ރައްޔިތުންނަށް ކުރިމަތިވެދާނެ މުޞީބާތަކީ ކޮބައިތޯ ބެލުމެއް ނޯވެއެވެ. އެއަށް ނަގާ ފެން ތަޢައްޔަރުވެ، ތާނގީތަކުގައި މަދިރި ފަނި އުފެދި، ރަށުތެރޭގައި ބަތްފެން ގަނޑެހެން މަދިރި ގިނަވަމުންދާއިރުވެސް، ތާނގީ ބެހުމުގެ ޢީދެއް ނަޖިހާއި ބެހޭ މިނިސްޓްރީއަށް އައިސްގެން އުޅޭހެން ހީވާކަހަލައެވެ. ތާނގީ ބެހުމުގެ ފޯރީގައި މިކަން ކުރަމުންދާއިރު، ރަށްރަށުގެ ރައްޔިތުންގެ ޞިއްޙަތައް އެއިން ކުރާ ނޭދެވޭ އަސަރާއި ދޭތެރޭ ވިސްނާލުމެއް ނޯވެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކު ހެލްތާއި ޗިކުން ގުންޔާ

ވެކްޓަރ ބޯން ޑިސީސް ކޮންޓްރޯލް ޔުނިޓާއި، އެއިޑްސް ކޮންޓްރޯލް ޔުނިޓާއި، މާބަނޑު އަންހެނުންނާއި ބެހޭ ޔުނިޓާއި، ޓީބީ ނައްތާލާ ޔުނިޓުފަދަ ތަފާތު ޔުނިޓު އުފައްދައިގެން މި ދެންނެވި ޔުނިޓްތަކުގެ ކޮންޓްރޯލަރުން ޑިޒީސް ކޮންޓްރޯލް ސުވިޗް އަތަށް ލައިގެން ފިނިކުރި ކޮޓަރިތަކުގައި ދުވަސް ހޭދަކުރަމުންދާއިރު، ޗިކުން ގުންޏާއި ޑެންގީގެ މަދިރި ރާއްޖޭގެ އީ.ޒެޑް ޒޯން ހުރަސްކޮށް މިވެރީންނަށް ގޮންޖަހާލުމަށްފަހު އަނެއްކާވެސް މިވަނީ މާލެއާއި އަތޮޅުތެރެއަށް ފެތުރިފައެވެ. ގުންޏާއި ޑެންގީގެ ބަލި އިންތިހާއަށް މިވަނީ ފެތުރިފައެވެ. ޗިކުން ގުންޏާ، ޑެންގީ އަދި ބޭރަށް ހިގުމުގެ ރޯގާ ފަދަ ނުރައްކާތެރި ބަލިމަޑުކަން، މިއިން ޒަމާނެއްގައިވެސް މާލެއާއި އަތޮޅުތެރެއިން ފިލައިގެން ނުދާ އިރުވެސް، ދޭތެރެ ދޭތެރެއިން ނޫސްބާޔާނެއް ދިނުންނޫންކަމެއް ޕަބްލިކް ހެލްތަކަށް ނުކުރެވެއެވެ. ފިރިހެން ކުދީންނާއި އަންހެންކުދީން ލައްވާ މާބަނޑު އަންހެން ކަނބަލުންގެ ބަނޑު ބޮޑުވަމުންދާ މިންވަރުގެ ތަފާސް ހިސާބު އެކްސެލް ޝީޓަކަށް އެޅުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ. ވިހާ ޢުމުރުގެ އަންހެން ކުދީންގެ ޢަދަދު ބެލުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ.

ވެރިރަށް މާލޭގައާއި ރާއްޖޭގެ ކަންކޮޅުތަކުގައި ގުންޏާއި ޑެންގީގެ ބަލި ޖައްސާ މަދިރި ގިނަވެ، މި ބަލި މާލެއާއި އަތޮޅުތެރޭގައި އިންތިހާއަށް އިތުރުވެފައި ވާއިރު ނޫސްބަޔާނަކުން ނިންމާލީމަ އެ ނިމުނީތޯއެވެ. އަތޮޅުތެރެއިން 209 އަދި މާލެއިން 469 ޑެންގީ ކޭސް (ހަވީރު ނިއުސް 4 ޖޫން 2008) މިއަހަރުގެ މިހާތަނަށް ފެނިފައިވާކަމަށް ނޫސްބަޔާން ދެމުންދާއިރު، އެކި ވަރުވަރުގެ ވެރީންނާއި އެކު ޑީ.ޕީ.އެޗް އުފައްދާފައި ހުރީ މަސްވެރިން މަހުން ލެފީމަ މަސްރިޕޯޓް ނަގާހެން ޑެންގީއާއި، ޗިކުން ގުންޏާ އަދި ބޭރަށް ހިނގުމުގެ ރޯނގާފަދަ ބަލިތަކުގެ ރިޕޯޓް ނެގުމަށް ފަހު ކުލަކުލައިން ޗާޓް ކުރަހާ ނޫސްބާޔާން ދޭތަނެއްގެ ގޮތުގައިތޯއެވެ. ފެންތާނގީއާއި، ދިޔަދޮވިފަދަ ފެން ހަރުލާ ތަންތަން ނައްތާލުމަށް ގޮވާލާ، ޓީވީ އިންޓަރވިއު އާއި ނޫސްކޮންފަރެންސް ދެމުންދާއިރު، ނަޖިހާބެހޭ މިނިސްޓްރީއާއި ދެފިޔަ ބިނދާލާފައި ހުރި ފެނުގެ ރެގިއުލޭޓަރާއި މިނޫންވެސް މިކަމާއި ގުޅުންހުރި ތަންތަން އެއްތަނަކަށް ޖަމާކޮށްް ގައުމީފެންވަރުގެ މަސައްކަތްތަކެއް ކުރަން ނުވޭތޯއެވެ. ފޯކަލް ޕޮއިންޓާއި، ޓާސްކު ފޯސް ހަދައިގެން ފިނި ކުރި ކޮޓަރިތަކުގައި ނުތިބެ އެތަންތަނުން ނިކުމެ ރާއްޖޭގައި މިއުޅޭ ބަލިމަޑުކަން ނައްތާލުމަށް މަސައްކަތް ކުރަން ނުވޭތޯއެވެ. ވެކްޓަރ ބޯން ޑިސީސް ކޮންޓްރޯލް ޔުނިޓްގެ ނަމްބޯޑް ގެއެއްގެ ކުލީކޮޓަރިއެއްގައި އަޅުވާފައި އެއްވެސް ބޭނުމެއް ނުހިފޭތަނެއްގެ ގޮތުގައި އެކަހެރިކޮށް، ވަރުވަރުގެ ވެރީން އިސްކޮށްފައި ބެހެއްޓުމުގެ ބަދަލުގައި އެތަނަށް އިރުގެ އަލިކަން ގެނެސް އެތަނުގެ ބޭނުން ހިފުމަށް ނުވޭތޯއެވެ.

