ޑެންގޫއާއި ޗިކުން ގުންޏާ މާލެއާއި އަތޮޅުތަކުގައި އިންތިހާއަށް ފެތުރެމުންދާއިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން، މާލެއާއި އަތޮޅުތެރެއިން މި ބަލިޖެހޭ މީހުންގެ ޢަދަދު ގުނުމުގެ ބުރަ މަސައްކަތުގައި
* ރަށްރަށުގައި ވާރޭފެން ރައްކާކުރަން ގެންގުޅޭ ފެން ތާނގީއާއި ދިޔަދޮވި އަކީ މަދިރި ވިހާ ތަންތަން ކަމަށް ވާއިރު، ބޯފެނުގެ ސިޔާސަތަކީ ކަޅުހަން ކަމަށް ނަހަދާ ގޭގޭގެ ދޮރުމަތީގައި ހުންނަ ކަޅުހަން ލޮނުމަސް އަޅަން ބޭނުކޮށް، ރައްކާތެރި ސާފު ބޯފެން ދާއިމީގޮތެއްގައި ރަށްރަށުގެ ރައްޔިތުންނަށްް ފޯރުކޮށް ދެވޭނެެ އެހެންގޮތެއް ހޯދަން ވެއްޖެ.
ޑެންގޫ މިބަހަކީ، އެހާ ބީރައްޓެހި ބަހަކަށް ނުވިޔަސް، ޗިކުން ގުންޔާ ދިވެހިންގެ ތެރެއަށް ވަދެގަތީ ދާދި ފަހުންނެވެ. މި ދެނަމަކީވެސް މަދިރީގެ ސަބަބުން ޖެހޭ ބަލިތަކަށް ކިޔާ ދެނަމެވެ. މަދިރީގެ ސަބަބުން ފެތުރޭ މިފަދަ ބަލިތަކަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ޚާއްސަކޮށް އެފުރިކާ އަދި އެޝިއާ ބައްރުތަކުގައި އާންމުކޮށް ފެތުރެމުންއަންނަ ބަލިތަކެކެވެ. ނަމަވެސް މިބަލިތައް ޖައްސާ މަދިރި ފުރަތަމަ ފަހަރަށް ރާއްޖެއައީ އެފުރިކާއިން ކަމެއް ނުވަތަ އޭޝިއާގެ ގައުމަކުންކަމެއް އެގޭކަށް ނެތެވެ. އެނގޭ އެއްޗަކީ، ޑެންގޫއާއި ހެދި ސަލާމަތް ނުވެގެން އުޅެނިކޮށް ޗިކުން ގުންޏާގެ ބަލި ޖައްސާ މަދިރިވެސް ރާއްޖޭގައި އުޅެން ފަށާ، މިބަލިވެސް އިންތިހާއަށް ފެތުރެމުން އަންނަ ކަމެވެ. ދުވާލެއްގެ މައްޗަށް އެތައްބަޔަކު ހަސްފަތާލުތަކުގައި އެނދުމަތި ކުރަމުން ދާކަމެވެ.
ޗިކުން ގުންޔާގެ މިބަލި 1952 ގައި ފުރަތަމަ ފަހަރަށް ތަޢާރަފުވެފައި ވަނީ އެފުރިކާގައި ކަމަށްވިއަސް ޗިކުން ގުންޔާ ފެތުރިފައިވަނީ 1963 ގައި އިންޑިއާގެ ކަލްކަތާ ގައެވެ. އަދި ޑެންގޫ ފުރަތަމަ ފަހަރަށް ތަޢާރަފުވެގެން ގޮސްފައިވަނީ 1779 ގައި އެމެރިކާގެ ސަހަރެއްކަމުގައިވާ ބަޓާވިއާ، އަދި މީގެ އިތުރުން އިންޑޮނޭޝިއާ އާއި ކައިރޯގައި ކަމަށް ވާއިރު 1780 ގައި ޕިލަޑަލްފިއާ ގައި މިބަލި ވަނީ ފެތުރިގެން ގޮސްފައެވެ.