މާލޭގެ ޑްރެއިނޭޖް - މަދިރި ކާނު

ސައުތު އޭޝިއާ ސީސް ޕްރޮގަރާމް ގެ ޗެއާރމަނަކަށް ތިމާވެއްޓާއި ބެހޭ ވަޒީރު ހުންނަވައިގެން، އެ ޕްރޮގްރާމްގެ ދަށުން ވޭސްޓްމެނޭޖްމަންޓާއި،ފަރުތަކުގެ ޓާސްކު ފޯސް ފަދަ ޕްރޮގްރާމްތަށް ހިންގާކަމުގެ މޭވާ ބިންނަމުން ވަޑައިގަންނަވާއިރު، ވެރިރަށް މާލޭގެ މަގުމަތި މިވަނީ ކުނިގޮނޑަކަށް ބަދަލުވެފައެވެ. މާލޭގެ ވޭސްޓް މެނޭޖަރުން މިވަނީ ބަންގާޅީންނަށް ބަދަލުވެފައެވެ. މާލޭގެ ވޭސްޓްމެނޭގަރުން ނަކީ މާލޭގައި އުޅޭ ބަންގާޅީންކަމަށް ވާއިރު، އެމީހުންގެ ބައިސިކަލްގައި އެލުވާލައިގެން ކުނި ގޮނޑަށް ގެންދާ ކުނިކޮތަޅު/ ކުނި ގޯނި ކުނިގޮނޑާއިހަމައަށް ދެވޭއިރު ކޮތަޅުގައި ކުންޏެއް ނުހުރެއެވެ.ގޯނީގައި ކުންޏެއް ނުހުރެއެވެ. ކުނނި ގޮނޑާއި ހަމައަށް ދެވޭއިރު ގޮނޑަށް އުކާލަން ގެންދާ ކުނި ހުންނަނީ މަގުމަތީގެ އެތަން މިތަނުގައެވެ. ކާނުތަކުގައެވެ.

މާލޭގެ މަގުމަތީގައި ހަދާފައި ހުރި ކާނުތަކަކީ އުމަރު ޒާހިރުގެ އަމިއްލަ އުފެއްދުމެއްކަމުން، ވެހޭ ހުރިހާ ވާރޭފެނެއް ކާނުތަކުގެ ތެރެއަށް ޖަމާވެ މިކާނުތަށް ވެގެންދަނީ މާލޭގައި މަދިރި ގިނަވުމަށް ހުރި ބިރަކަށެވެ. ނުރައްކާތެރި ބަލިފަތުރާ ޗިކުން ގުންޏާއި ޑެންގީ ޖައްސާ މަދިރި ވިހާ ކޮޓަރިތަކަށެވެ. ކާނުތަށް ސާފުކުރަނީއެއް ނޫނެވެ. ކާނުތަށް ސާފުކުރުމަށާއި މަގުމަތީގެ ކަންކަން ރަގަޅުކުރުމަށް ކަނޑައަޅާ ބަޖެޓުން ބިޑި ސުއްޓާއާއި ދުފާއެއްޗެހި ގަނެ ހުސްކުރަމުންދާއިރު ކާނުތަކުގައި ކުނިބުނި ގިނަވެ، ކާނުތައް ފުރި ބަންޑުންވެ، ކާނުތަކަކީ މަދިރި ފަނި އުފެދި މަދިރި އާލާވާ ތަންތަންކަމަށް ވީހިނދު، މިކަންތައްތައް ރަގަޅުކުރުމަށް ލޯ ލާރިވެސް ޚަރަދުކުރާތަނެއް ނުފެނެއެވެ. އަވަށު އޮފީސްތަކާއި މުނިސިޕަލްޓީ އާއި މިތަންތަނުގައި މިކަންކަން ރަގަޅުކުރަން ތިބި އެކި ވަރުވަރުގެ ވެރީންގެ މުސާރަ އެބަ ބޮޑުވެއެވެ. މިވެރިން ދުއްވާ ސައިކަލާއި ގެންގުޅޭ ފޯން އަންނަނީ އާވަމުންނެވެ.

މަދިރި ނައްތާލުމަށްް ފޮގުކުރުން ( ދުން އެޅުންް)

އަތޮޅުތަކުގައި ޑެންގީއާއި ޗިކުން ގުންޏާގެ ނުރައްކާ ބޮޑުވެ މިބަލި އިންތިހާއަށް މިދުވަސްވަރު އިތުރުވުމާއި ގުޅިގެން ރަށްރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވެފައެވެ. ގޮތްހުސްވެފައެވެ. ޕަބްލިކް ހެލްތަށް ކުރެވޭ ކަމަކީ ނޫސްބަޔާންދީ، ގުންޏާއި ޑެންގީ ޖެހޭ މީހުންގެ ތަފާސް ހިސާބު ދުވަހު ދެއިރު އެއްކުރުމެވެ. ބަލި ޖެހޭ މީހުންގެ ނަމާއި ޢުމުރު އަދި މީހުންގެ ޢަދަދު ބެލުމެވެެ. މަދިރި ކޮންޓްރޯލްކުރުމަަަށް މަސައްކަތްތަކެއް ނުކުރެއެވެ.

އައްޑު އަތޮޅާއި އދ. އަތޮޅުގައި ޑެންގީއާއި ޗިކުން ގުންޏާގެ ބަލި އިންތިހާއަށް ފެތުރި، މި އަތޮޅުތަކުގެ ރައްޔިތުން ބިރުވެރިކަމެއްގެތެރޭގައި އުޅޭއިރު މުޅި ރާއްޖެ ފޮގުކުރުމަށް ގެންގުޅޭ ދެ ފޮގު މެޝިންގެ ތެރެއިން އެކަތި އައްޑުއަތޮޅަށް ގެންގޮސް އެއަށް ފެނާއި ކަރާސީނު ތެޔު އަޅައިގެން ފޮގު ކުރަމުންދާއިރު އަނެއް ފޮގު މެޝިން ވީތަނެއް ނޭގެއެވެ. ހިތުން ތިމަންނާމެންނީ ޔުނައިޓެޑް ސްޓޭޓްސް ކަމަށް ދެކި، ޑިޒީސްކޮންޓްރޯލާއި، ވެކްޓަރބޯން ޑިޒީސްކޮންޓުރޯލާއި މިކަމާއި ގުޅުންހުރި ހުރިހާ ކޮންޓްރޯލް ޔުނިޓްތައް އުފައްދައިގެން ތިބެ ނޫސްބާޔާންތައް ދެމުން، އަޑުގެ ކޮޅަށް މަދިރިއާލާވާ ތަންތަން ނައްތާލާށޭ ބުނެ މަދިރި ކުއްވެރިކުރަމުންދާއިރު، މިކަންކަމަށް ޑަބްލިޔޫ.އެޗް.އޯ އިންނާއި އެހެނިހެން ތަންތަނުން ލިބޭ އެހީއިން މިވެރީންގެ ޖީބު މުއްސަންދި ވުން ނޫންކަމެއް ނުވެއެވެ. ބޭރުޤައުމުތަކަށް ގޮސް ޕްރެޒެންޓޭޝަން ދިނުން ނޫންކަމެއް ނުކުރެވެއެވެ.

މި ދެންނެވި ތަފާތު ޑިޒީސް ކޮންޓްރޯލް ޔުނިޓްތަށް ހިންގަމުން މިއަދާއި ހަމައަށް އާއިރު މިވެރިން އަތުގައި ފެންނާން އޮތީ ޤައުމީ އެންމެ ދެ ފޮގު މެޝިނާއި މަދިރި ހިފާ ދާކޮޅެކެވެ. އިތުރު އެހެން އެއްޗެއް ފެންނާކަށް ނެތެވެ. ދިވެހި ރާއްޖޭގައި މިއުޅޭ މަދު މީސްކޮޅުގެ ކޮންމެ ބޮލަކަށް ފޮގު މެޝިނެއް ގަނެވޭހާ ފައިސާ މިވެރިންނަށް ލިބުނުއިރު، އެންމެ ދެ ފޮގު މަޝިން ފެންނާން އޮތްކަމީ، ޕަބްލިކް ހެލްތުގައި ތިއްބެވި ވެރީންނާއި ދޭތެރޭ ސުވާލު އުފެދޭކަމެކެވެ. ފޮގު މެޝިނަށް އޯރޑަރު ކުރަނީ މަދިރި ހެފީމައެވެ. ޑެންގީއާއި ގުންޏާ ބަލީގެ ޝީކާރައަށް އެތައް ބަޔަކު ވުމުންނެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތަކީ، މާލެއާއި އަތޮޅުތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ގުނުމުގެ ތަފާސް ހިސާބު ހަދަން ތިބި ބަޔެއްކަމަށް ނަހަދާ، ރާއްޖޭގައި މިއުޅޭ ބަލިމަޑުކަން ނައްތާލުމަށް ޤައުމީ ފެންވަރުގެ މަސައްކަތްތަކެއް ކުރުމަށް ގޮވާލަމެވެ.

Thursday, June 5, 2008

ތިމާވެއްޓަށް ހުރި ގޮންޖެހުމުގެ ވާހަކަ އަޑަށް ބާރުލާފައި ނަޖިހާއި ބެހޭ ވަޒީރު ވިދާޅުވާއިރު އެ ވިދާޅުވާ ގޮންޖެހުމަކީ ކޮބައިތަ؟

ނޯޓް: މިއަދު(5 ޖޫން 2008) ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށިދުވަހުގެ ތަހުނިޔާއާއި ހެޔު އެދުންތަށް ލޮބުވެތި ކިއުންތެރިންނަށް އަރިސްކުރަމުން، މިއަދުގެ ޝިއާރެއްކަމަށް ނަރުދަމާ ބްލޮގުން ކަނޑައެޅި ޝިޢާރަކީ " ޖޫސްބޯ ހޮޅިން ނަރުދަމާ ނައަޅަމާތޯ" މި ޝިއާރެވެ.

" ގޮންޖެހުން" މީދެން މިހާރު މާމޮޅު ބަހެކެވެ. އަގައިން ބޭރުވާ އެއްވެސް ޖުމްލައެއް " ގޮންޖެހުން" ނައިސް ފުރިހަމައެއް ނުވެއެވެ. ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ފޯރުކޮށް ނުދީ، އެކަންކަން ފޯރުކޮށް ނުދެވުނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާތީއޭ ބުނުމުގެ ސަޤާފަތެއް މިހާރު މިވަނީ ގެންގުޅެން ފަށާފައެވެ. އެވިދާޅުވާ ގޮންޖެހުމަކީ ކޮބައިތޯއެވެ.

ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން ބުއިމަށް ސާފު ރައްކާތެރި ބޯފެން ފޯރުކޮށް ދިނުމަށް ވޭތުވެދިޔަ ދިގު މުއްދަތުގައި ނުކުޅެދިފައި ވަނީ އެއީވެސް ގޮންޖެހުމަކީ ތޯއެވެ؟ ރަށްރަށުގެ ރައްޔިތުން ނަޖިހާއި ނަޖިސްފެނުން ސަލާމަތް ނުވެގެން އުޅޭ އިރު، އެކަން ޙައްލުކުރުމަށް ޖޫސްބޯ ހޮޅިން ނަމަވެސް ނަރުދަމާ ނިޒާމް ޤާއިމް ނުކުރެވުނީ އެއީވެސް ގޮންޖެހުމަކީތޯއެވެ.؟ ރަށްރަށުގައި އުފެދޭ ކުނި ނައްތާލާނެ އެއްވެސް ނިޒާމެއް މިހާތަނަށް ރަށްރަށުގައި ޤާއިމް ނުކުރެވި ހުރީ އެއީވެސް ގޮންޖެހުމަކީތޯއެވެ.؟ މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ މީރުފެން ފަށަލަ ރަށްރަށުގައި އުފެދޭ އިންސާނުންގެ ނަޖިހުގެ ސަބަބުން ތަޢައްޔަރުވެ، ގޭގައި ހުންނަ ފެންވަޅު ނަޖިސްފެނަށް ބަދަލުވާއިރު، އެކަން ޙައްލު ނުކުރެވުނީ، އެއީވެސް ގޮންޖެހުމަކީތޯއެވެ.؟

މިވެނިކަމެއް ކޮށް ނުދީ އެކަމެއް ކޮށް ނުދެވުނީ އެކަން ކުރުމަށް ގިނަ ގޮންޖެހުން ހުރީމަކަމަށް ބުނަމުންދާއިރު، މިދެންނެވި ކަންކަން ކުރަން ކުރެވުނީ ކޮންކަމެއްތޯއެވެ.؟ ބޯފެން ރައްކާކުރަން ކަޅުހަން، އޭރުވެސް އިންޑިއާ ބާޒާރުގައި ލިބެންހުރިއިރު، ކަޅުހަން ގަނެ ކޮންމެގެއަކަށް ހަމެއް ނުދެވުނީ، އޭރުގެ ގޮންޖެހުން މާ ބޮޑީތޯއެވެ.؟ ދުނިޔޭގެ ބާޒާރުގައި އޭރުވެސް 4 އިންޗީގެ އެސްލޯން ހޮޅި އާއި ބޭނުންވާ އެހެނިހެން ތަކެތި މާ އަގުހެޔުކޮށް ލިބެންހުރިއިރު، ރަށްރަށުގެ ނަރުދަމާ އޭރު ފަރުމާ ނުކުރެވުނީ އޭރުގެ ގޮންޖެހުން އޮބި އޮންނަވަރު ނުވީތޯއެވެ.؟

ދުނިޔޭގެ ތިމާވެށިދުވަސް(5 ޖޫން 2008) މިއަދު ވެސް ކުލަބޮޑި ދިއްލައިގެން ބައެއް ބޭފުޅުންގެ ޖީބު ތަނަވަސްކޮށްލުމުގެ ގޮތުން ފާހަނގަ ކުރުމަށް ތައްޔާރުވަމުންދާއިރު، ރަށްރަށުގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ލިބޭނެ ގޮތް ހަދާދިނުމަށާއި ރައްޔިތުން ބުއިމަށް ބޭނުންކުރަމުން އަންނަ ވާރޭފެނަކީ ޞިއްޙީގޮތުން ރައްކާތެރި އެއްޗެއްތޯ ބެލޭނެ އިންތިޒާމް ރަށްރަށުގައި ޤާއިމްކުރުމަށް ގޮވާލަމަވެ. ރައްޔިތުން ބުއިމަށް ބޭނުންކުރަމުންދާ ވާރޭފެނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް މަސައްކަތެއް ނުކުރާއިރު، އެކަން ގޮންޖެހުމެއްކަމަކަށް ނަހަދާ، ގޭގޭގެ ތާނގީތަކަށް ނަގާ ވާރޭ ފެނަކީ ރައްކާތެރި ސާފު އެއްޗެއްކަމަށް ހެދުމަށް މަސައްކަތްކުރުމަށް ގޮވާލަމެވެ. ބޯފެން ލިބުމަކީ އިންސާނީ ޙައްގެއްކަމަށް ވީހިނދު، ކޮންމެ ގެއަކަށް ކަޅުހަމެއް ދިނުމަކީ، ސާފު ބޯފެން ފޯރުކޮށް ދިނުމުގެ ޤައުމީ ސިޔާސަތުކަމަށް ނަހަދާމާ، ދާއިމީ ގޮތެއްގައި ސާފު ރައްކާތެރި ބޯފެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެގޮތް ހަދައިދިނުމަށް ގޮވާލަމެވެ. ރަށްރަށުގައި ޤާއިމް ކުރަމުންދާ ނަރުދަމާ ނިޒާމްތަކަށް މިލިއަން ޑޮލަރުން ޙަރަދުކުރަމުންދާއިރު، އެ ނިޒާމްތަކަކީ ދެމެހެއްޓެނިވި ނިޒާމްތަކަކަށް ހެދުމަށް މަސައްކަތްކޮށް، މިކަމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ފަންނީ ޤާބިލު މީހުން އިސްކުރުމަށް ގޮވާލަމެވެ. ފެނާއި ނަރުދަމާގެ މެގަ މަޝްރޫޢުތައް ހިންގަމުންދާއިރު، ފެނާއި ނަރުދަމާގެ ރެގިއުލޭޓަރު( އެމް.ޑަބްލިޔޫ.އެސް.އޭ) ގެ ދައުރު ފުޅާކޮށް، އެތަން ހިންގުމަށް ޤާބިލު ހަރުދަނާ ބޭފުޅަކު އިސްކޮށް، އެތަނަކީ އެތަނުގެ ޒިންމާ އުފުލޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ގޮވާލަމެވެ. އެމް.ޑަބްލިޔޫ.އެސް.އޭ އަކީ ހަމައެކަނި ޑީވޯޓަރިންގ ފޯމްވިއްކަން ހުރި ތަނެއްކަމަށް ނަހަދާ އެތަނަށް އިންޖިނޭރުންނައި، ފައިނެންޝަލް ދާއިރާގެ ބޭފުޅުންއިސްކޮށް އެތަނަކީ ފެނާއި ނަރުދަމާގެ ޤަވާޢިދު ހަދާ ޤަވާއިދު ތަންފީޒުކުރެވޭ ވަރުގެ ތަނަކަށް ހެދުމަށް ގޮވާލަމެވެ.