ދިވެހިން ނޭވާ ލަމުން އަންނަ މިކުޑަ ދިވެހި ރާއްޖޭގައި ޑެންގޫ ފުރަތަމަފަހަރަށް ފެތުރިފައިވަނީ 1979 ގައި ވެރިރަށް މާލެ، ބ.އޭދަފުށި އަދި ބ.ދަރަވަންދޫ ގައެވެ. 1979 ގައި ފުރަތަމަ ފަހަރަށް މިބަލީގެ ނުރައްކާ ކުރިމަތިވި ހިސާބުން ފެށިގެން މިއަދާހަމައަށް އާއިރުވެސް ސިލްސިލާއެއްގެ ގޮތުގައި މިބަލި އަންނަނީ ފެންނަމުންނެވެ. މިބަލިޖެހޭ މީހުންއަންނަނީ އިތުރުވަމުންނެވެ. މިބަލި ޖައްސާ މަދިރިތައް އަންނަނީ އިތުރުވަމުންނެވެ.
ޗިކުން ގުންޔާ ފުރަތަމަހަރަށް ދިވެހިންގެތެރެއިން ފެނިފައިވަނީ 2006 ގެ މެދުތެރޭގައި ކަމަށް ވާއިރު މިބަލީގެ ނުރައްކާ ބޮޑުވެ ރަށްރަށަށް އުދައަރާހެން 2006 ގެ ޑިސެމްބަރުން ފެށިގެން މާލެ އާއި އަތޮޅުތެރޭގައި އަންނަނީ މި ބަލި ފެތުރެމުންނެވެ. ބަލިފެތުރިގެން ގޮސް، އެތައް ބަޔަކު ދުނިޔެދޫކޮށް ދާ ހިސާބުން ރައްޔިތުން ހަޅޭފަޅޭ ލަވައިގަތީމަ، ޗިކުންގުންޔާގެ ފޯކަލް ޕޮއިންޓް އުފައްދާ، ޓާސްކުފޯސް އުފައްދާ، ލޯންޗުފަހަރުގައި ރަށްރަށަށް ދެވޭއިރު، ކޮޅަށް ހުރެވޭ ހަމަ އެކަކުވެސް މިއިން އެއްވެސް ރަށެއްގައި ނުހުރެއެވެ. ރައްޔިތުން ތިބެނީ ގުންޔާ ޖެހި ލެންބިފައެވެ. ޑެންގީ ޖެހި ދެމިފައެވެ.
ބަލި ފެތުރެން ދިމާވާ ސަބަބު
މި ދެ ބައްޔަކީވެސް މަދިރީގެ ސަބަބުން ޖެހޭ ބަލިތައްކަމަށް ވާއިރު، މިބަލި ފެތުރިގެން ދަނީ ރަށްރަށުގައި ކުނިބުނި ގިނަވެ، މަދިރި އާލާވާފަދަ ތަންތަން އިތުރުވެ، މަދިރި ކޮންޓްރޯލްކުރުމަށް މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ.މަދިރި އާލާވަނީ، ފެން ހަރުލާފައިހުންނަ ތަންތަނުގައި ކަމަށްވާއިރު، ފެންހަރުލާގޮތަށް ނޫނީ އެއްވެސްކަމެއް ކުރެވިފައެއް ނުވެއެވެ. ވެރިރަށް މާލެއަށް ބަލާއިރު، މާލޭގެ މަގުތަކަކީ، އޭރު ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި އުމަރު ޒާހިރުގެ އަމިއްލަ ޑިޒައިނަކަަށް ތައްޔާރުކޮށްފައި ހުރި މަގުތަކެކެވެ. މަގުތަކުގެ ކާނުތައް ހަދާފައި ހުރީ އުމަރުގެ އަމިއްލަ ޑިޒައިނަކަށެވެެ. މާލޭގެ މަގުތަކުގައި ހަދާފައި ހުރި ކާނުތަކަކީ ކުނިބުނި ޖަމާވެ، މަގުމައްޗަށް ވެހޭ ވާރޭފެން ރައްކާކުރަން ހުރި އޯޕެން ކާނުތަކެއްކަމުން، މިކާނުތަކުގައި ބަތްފެން ގަނޑެހެން ގުންޏާއި ޑެންގޫގެ މަދިރި ޖަމާވެ ދިރިއުޅެމުންދާއިރު މިކަން އެގޭބަޔަކު ނުވެއެވެ. މިކަން ކޮންޓްރޯލްކުރަން މަސައްކަތް ކުރާޔަކު ނުވެއެވެ. މަދިރީގެ ދުއްޕާން ބޮޑުވެ، ގުންޏާއި ޑެންގޫގެ ބަލީގައި އެތައްބަޔަކު ހަސްފަތާލުތަކުގައި