Tuesday, June 3, 2008

ކަޅުހަމާއި ނަޖިހާއި ބެހޭ މިނިސްޓްރީއިން ފެނުގެ ރެގިއުލޭޓަރު (އެމް.ޑަބްލިޔޫ.އެސް.އޭ) ޙިޞާރުކޮށްފައި

* ފެނުގެ ރެގިއުލޭޓަރު އުފެދުނީއްސުރެން މިހާތަނަށް އާއިރުވެސް ތަން ހިންގުމުގެ މިނިވަންކަން ދީފައި ނުވާއިރު ތަނުގެ ބާރު އަބަދުވެސް ވަނީ ކަނޑުވާލާފައި

ދިވެހި ރާއްޖެއަށް ރާޅާ އެޅުން ތަޢާރަފުވެގެން އައި ދުވަސްވަރު މީގެ ގާތްގަނޑަކަށް ތިރީސް ފަސް އަހަރު ކުރީ ގައި އުފެދުނު ނަރުދަމާގެ ރެގިއުލޭޓަރު (އެމް.ޑަބްލިޔޫ.އެސް.އޭ) ނުވަތަ ފެނާއި ނަރުދަމާގެ ކަންކަމާއި ގުޅޭ ޤަވާޢިދު ހަދާ ޤަވާޢިދު ތަންފީޒުކުރުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭ މި މުވައްސަސާ އަކީ މިހާތަނަށް އުފެދުނު ސަރުކާރު މުވައްސަސާތަކުގެ ތެރެއިން އެތަނެއްގެ ނަމަށް އެއްވެސް ބަދަލެއް ނައިިސް ހުރި ދުވަސްވީ ހަރު މުވައްސަސާތަކުގެ ތެރޭގައި ހިމެނޭ މުވައްސަސާއެކެެވެ.

ވަރަށް ކުޑަކުޑަ އޮފީހެއްގެ ގޮތުގައި އުފެދިގެން އައި މި އޮފީސް ގިނަ އަހަރުތަކަކަށް ދެމިގެން ދިޔައިރު ހިންގުމުގެ މަސްއޫލިއްޔަތު ތަފާތު ގިނަ ބޭބޭފުޅުން އަދާ ކުރައްވާފައި ވީނަމަވެސް، ތަނުގެ ބޭނުން އެދެވޭގޮތުގައި ހިފިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. މިކަން މިހެން ދިމާވާން މެދުވެރިވި އަދި މިހާރުވެސް މެދުވެރިވަމުންދާ ސަބަބެއްކަމަށް، ތަން ހިންގުމާއި ޙަވާލެވެ ލެއްވި ގިނަ ބޭބޭފުޅުންގެ ވާހަކައަށް ބުރަވެ ހުރެ ދަންނަވަން ޖެހެނީ، މި މުހިންމު މުވައްސަސާ ހިންގުމުގެ މިނިވަންކަން އެއްވެސް ޒަމާނެއްގައި ސަރުކާރުން ދީފައި ނުވާކަމެވެ. މިތަން ކޮންމެވެސް ވުޒާރާއެއްގެ ބަނޑުދަށުގައި ހިންގަން ޖެހިފައި ވުމެވެ. އެ ވުޒާރާއެއް ހިންގަން އޭރަކު އިންނަ ވަޒީރެއްގެ ހަން ފަތުރާފައި އޮތުމެވެ. އެވުޒާރާއެއް ހިންގަން އިންނަ ވަޒީރެއްގެ އެއްފައި ތަނުގެ ތެރޭގައި އޮތުމެވެ.

އެމް.ޑަބްލިޔޫ.އެސްއޭ.އަކީ މިނިވަން މުސްތަޤިއްލު ވަރަށް ފަންނީ އިދާރާއެއްކަމަށް ކަރުދާހުގައި ލިޔެފައި އޮތަސް ތަން ހިންގުމުގެ މިނިވަންކަން މިއަދުވެސް ދީފައެއް ނުވެއެވެ. ތަން ހިންގުމަށް ކަމުގެ ފަންނީ ޤާބިލުކަން ހުރި ހަރުދަނާ ވެރިއަކު އިސްކޮށްފައެއް ނުވެއެވެ. މި މުވައްސަސާ ގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މި ދަނޑިވަޅުގައި މިތަނުގެ ބޭނުން ނުހިފި މިއަދު މިވަނީ އެއްވެސް ބޭނުމެއް ނުހިފޭ ތަނެއްގެ ގޮތުގައި ބަދަލުކޮށްފައެވެ. ނަޖިހާއި ބެހޭ މިނިސްޓްރީގެ ހަޑި މުޑުދާރު ސިޔާސަތުގެ ސަބަބުންނެވެ. މި މުވައްސަސާ ހިންގަން ޖެހެނީ މިނިވަން މުސްތަޤިއްލު ކަމިޝަންއެއްގެ ދަށުންކަމަށް ވާއިރު، ނަޖިހާއި ބެހޭ މިނިސްޓްރީއިން މިތަން ޙިޞާރުކޮށްފައި އޮތުމުގެ ސަބަބުންނެވެ. ތަންހިންގުމަށް ޤާބިލު، ހަރުދަނާ ބޭފުޅަކު އިސްނުކުރުމުގެ ސަބަބުންނެވެ.

އެމް.ޑަބްލިޔޫ.އެސް.އޭއަކީވެސް ސަރުކާރު މުވައްސަސާއަކަށް ވީހިނދު، އޮފީހުގެ ޕިއޯނަކު ލައްވާ ޤަވާޢިދުން ތަން ހުޅުވާ ލެއްޕުމުގެ އިތުރުން، ޑީވޯޓަރިން(ފެން ޕަންޕުކުރުން) ކުރުމަށް ހުއްދަދޭ ފޯމްކޮޅެއް ވިއްކުން ނޫންކަމެއް ނުކުރެވެއެވެ. ރަށްރަށުގައި ޤާއިމް ކުރަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގައި އެމް.ޑަބްލިޔޫ.އެސް.އޭގެ ދައުރު އަދާ ކުރާތަނެއް ނުފެނެއެވެ. މަސްއޫލިއްޔަތު އަދާ އަދާ ކުރާތަނެއް ނުފެނެއެވެ.ރަށްރަށުގައި އުފެދޭ ނަޖިހުގެ ސަބަބުން ރަށްރަށުގެ ފެންވަޅުތަކުން ލިބެން ހުރި މީރުފެން ނަޖިސްފެނަށް ބަދަލުވެ،ރައްޔިތުން ބޯން ބޭނުކުރަން ޖެހިފައިވާ ވާރޭފެން ރައްކާކުރާ ތާނގީތަކުގައި ހުންނަ ފެން ބުޅަލާއި މީދަލުގެ ނަޖިހަށް ބަދަލުވެފައިވާ މި ދަނޑިވަޅުގައި ފެނާއި ނަރުދަމާގެ ކަންކަން ރަގަޅުކުރުމަށް ލޯނާއި ހިލޭ އެހީގައި ހިންގަމުންދާ މަޝްރޫޢުތަކުގައި ފެނުގެ ރެގިއުލޭޓަރު އެބްސެންޓް ވެފައިވާކަމީ މައްސަލައެކެވެ. ފެނުގެ ރެގިއުލޭޓަރު މިކަމުގައި ނުކުޅެދި ބިއްޖެހިފައިވާކަމީ ހިތާމަހުރިކަމެކެވެ. ފެނުގެ ރެގިއުލޭޓަރު ބަލިކަށިކޮށް، އިނދަޖައްސާފައިވާކަމީ ސުވާލު އުފެދޭކަމެކެވެ.

އެމް.ޑަބްލިޔޫ.އެސް.އޭ، ނަޖިހާއި ބެހޭ މިނިސްޓްރީގެ ނުފޫޒުން އެއްކިބާކޮށް ތަނުގެތެރޭގައި ހަރުލާފައި ހުރި ނަޖިހާއި ބެހޭ ވަޒީރުގެ ފައި ތަނުން ލުހެލާ، ތަން ހިންގުމަށް ހަރުދަނާ ފަންނީ ޤާބިލު ބޭފުޅަކު ތަނަށް އިސްކޮށް، މި މުހިންމު އިދާރާ މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ހަރަކާތްތެރިވެ ދިނުމަށް ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށް ގޮވާލަމެވެ. ސަރުކާރުގެ މި މުވައްސަސާއަކީ، ސިޔާސީ ޕާޓީ ހިންގުމާއި ރަށްރަށް ބުރިކޮށް ފޮތިފޮއްޗަށް ކޮށާ އޮއިދެމޭ ކޯރު ތައް ކޮނުމަށް އެހެން މިނިސްޓްރީތަކަށް ލަފާދޭން ހުރި ތަނެއްގެ ގޮތުގައި ނުހެދުމަށް ގޮވާލަމެވެ.

Saturday, May 31, 2008

ޑރ.މުޙައްމަދު ޢަލީއާއި ފެން ފަށަލަ ކުރެހުން (ޗެޕްޓަރު 01)

* ފެނާއި ނަރުދަމާއާއިބެހޭ ރެގިޔުލޭޓްރީ އޮތޯރިޓީ ފުނޑާލައިފި

1973 ވަނައަހަރު ޞާޙިބުއްދައުލާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ކޭ.ސީ.އެމް.ޖީ+ ނިޝާން ޣާޒީ) ގެ ވެރިކަމުގައި އުފެއްދެވި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމް.ޑަބްލިޔު.އެސް.އޭ) އަކީ، މިހިނގާ އެކާވީސްވަނަ ޤަރުނު ފެށުމާއިޖެހެންދެން، ދިވެހި ޖުމްހޫރިއްޔާގައި ހުރި އެންމެ ޓެކްނިކަލްކަންގަދަ މުވައްސަސާއެވެ. އެންމެ ދުވަސްވީ މުވައްސަސާތަކުގެތެރޭގައި ހިމެނޭ އެއް މުވައްސަސާވެސްމެއެވެ. ދެވަނަ ބޮޑުހަނގުރާމައާއިވިދިގެން އައި ބޮޑުތަދުތެރޭގައި، ސާލެއްހެން މުޅި ރާއްޖޭގައި ފެތުރިގެންދިޔަ ގައިންގަޔަށް އަރާ ބަލިތައް ކަމުގައިވާ، ސިގެއްލާއާއި ކޮލެރާ، މިހެންގޮސް ބޭރަށް ހިންގުމާ، ހަޖަމުގޯސްވުންފަދަ އެކިފާޑުފާޑުގެ ނަންނަންކިޔާ ބަލިތަކުން، ދިވެހި ރައްޔިތުން ސަލާމަތްކޮށްދީ، ރައްކާތެރި ކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ މިދެންނެވި އެމް.ޑަބްލިޔު.އެސް.އޭ ފިޔަވައި ދެވަނަ ދެތަނެއްނޫނެވެ. މިވާހަކަ ގަބޫލުނުކުރެވެންޏާ، އަމީނީގޭ އަލްފާޟިލާ އަމީނާ މުޙައްމަދު އަމީނުގެ ލޮބުވެތި ފިރިކަލުން އަލްމުޙްތަރަމް ޢަބްދުލްމަޖީދު މާހިރުމެން، މުއުމިނާ ޙަލީމްމެންގެ އިތުރުން ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ހަމައަށް މުޙްތަރަމްކަންމަތީ ދެމިހުންނެވި ކަރޯ ޢައްބާސްމެންފަދަ ބޭބޭފުޅުން ކުރެން މިވާހަކައިގެ ތެދުދޮގު އޮޅުންފިލުއްވިޔަސް، މިނޫން ޖަވާބެއް ނުލިބޭނެއެވެ. ނޫންނަމަ، ތަންކޮޅެއް ގާތުން މިވާހަކައިގެ ތެދުކަން ޔަގީންކޮށްލަން ބޭނުންނަމަ، ފެންކުންފުނީގެ ކެންޓީނުގައި، ތާއަބަދު ބިޑިއެއް ރޯކޮށްލައްވައިގެން ފެން ކުންފުނި މާރކެޓް ކުރެއްވުމުގެ ބުރަމަސައްކަތުގައި އެއިންނަވާ، އެކުންފުނީގެ މާކެޓިން މެނޭޖަރު ތުބުޅި ރަޝީދުމެންކަހަލަ ބޭކަލެއްގެ އަރިހުން އެއްސެވިޔަސް ފަރުވާލެއްނެތެވެ.