އެނދުމަތިކުރެވި، އެތައްބަޔަކު ދުނިޔެއިން ނިމިގެން ދާހިސާބުން ފެށިގެން ޓާސްކުފޯހާއި، ފޯކަލް ޕޮއިންޓާއި، ޓީވީ އިންޓަވިއުތަކާއި، ނޫސްކޮންފަރެންސް ތައް ދޭތަން ފެނެއެވެ. މާލެއަކީ ވަން އެންޑް އޮންލީ މާލެކަމަށް ވެ، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ދިވެހިންގެ އާބާދީ 60 އިންސައްތައިގައި ހުރި އިރު ބަންގާޅީންގެ އާބާދީ މިވަނީ 40 އިންސައްތައަށް އިތުރުވެފައެވެ. ބަންގާޅީ ޓައުންއާއި އިންޑިއަން ޓައުން މިވަނީ އުފެދިފައެވެ. ބަންގާޅީންނަށް ބައްޕަ ކިޔާ ތުއްތުކުދިން މިވަނީ ފެންނަންފަށާފައެވެ. 4 އަކަ ކިލޯމީޓަރު ހަމަ ނުވާ ކުޑަ ފިނޮޅެއްގައި، ދިރިއުޅޭ މީހުންގެ އާބާދީ ލައްކައިން އިތުރުވެގެން ދާއިރު، ގުންޏާއާއި ޑެންގޫފަދަ ނުރައްކާތެރި ބަލި ފެތުރިގެން ދިޔަ ނުދިނުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭނަމަ، އެކަކު އަނެކަކަށް ގައިގޯޅި ވުމުގެ ސަބަބުންް މިބަލި ޖެހޭތަން އައުމަކީވެސް އެކަށީގެންވާކަމެކެވެ. މޮޑެލް ވެރިރަށް މާލޭގެ ޙާލަތު ހުރިގޮތަކީ މިއީ ކަމަށް ވާއިރު އަތޮޅުތެރޭ ރަށްރަށުގެ ކަންތައްތައް ހުންނާގެ ގޮތް ކިއުންތެރިންނަށް މާރަގަޅަށް އެގޭނެއެވެ. ކުނި އުކާނެ ވަކި ތަނެއް ނުހުރެއެވެ. ރަށްރަށުގެ ގޮނޑު ދޮށަކީ ކުނިގޮޑެވެ. ގޭގޭގެ ފުރަގަހަކީ ކުނިގޮނޑެވެ. މަގުމައްޗަކީ ކުނި ގޮނޑެވެ.
ސުނާމީ ކުނިކޮށި
ސުނާމީ ކާރިސާއަށްފަހު، ރަށްރަށުގައި އުފެދޭ ކުނި ބުނި ނައްތާލުމުގެ ނަމުގައި ރެޑްކްރޮސް ފަދަ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ބައެއް ރަށްރަށުގައި ކުނިޖަމާ ކުރާ ކުނި ކޮށި ވަރަށް ފޯރީގައި ހަދަމުންދިޔައިރު، ގޭ ބިސީއަކުން ގެންދާ ބަރޯއެއްގެ ކުނި މިއިން ކޮށްޓަކަށް އަޅާލުމުން ހުނަނީ ކޮށި ފުރިފައެވެ. މި ދެންނެވި ކުނިކޮށިތަކުގެ ބޮޑުމިން، ޓުމާޓޯ ހުސްކުރި ކުޑަ ދަޅެއްވަރުވާއިރު، މީ ކީއްކުރަން ހަދާތަނެއްކަމެއް އެގޭކަށް ބޭނުމެއް ނުވެއެވެ. މިތަންތަނުގައި ޖަމާކުރަން މި އުޅެނީ ހަނޑޫ ހަކުރު ފުށް ކަމެއް ނޫނީ ގޭގޭއިން އުކާލާ ކުނިކަމެއް އެގޭކަށް ބޭނުމެއް ނުވެއެވެ. ކުނިކޮށިތަކުގެ ސައިޒް ކުޑަކަމުގެ ޝަކުވާގެ އަޑު ރައްޔިތުން އުފުލަމުން ދިޔައިރު، ކުންޏާއި ބެހޭ ސައިންޓިފިކް ދިރާސާ ސެންޓަރުން ބުނަމުންދިޔައީ، ތިމަންނާމެން ކުނިބޭނުންކޮށްގެން ރައްޔިތުންނަށް އިއާދަކުރަނިވި ހަކަ އުފެއްދުމުގެ ދިރާސާ ކުރަމުންދާތީވެ، ރައްޔިތުން ކުޑަ ދުވަސްކޮޅަކު، ކުނީގެ ތެރޭގައި އުޅެ ދެއްވުމަށެވެ.