އެމް.ޑަބްލިޔު.އެސް.އޭ އަކީ ކިތަންމެ ޓެކްނިކަލްކަން ގަދަ ތަނަކަށްވެފައި، އެތަނުގެ ސަބަބުން ދިވެހި އަފްރާދުންނަށް ކިތަންމެގިނަގުނަ ފައިދާތަކެއް ކުރިކަމުގައިވީނަމަވެސް، އެކާވީސްވަނަޤަރުނުގެ އިރާއިއެކު، ބޯހާވާލާފައި އިންނަ އަންހެންބޭކަނބަލަކު އެތަނަށް ފާޅުވީ ހިސާބުން، ތަނުގެ ޓެކްނިކަލްކަން ކެނޑި، ރައްޔިތުންގެ މެދުގައި އެތަނާއިމެދު އޮތް، ޤަދަރާއި އިޙްތިރާމް ކުޑަވެ، ތަނުގެ ރޮދި ވަނީ ކަޑައިގެން ގޮސްފައެވެ. ޚާއްޞަކޮށް، މިބުނާ ބޭކަނބަލަކު ވަޑައިގެންނެވިގޮތަށް، އެތަނުގައި ތިއްބެވި ކަމުވޮށިވެގެންވާ ބޭކަލުންނާއި ޓެކްނިކަލް ބޭކަލުންތައް ވަކިކޮށް، ތަނުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ އުންމީދީ ޅަ ޒުވާން މުވަންޒަފުން އެކަކު އެނެކަކާއި ޖައްސާ، އުންމީދީ އެތައް އެތައް މުވައްޒަފުންގެ ފިއުޗަރ ބްލޮކްކޮށް، މިބޭކަނބަލަކަށްވުރެ ތަންދޮރުފިލާފައި ހުރި މުވައްޒަފަކުނަމަ ސައިޒަށް ކަނޑާލުމަށް ގެންގުޅުއްވަން ފެއްޓެވި ލަދުހަޔާތްކުޑަ ސިޔާސަތުގެ ސަބަބުން، އެމް.ޑަބްލިޔު.އެސް.އޭގައި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިއްބެވި ޤާބިލް އެތައް އެތައް މުވައްޒަފުންނެއް އެތަނާ އަލްވަދާޢުކިޔަންފެށުމާއި، ވިލާތުގެ ދޮންކޮންސަލްޓެންޓުން ފެނުމުން މިބޭކަނބަލެއްގެ ހިތްނިޔަތް ގޯސްވެ، ކަމުގެ މަޠުލަބު އޮޅި، ހިތުގެ ވިންދު އަވަސްވެ، ދެފައިންޕުޅުގެ ލޭ ދައުރުވުން އަވަސްވެ ދެފައިންޕުޅަށް އެހަރަ ވަމުންދިޔަ "އަބުއި" ސިފަތަކުގެ ސަބަބުން، އާއްމުރައްޔިތުންގެ ކުރިމަތީގައި އިސާހިތަކު، މި އެމް.ޑަބްލިޔު.އެސް.އޭ އެކޭ ރަންކަމަނައޭކިޔާ މަސާޖުޕާލާއެކޭ އެއްފެންވަރަށް ތަނުގެ އަބުރާއި ކަރާމާތް ވެއްޔާ މޮޑެވިގެންދިޔައެވެ. މިވާހަކައިގެ ތެދުކަން ހޯއްދަވާލެއްވުމަށް، އަލްމުޙްތަރަމް މުޙައްމަދު ނިހާމްފަދަ، އާޒާދެވާދި މުޙްތަރަމާ ސަޢީދާ މުޙައްމަދުފަދަ، އަލްއަޚް އަޙުމަދު ޒާހިދުފަދަ ބޭބޭކަލުންނާއި ކަނބަލުންކުރެން، ސުވާލު ދަންނަވާލުން ރަގަޅުވާނެއެވެ.

ކޮންމެއަކަސް މިދެންނެވި ބޯހާވާލި ކަނބުލޭގެ އެމް.ޑަބްލިޔު.އެސް.އޭގެ މައްޗަށް ވެރިވެ، ދިވެހިތާރީޚުގައި މަޝްހޫރު އެނދިމަރިޔަނބު ޅަފިރިހެންކުދީންނާއި ޢަރަބިކަރައިގެ ބަބުރުން ކިހިލިފަތީލައްވައިގެން ރެނދަލިކުރެއްވިބީދައިން، ދޮންކޮންސަލްޓެންޓުން އަރިހުލައްވައިގެން، އެމް.ޑަބްލިޔު.އެސް.އޭ އެހެރަގެން ހިންގަވަން ފެއްޓެވި ހަޑިމުޑުދާރުގޮތުގެ ސަބަބުން، ތަނުގެ ހައިބަތާއި، ގަދަރާ ޢިއްޒަތް ވެއްޔާ މޮޑެވި، އެއޮފީހުން ކުރެވޭ މާބޮޑު މަސައްކަތެއް ނެތި، މުޅީން ބޭކާރު އޮފީހެއްގެގޮތުގައި މަރުވާމީހުންވަޅުލާ ސަހަރާގާތުގައި ދުވަސްތަކަކު މިއޮފީސް ބަހައްޓައި، އެއޮފީހަކީ ސަރުކާރު އޮފީސްތަކުގެ ތެރެއިން ތިންވަނަދަރަޖައިގެވެސް އެންމެ ދަށްފަތީގެ އޮފީހަކަށް ބަދަލުވެ، ތަން ކަފުންކޮށް، ހިނަވާންޖެހޭ ހިސާބަށް ދިޔުމުން، އެއްކަލަ ބޯހާވާލި ކަނބުލޭގެވެސް، ދެންއަވަހަށް ބެލީ އެއްގޮތަކުން ނުވީއްޔާ އަނެއްގޮތަކުންވެސް އެތަންދޫކޮށް، އެހެން ގަލެއް ފެނޭތޯ އުދުއްސައިގަނެވޭތޯއެވެ. (ނުނިމޭ)

Maldives Water/Sanitation Regulator on Bed Rest

Maldives Water/Sanitation Authority (MWSA) is on bed rest, while millions of dollars are spent on water supply and sewerage projects

Maldives converted to Islam in the year 1153, followed by colonial powers by Portuguese, Dutch and British, become fully independent in the year 1965, after a long period of colonial rulings.

In the year 1968 Ibrahim Nasir was elected indirectly as the president of Maldives to a four year term by Majilis followed by a re-election of Mr. Nasir in the year 1973 under the new amended constitution in 1972. The year 1973 has been designated the Year of Ox in the Chinese Zodiac. Some of the events that happened in the year include the official opening of World Trade Centre in New York with a ribbon cutting ceremony, beginning of CN Tower (Worlds tallest tower from 1975-2007, in Canada) construction, opening of modern London Bridge by Queen Elizabeth II and official opening of Maldives Water and Sanitation Authority (MWSA) etc

MWSA, established in the year 1973, is one of the oldest existing government institutes. It was formed as a small office unit with few health workers due to spreading water born diseases such as gastroenteritis, typhoid, and cholera. Malaria, tuberculosis, filariasis, eye infections, poliomyelitis, venereal diseases, and leprosy etc. Waterborne and tropical communicable diseases in Maldives were prevalent as the result of an inadequate drinking water supply and poor sanitation practices.

However, today after thirty five years of long period of MWSA,s existence, at the time when there is high need for a strong independent Water/Sanitation Regulator free from other influences, the authority finds to be inactive, the chief administrator (Dr. M.Ali) of water/sanitation regulatory authority appears to be incapable and at sleep on bed rest.

The water/sanitation regulatory authority (MWSA) is the key institute responsible for setting regulations, tariff settings, checking the efficiency of the systems, maintaining the quality of products and system monitoring etc, but the regulatory authority on water/sanitation in Maldives is busy with making groundwater lens models, making posters on groundwater lens and testing presence of Hydrogen Sulphide in groundwater etc. while he is mandated to:-

  • Regulate sector activities to ensure quality and standards of service.

  • Regulate and determine water entitlement and allocation for the sub-sector.

  • Establish guidelines, standards and regulations related to public water supply and waste water disposal, including the production, consumption, import, export and sale of water, to ensure efficient use, equity, transparency and accountability.

  • Review proposals submitted by public and private entities to provide public water supply and sanitation services, issue licenses to competent parties and monitor compliance.

  • Formulate and update tariff structures allowing adequate discretion to local level implementing authorities.

  • Review public complaints and take necessary action to protect the interests of the public as well as the service providers.
  • Review performances of public utilities providing water and sanitation services and take actions as may be required.

  • In compliance with national water and sanitation policy, explore ways and means of enhancing private sector participation in the provision of public water supply and sanitation services by creating a competitive environment.
  • Establish a mechanism for conflict resolution and settlement of disputes etc. (Water and Sanitation Policy Statement, Maldives, 2006)

After the 2004 tsunami disaster with the support of Donor Agencies and Development Banks etc. when millions of dollars are being spent on to sewerage system designs, implementation of sewerage systems, and installation of seawater RO plants etc. we find the water/sanitation regulator of this country at rest, not equipped with engineers and other resource people.

Sunday, May 25, 2008

ތަޢައްޔަރުވެފައިވާ ރަށްރަށުގެ ބިމުގެ ފެންފަށަލަ ހަތިޔާރަކަށް ބޭނުންކޮށް، އެހީދޭ ޖަމާޢަތްތަކަށް ދިއްކުރަމުން އަންނަ ނާށިގަނޑު ނަޖިހާއި ބެހޭ މިނިސްޓްރީއިން އާކޮށްފި

ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމް ދެމެހެއްޓެނިވިގޮތެއްގެ މަތީ ހިންގާ ބެލެހެއްޓުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ނަސަންދުރާ ޕެލަސް ހޮޓެލްގައި ދާދިފަހުން ބޭއްވި ބުފޭ އެންޑް ކޮފީ ސެމިނާރެއްގައި ވާހަކަ ދައްކަވަމުން ރަށްރަށުގެ ފެންފަށަލަ ތަޢައްޔަރުވެފައިވާކަމަށާއި އެއްކޮށް ނެތިގެން ގޮސްފައިވާކަމަށް ނަޖިހާއިބެހާ ވަޒީރު ވިދާޅުވިކަމަށް، އެެމިނިސްޓްރީގެ ވެބްސައިޓްގައިހާމަކޮށްފިއެވެ. ހިތަށް އަރާ ސުވާލަކީ، ބިމުގެ ފެން އިންސާނުންގެ ނަޖިހުން ތަޢައްޔަރުވެ، ނެތިގެން ދިޔައީ އިއްޔެ މިއަދު ހެއްޔެވެ. ރަށްރަށުގެ ބިމުގެ ފެންފަށަލަ ނުވަތަ ބިމުގައި ހުރި ސާފު ފެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ބޭރުކުރާ ނަޖިހުގެ ސަބަބުން ތަޢައްޔަރުވެ، އެފެން އިންސާނުން ބޭނުންކުރުމަށް ނުރައްކަލަކަށްވީ އިއްޔެ މިއަދުތޯއެވެ.

އެހެން ބައްރުތަކާއި ޚިލާފަށް، ރާއްޖެއަކީ ގުދުރަތީގޮތުން ލިބެން ހުންނަ ފެނުގެ ވަޞީލަތްތައް މަދު ތަނަކަށް ވީހިދު، ބިމުގެ ފެން ރައްކާތެރިކުރުމަށާއި ދެމެހެއްޓެނި ނިޒާމެއްގެ ދަށުން ބިމުގެ ފެން ބޭނުންކުރުމަށް މަގުފަހިވާ އެއްވެސް ކަމެއް މިހާތަނަށް ސަރުކާރުން ކޮށްފައި ނުވާއިރު، ބިމުގައި ހުރި ސާފު ފެން ލޮނުވެ، ފެން ވަޅުތަކުން ކަނޑުގެ ލޮނު ނޫން އެހެން އެއްޗެއް ނުލިބޭ އިރު، އަދިވެސް މި އުޅެވެނީ ފެނުގެ ދިރާކުރުމުގެ ބުރަ މަސައްކަތުގައެވެ. ފެނުގެ ކޮންޑަކްޓިވިޓީއާއި ޕީ.އެޗް ބެލުމުގެ ދަތުރުތައް ކުރުމުގައެވެ.

ރަށްރަށުގެ ބިމުގެ ފެންފަށަލައަށް ނަޖިހުގެ އަސަރުކޮށް، ރައްޔިތުން ބޭނުންކުރަމުން އަންނަ ފެން ވަޅުތައް ނަޖިސް ވަޅުގަނޑަށް ބަދަލުވެ، ސެޕްޓިކް ޓޭންކަށް ބަދަލުވެ، ނަޖިސް ފެނުން ކުޑަ ކުދީން ފެންވަރުވަމުންދާއިރު، މިއީ ދިރާސާކުރަން ޖެހޭކަމެއްތޯއެވެ. ދުވަހު ދެއިރު، ފެން ވަޅުތަކުގެ ޕީ.އެޗް އާއި ކޮންޑަކްޓިވިޓީ ބެލުމަކީ، އެ ބުނާ ދިރާތޯއެވެ. އެއްޗެއް ތަޢައްޔަރުވަނީ ތަޢައްޔަރުވާ ފަދަ މާއްދާއެއް އެއެއްޗަކާ އެކުވެ އެ ބޭނުންކުރުން ނުރައްކާވާ ޙާލަތަކަށް ދިއުމުންކަމަށް ވާއިރުު، ރަށްރަށުގެ ބިމުގެ ފެން ފަށަލަ ތަޢައްޔަރުވުމަށް މެދުވެރިވި ސަބަބަކީ ގޭގެއިން ބޭރުކުރާ ނަޖިހާއި ނަޖިސްފެން ބިމަށް ހިންދުމެވެެ. ފެންވަޅު ބުޑަށް ނަޖިސްފެން ހިންދުމެވެ. ރައްކާތެރި ގޮތުގައި ނަޖިހާއި ނަޖިސްފެން ނައްތާލާނެ ނިޒާމް ރަށްރަށުގައި ޤާއިމްކޮށްފައި ނެތުމެވެ. ރަށްރަށުގެ އާބާދީ އިތުރުވެ، ފެން ލިބޭނެ އެހެންއެއްވެސް ގޮތެއް ނެތި، އެކިއެކި ބޭނުންތަކަށް ހިފެހެއްޓުމެއް ނެތި ބިމުގެ ފެން ބޭނުންކުރުމެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ފެންފަށަލަ ނަޖިސްފެނަށް ބަދަލުވެ، މޫދު ލޮނަށް ބަދަލުވުމެވެ. ރަށްރަށުގެ ރައްޔިތުން ނަޖިސްފެން ބޯންޖެހި އެ ފެނުން ރައްޔިތުން ފެންވަރަން ޖެހުމެވެ.

ސެމިނާރތަކާއި ވޯކްޝޮޕްތަކުގައި އަޑުގެ ކޮޅަށް ބާރުލާފައި ފެންފަށަލަ ތަޢައްޔަރު ވެފައިވާކަމަށާއި ފެން ފަށަލަތައް ނެތިގެން ގޮސްފައިވާ ކަމުގެ ވާހަކަ ނަޖިހާއި ބެހޭ ވަޒީރު ދައްކަވާއިރު، މިއީ އިއްޔެ މިއަދު ވީކަމެއްހެއްޔެވެ. ރަށްރަށުގެ ބިމުގެ ފެން ތަޢައްޔަރުވެފައިވާކަމަށާއި މީރުފެން ނެތިގެން ގޮސްފައިވާކަމަށް ނަސަންދުރާގައި ބޭއްވި މިދެންނެވި ސެމިނާރގައި ނަޖިހާއި ބެހޭ ވަޒީރު ވިދާޅުވެ، މިކަންކަން ޙައްލުކުރުމަށް އެހީތެރިވެދެއްވުމަށް އެހީދޭ ޖަމާޢަތްތަކަށް އާ ނާށިގަނޑެއް ދިއްކޮށްލެއްވިއިރު، އެހީދޭ ޖަމާޢަތްތަކުން އެހީ ފޯރުކޮށްދެނީ، ކާރިސާތަކުގައި ލިބޭ ގެއްލުން ފޫބެއްދުމަށްކަން ނަޖިހާއި ބެހޭ ވަޒީރަށް އެގި ނުލައްވަނީތޯއެވެ. މާކުރީންވެސް ތަޢައްޔަރުވެފައިވާ ފެންފަށަލަ ހަތިޔާރަކަށް ނަންގަވައިގެން އެހީދޭ ޖަމާޢަތްތަކަށް ނާށިގަނޑު ދިއްކުރަމުންދާއިރު، އެހީދޭ ޖަމާޢަތްތަކުގެ ލޯ ހުއުްޓިފައިހުރީ ތޫފާން އައިސް އެތައް މިލިއަން މީހުން ޙާލުގައި ޖެހިފައިވާ ބަރުމާއަށް ކަމެއް ނޭގެނީތޯއެވެ. ބިންހެލުން އައިސް އެތައް މިލިއަން މީހުން ޙާލުގައި ޖެހިފައިވާ ޗައިނާއަށްކަމެއް ނޭގެނީތޯއެވެ.