ރެޑްކްރޮސްފަދަ ތަންތަނުންވެސް ބެލީ، ކޮށިތައް ހަދާލެވޭތޯއެވެ. މެޑަލި ޖެހޭތޯއެވެ. ކޮށި ހެދުމަށްފަހު އެކި ދިމަދިމާލުން އަރިއަރިއަށް ފޮޓޯ ނެގުމަށްފަހު ރިޕޯޓެއް ތައްޔާރުކޮށް އިންޓަރނެޓްގައި ޖަހާލުމުން އެނިމުނީއެވެ. މިބުނި ކުނިކޮށިތައް ފުރި، ވާރޭ ވެހޭއިރު، ކުންޏާއިއެކު ރަށުތެރެއަށް ޖަމާވެ މަދިރީގެ އުނދަގޫ އެތައް ގުނައަށް ވަނީ އިތުރުވެފައެވެ. މަދިރި އާލާވާތަންތަން މިވަނީ އެތައްގުނައަށް އިތުރުވެފައެވެ. ކުނި ކޮށި ހެދުމުގެ ކުރީން، ރަށްރަށުގެ ކުނި ކޮށްޓަކީ ރަށްރަށުގެ ގޮނޑުދޮށްކަމަށް ވީއިރު، ގޮނޑުދޮށުގައި ހުންނަ ފެން ހަރުލާ އެއްޗެހީގައި ހުންނަނީ ލޮނުފެންކަމުން މަދިރިއާލާވާގޮތް ނުވެއެވެ. މި ދައްކަނީ އޭރު މަދިރި ނުހުންނަ ވާހަކައެއް ނޫނެވެ. މަދިރި އާލާވާތަންތަން ނުހުންނަ ވާހަކައެއް ނޫނެނެވެ. އޭރުވެސް މަދިރި އާލާވާތަންތަން ރަށުތެރޭގައި ހުރެއެވެ. އެކަމަކު މިވަރެއް ނޫނެވެ.
ފެން ރައްކާކުރާ ކަޅުހަން - މަދިރި ފެކްޓަރީ
މަދިރިއަކީ ފެން ހަރުލާފައި ހުންނަ ތަންތަނުގައި އާލާވާ އެއްޗެއް ކަމުން، ރަށްރަށުގެ ކޮންމެގެއެއްގައި ވާރޭފެން ރައްކާކުރަން ދޮރުމަތީގައި ހުންނަ ކަޅުހަން ނުވަތަ މިނޫންވެސް ފެންތާނގީ ތަކަކީ މަދިރި އުފައްދާ ފެކްޓަރީތައްކަމަށް ވާއިރު، މި ތާނގީތަކަށް މަދިރި ނުވަދެވޭގޮތް ހެދިފައެއް ނުހުރެއެވެ . ފެނުގެ ސިޔާސަތަކީ ކަޅުހަން ބެހުންކަމަށް ވީތީވެ، ކޮންމެގެއަކަށް ކަޅުހަމަކާއި އެއް ފޫޓުގެ ދިޔަ ދޮވި ބުރިއެއް ދިނުމުން ސާފު ބޯފެން ފޯރުކޮށް ދެވުނީކަމަށް ފެނާއި ނަޖިހާއި ބެހޭ މިނިސްޓްރީއިން ދެކޭއިރު، މިއިން ކުރިމަތިވާ އެހެނިހެން ޞިއްޙީ ނުރައްކަލަކީ ކޮބައިތޯ ބަލާލުމެއް ނޯވެއެވެ. އެއިން ރައްޔިތުންނަށް ކުރިމަތިވެދާނެ މުޞީބާތަކީ ކޮބައިތޯ ބެލުމެއް ނޯވެއެވެ. އެއަށް