ތަޢައްޔަރުވެފައިވާ ރަށްރަށުގެ ފެންފަށަލަ ހަތިޔާރަކަށް ނަންގަވައިގެން، އެހީހޯދުމަށް ނާށިގަނޑު ދިއްކުރުމުގެ ސަޤާފަތެއް ގެންގުޅުމުގެ ބަދަލުގައި، މީސްކޮޅު މަދު މިތަނުގައި ހަރަކާތްތެރިވާ ތަފާތު ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ރާއްޖޭގެ ފަގީރުކަން ބޭރުދުނިޔެއަށް ދެއްކުމަށްފަހު ހޯދާ ފައިސާ ނަހަމަގޮތުގައި ތަޅާ ސުންނާފަތި ކުރަމުންދާއިރު އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރާކަމީ، ސުވާލު އުފެދޭ ކަމެކެވެ. ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ޔުނިސެފު ފަދަ ޖަމާޢަތްތަކުން ހޯދާ އެހީ ރާޅާ އަޅާ މީހުންނާއި ފީނާ މީހުންނަށް ދީ ހުސްކުރަމުންދާއިރު އެކަން ހުއުްޓުވުމަށް މަސައްކަތް ނުކުރާކަމީ ހިތާމަހުރިކަމެކެވެ.

Monday, May 19, 2008


ބެރޭކިން ނިއުސް:

ނަޖިސް މިނިސްޓްރީން މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ބެންކޮކުން މާމެލާމެލި އިމްޕޯރޓްކުރަނީ

ދިވެހިރާއްޖޭގެ ނަޖިހާއި، ވަސްހޮޅިތައް، އަދި ފާޚާނާތަކާއި ހަނޑަސްބުރިތަކާބެކޭ ވުޒާރާގެ ފަރާތުން، ދިވެހި ޖުމްހޫރިއްޔާގެ ރަށްރަށުގައި ހޭޅިފަށުން ފެށިގެން ރަށުގެ އެތެރޭގައި ހިފާލާފައި ހުންނަ ނަޖިސްވަސް ކަނޑުވާލައި، މީރުވަސްދުވާ މާމެލާމެލީގެ ވަހުން އެއްވަސްކޮށްލުމަށްޓަކައި، މަލްޓި މިލިޔަން ޑޮލަރު ޚަރަދުކުރައްވައިގެން ބެންކޮކުން މީރުވަސްދުވާ މާމެލާމެލި އެބަ ގެންނަވާކަމުގައި ޚަބަރުލިބެއެވެ. ޚަބަރުލިބިފައިވާގޮތުގައި ބެންކޮކުން މާމެލާމެލި ގެނައުމަށްޓަކައި، އެތައް މިލިޔަން ޑޮލަރެއްގެ ކޭޝް ހިއްޕަވައިގެން، ނަޖިސް މިނިސްޓްރީގެ ވަރަށް އިސް އޮފޮޝަލަކު މިހާރުވީ ބެންކޮކަށް ވަޑައިގެންފައެވެ. އަދި މިބޭޅާ މިހާ ބައިވަރު ކޭޝް ހިއްޕަވައިގެން ވަޑައިގަތުން ބެންކޮކު އެއަރޕޯރޓުގެ އިމިގްރޭޝަން އޮފިޝަލުން ތިން ގަޑިއިރުވަންދެން މިބޭޅާ ހުއްޓުވައިގެން ސުވާލުކުރެއްވިކަމަށްވެސް ޚަބަރުލިބެއެވެ.

ނަރުދަމާ ބްލޮގަށް އެނގިފައިވާގޮތުގައި މަލްޓި މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ދަށުން، ނަޖިސް މިނިސްޓްރީން ރާއްޖެއަށް މާމެލާމެލި އެތެރެކުރުމަށްޓަކައި، ދުނިޔޭގައިވާ އެންމެބޮޑެތި ބާޖުތަކާއި ނައުގޯޒުފަހަރުވަނީ ކުއްޔަށް ހިފާފައެވެ. އަދި މިއުޅަނދުތައް ބޭނުންކޮށްގެން، އެތައްހާސްޓަނެއްގެ މީރުވަސްދުވާ މާމެލާމެލި ރާއްޖެ ގެންނައިރު، މިކަމަކީ ނަޖިސް ވަޒީރު، ރިޓާރން އޮފް ދަ ފްލާވާސް ގެ ނަމުގައި ހިންގަވާކަން އިޢުލާނުކުރެއްވި މުނިފޫހިފިލުވުމުގެ ހަރަކާތް އަލުންބަލުން ފެއްޓެވުމުގެގޮތުން ހިންގާ ކަމެކެވެ.

ނަޖިސްވަޒީރުގެ ރިޓާރން އޮފް ދަ ފްލާވާރސް ޙަރަކާތަކީ، ހޮލީވުޑްގެ މަޝްހޫރު ފިލްމް ސީރީޒެއްކަމުގައިވާ ސްޓަރވޯޒްގެ ރިޓާރން އޮފް ދަ ކިންގް އާއި، ދަ މަމީ ރިޓާރންފަދަ ފިލްމުތައް އަސްލަކަށްބަލައިގެން، ހިންގަވާ ހަރަކާތެކެވެ. ކުރީން ނުހަނު ފޯރީގައި މިހަރަކާތް ހިންގަވަން އުޅުއްވުމުން، އެކަމަށް ހަޖޫކިޔައި، މިގައުމުގައި ތިބި ލާނެތް ބައެއްގެ ލާނެތް އަމަލުތަކަކާއި، ލާނެތް އައުގުރާނަތަކެއްގެ ސަބަބުން މި ހަރަކާތް ކޮންމެވެސް ވަރަކަށް ފަސްފަހަތަށް ޖައްސާލުމަށްފަހު، ރަގަޅު އިރުވަރާއި ސާޢަތް ބަލައިގެން އަނެއްކާވެސް މިކަންތައްގަނޑެއް މިފައްޓަވަނީއެވެ.

އަޅެފަހެ މީހަކު ދެން އަޖައިބުވެ އަންތަރީހެއް ނުވާނެހެއްޔެވެ؟ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާ، ތެލާ، ފޭރާމާ، މިހެންގޮސް، ފިރިހެންކަމަށް ދަށްމީހުން ކޮންމެހެން ބޭނުންކުރަންޖެހޭ ފިރިހެން ބޭސްފަދަ އެންމެ އަސާސީ ވަސީލަތްތަކުގެ އަގުތައްވެސް ދިހަގުނައިން، ބާރަގުނައިން އަގުއުފުލެމުން، ހެޔޮވަރުގެ ފަލަ ކާރިސާއަކަށް މިކަން ވަމުންދާއިރުވެސް، ދަނޑުގޮވާމުގެ ބާވަތްތަކާ، ގަސްކާނާއާއި ފަލަމަޑީގެ ބާވަތްތައް ރާއްޖެ އެތެރެކޮށް އެފަދަ ތަކެތި ހައްދައި، ރިޓާރން އޮފް ދަނޑުގޮވާމާއި، ރިޓާރން އޮފް ދަ ފަލަމަޑި ކަހަލަ ނަމެއްކިޔާ ކެމްޕޭނުތައް ހިންގުމުގެ ބަދަލުގައި، މިބޭޅާމެން މިގެން މަރުދެމުންދަނީ އަސުރުމަލާ، ހުވަނދުމަލާ، ގަނދަކޯޅިމާފަދަ އެއްވެސް ބޭނުމެއްނުހިފޭ ތަކެތި އެތެރެކޮށްގެން، މިހާރު ބަޖެޓުގައި ލިބިފައި ހުރިއްޔާ ހުރި ފައިސާކޮޅެއްވެސް ޕަކަޅާކޮށްލެވޭތޯއެވެ.