ނަގާ ފެން ތަޢައްޔަރުވެ، ތާނގީތަކުގައި މަދިރި ފަނި އުފެދި، ރަށުތެރޭގައި ބަތްފެން ގަނޑެހެން މަދިރި ގިނަވަމުންދާއިރުވެސް، ތާނގީ ބެހުމުގެ ޢީދެއް ނަޖިހާއި ބެހޭ މިނިސްޓްރީއަށް އައިސްގެން އުޅޭހެން ހީވާކަހަލައެވެ. ތާނގީ ބެހުމުގެ ފޯރީގައި މިކަން ކުރަމުންދާއިރު، ރަށްރަށުގެ ރައްޔިތުންގެ ޞިއްޙަތައް އެއިން ކުރާ ނޭދެވޭ އަސަރާއި ދޭތެރޭ ވިސްނާލުމެއް ނޯވެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކު ހެލްތާއި ޗިކުން ގުންޔާ
ވެކްޓަރ ބޯން ޑިސީސް ކޮންޓްރޯލް ޔުނިޓާއި، އެއިޑްސް ކޮންޓްރޯލް ޔުނިޓާއި، މާބަނޑު އަންހެނުންނާއި ބެހޭ ޔުނިޓާއި، ޓީބީ ނައްތާލާ ޔުނިޓުފަދަ ތަފާތު ޔުނިޓު އުފައްދައިގެން މި ދެންނެވި ޔުނިޓްތަކުގެ ކޮންޓްރޯލަރުން ޑިޒީސް ކޮންޓްރޯލް ސުވިޗް އަތަށް ލައިގެން ފިނިކުރި ކޮޓަރިތަކުގައި ދުވަސް ހޭދަކުރަމުންދާއިރު، ޗިކުން ގުންޏާއި ޑެންގީގެ މަދިރި ރާއްޖޭގެ އީ.ޒެޑް ޒޯން ހުރަސްކޮށް މިވެރީންނަށް ގޮންޖަހާލުމަށްފަހު އަނެއްކާވެސް މިވަނީ މާލެއާއި އަތޮޅުތެރެއަށް ފެތުރިފައެވެ. ގުންޏާއި ޑެންގީގެ ބަލި އިންތިހާއަށް މިވަނީ ފެތުރިފައެވެ. ޗިކުން ގުންޏާ، ޑެންގީ އަދި ބޭރަށް ހިގުމުގެ ރޯގާ ފަދަ ނުރައްކާތެރި ބަލިމަޑުކަން، މިއިން ޒަމާނެއްގައިވެސް މާލެއާއި އަތޮޅުތެރެއިން ފިލައިގެން ނުދާ އިރުވެސް، ދޭތެރެ ދޭތެރެއިން ނޫސްބާޔާނެއް ދިނުންނޫންކަމެއް ޕަބްލިކް ހެލްތަކަށް ނުކުރެވެއެވެ. ފިރިހެން ކުދީންނާއި އަންހެންކުދީން ލައްވާ މާބަނޑު އަންހެން ކަނބަލުންގެ ބަނޑު ބޮޑުވަމުންދާ މިންވަރުގެ ތަފާސް ހިސާބު އެކްސެލް ޝީޓަކަށް އެޅުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ. ވިހާ ޢުމުރުގެ އަންހެން ކުދީންގެ ޢަދަދު ބެލުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ.
ވެރިރަށް މާލޭގައާއި ރާއްޖޭގެ ކަންކޮޅުތަކުގައި ގުންޏާއި ޑެންގީގެ ބަލި ޖައްސާ މަދިރި ގިނަވެ، މި ބަލި މާލެއާއި އަތޮޅުތެރޭގައި އިންތިހާއަށް އިތުރުވެފައި ވާއިރު ނޫސްބަޔާނަކުން ނިންމާލީމަ އެ ނިމުނީތޯއެވެ. އަތޮޅުތެރެއިން 209 އަދި މާލެއިން 469 ޑެންގީ ކޭސް (ހަވީރު ނިއުސް 4 ޖޫން 2008) މިއަހަރުގެ މިހާތަނަށް ފެނިފައިވާކަމަށް ނޫސްބަޔާން ދެމުންދާއިރު، އެކި ވަރުވަރުގެ ވެރީންނާއި އެކު ޑީ.ޕީ.އެޗް އުފައްދާފައި ހުރީ މަސްވެރިން މަހުން ލެފީމަ މަސްރިޕޯޓް ނަގާހެން ޑެންގީއާއި، ޗިކުން ގުންޏާ އަދި ބޭރަށް ހިނގުމުގެ ރޯނގާފަދަ ބަލިތަކުގެ ރިޕޯޓް ނެގުމަށް ފަހު ކުލަކުލައިން ޗާޓް ކުރަހާ ނޫސްބާޔާން ދޭތަނެއްގެ ގޮތުގައިތޯއެވެ. ފެންތާނގީއާއި، ދިޔަދޮވިފަދަ ފެން ހަރުލާ ތަންތަން ނައްތާލުމަށް ގޮވާލާ، ޓީވީ އިންޓަރވިއު އާއި ނޫސްކޮންފަރެންސް ދެމުންދާއިރު، ނަޖިހާބެހޭ މިނިސްޓްރީއާއި ދެފިޔަ ބިނދާލާފައި ހުރި ފެނުގެ ރެގިއުލޭޓަރާއި މިނޫންވެސް މިކަމާއި ގުޅުންހުރި ތަންތަން އެއްތަނަކަށް ޖަމާކޮށްް ގައުމީފެންވަރުގެ މަސައްކަތްތަކެއް ކުރަން ނުވޭތޯއެވެ. ފޯކަލް ޕޮއިންޓާއި، ޓާސްކު ފޯސް ހަދައިގެން ފިނި ކުރި ކޮޓަރިތަކުގައި ނުތިބެ އެތަންތަނުން ނިކުމެ ރާއްޖޭގައި މިއުޅޭ ބަލިމަޑުކަން ނައްތާލުމަށް މަސައްކަތް ކުރަން ނުވޭތޯއެވެ. ވެކްޓަރ ބޯން ޑިސީސް ކޮންޓްރޯލް ޔުނިޓްގެ ނަމްބޯޑް ގެއެއްގެ ކުލީކޮޓަރިއެއްގައި އަޅުވާފައި އެއްވެސް ބޭނުމެއް ނުހިފޭތަނެއްގެ ގޮތުގައި އެކަހެރިކޮށް، ވަރުވަރުގެ ވެރީން އިސްކޮށްފައި ބެހެއްޓުމުގެ ބަދަލުގައި އެތަނަށް އިރުގެ އަލިކަން ގެނެސް އެތަނުގެ ބޭނުން ހިފުމަށް ނުވޭތޯއެވެ.
މާލޭގެ ޑްރެއިނޭޖް - މަދިރި ކާނު
ސައުތު އޭޝިއާ ސީސް ޕްރޮގަރާމް ގެ ޗެއާރމަނަކަށް ތިމާވެއްޓާއި ބެހޭ ވަޒީރު ހުންނަވައިގެން، އެ ޕްރޮގްރާމްގެ ދަށުން ވޭސްޓްމެނޭޖްމަންޓާއި،ފަރުތަކުގެ ޓާސްކު ފޯސް ފަދަ ޕްރޮގްރާމްތަށް ހިންގާކަމުގެ މޭވާ ބިންނަމުން ވަޑައިގަންނަވާއިރު، ވެރިރަށް މާލޭގެ މަގުމަތި މިވަނީ ކުނިގޮނޑަކަށް ބަދަލުވެފައެވެ. މާލޭގެ ވޭސްޓް މެނޭޖަރުން މިވަނީ ބަންގާޅީންނަށް ބަދަލުވެފައެވެ. މާލޭގެ ވޭސްޓްމެނޭގަރުން ނަކީ މާލޭގައި އުޅޭ ބަންގާޅީންކަމަށް ވާއިރު، އެމީހުންގެ ބައިސިކަލްގައި އެލުވާލައިގެން ކުނި ގޮނޑަށް ގެންދާ ކުނިކޮތަޅު/ ކުނި ގޯނި ކުނިގޮނޑާއިހަމައަށް ދެވޭއިރު ކޮތަޅުގައި ކުންޏެއް ނުހުރެއެވެ.ގޯނީގައި ކުންޏެއް ނުހުރެއެވެ. ކުނނި ގޮނޑާއި ހަމައަށް ދެވޭއިރު ގޮނޑަށް އުކާލަން ގެންދާ ކުނި ހުންނަނީ މަގުމަތީގެ އެތަން މިތަނުގައެވެ. ކާނުތަކުގައެވެ.
މާލޭގެ މަގުމަތީގައި ހަދާފައި ހުރި ކާނުތަކަކީ އުމަރު ޒާހިރުގެ އަމިއްލަ އުފެއްދުމެއްކަމުން، ވެހޭ ހުރިހާ ވާރޭފެނެއް ކާނުތަކުގެ ތެރެއަށް ޖަމާވެ މިކާނުތަށް ވެގެންދަނީ މާލޭގައި މަދިރި ގިނަވުމަށް ހުރި ބިރަކަށެވެ. ނުރައްކާތެރި ބަލިފަތުރާ ޗިކުން ގުންޏާއި ޑެންގީ ޖައްސާ މަދިރި ވިހާ ކޮޓަރިތަކަށެވެ. ކާނުތަށް ސާފުކުރަނީއެއް ނޫނެވެ. ކާނުތަށް ސާފުކުރުމަށާއި މަގުމަތީގެ ކަންކަން ރަގަޅުކުރުމަށް ކަނޑައަޅާ ބަޖެޓުން ބިޑި ސުއްޓާއާއި ދުފާއެއްޗެހި ގަނެ ހުސްކުރަމުންދާއިރު ކާނުތަކުގައި ކުނިބުނި ގިނަވެ، ކާނުތައް ފުރި ބަންޑުންވެ، ކާނުތަކަކީ މަދިރި ފަނި އުފެދި މަދިރި އާލާވާ ތަންތަންކަމަށް ވީހިނދު، މިކަންތައްތައް ރަގަޅުކުރުމަށް ލޯ ލާރިވެސް ޚަރަދުކުރާތަނެއް ނުފެނެއެވެ. އަވަށު އޮފީސްތަކާއި މުނިސިޕަލްޓީ އާއި މިތަންތަނުގައި މިކަންކަން ރަގަޅުކުރަން ތިބި އެކި ވަރުވަރުގެ ވެރީންގެ މުސާރަ އެބަ ބޮޑުވެއެވެ. މިވެރިން ދުއްވާ ސައިކަލާއި ގެންގުޅޭ ފޯން އަންނަނީ އާވަމުންނެވެ.
މަދިރި ނައްތާލުމަށްް ފޮގުކުރުން ( ދުން އެޅުންް)
އަތޮޅުތަކުގައި ޑެންގީއާއި ޗިކުން ގުންޏާގެ ނުރައްކާ ބޮޑުވެ މިބަލި އިންތިހާއަށް މިދުވަސްވަރު އިތުރުވުމާއި ގުޅިގެން ރަށްރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވެފައެވެ. ގޮތްހުސްވެފައެވެ. ޕަބްލިކް ހެލްތަށް ކުރެވޭ ކަމަކީ ނޫސްބަޔާންދީ، ގުންޏާއި ޑެންގީ ޖެހޭ މީހުންގެ ތަފާސް ހިސާބު ދުވަހު ދެއިރު އެއްކުރުމެވެ. ބަލި ޖެހޭ މީހުންގެ ނަމާއި ޢުމުރު އަދި މީހުންގެ ޢަދަދު ބެލުމެވެެ. މަދިރި ކޮންޓްރޯލްކުރުމަަަށް މަސައްކަތްތަކެއް ނުކުރެއެވެ.
އައްޑު އަތޮޅާއި އދ. އަތޮޅުގައި ޑެންގީއާއި ޗިކުން ގުންޏާގެ ބަލި އިންތިހާއަށް ފެތުރި، މި އަތޮޅުތަކުގެ ރައްޔިތުން ބިރުވެރިކަމެއްގެތެރޭގައި އުޅޭއިރު މުޅި ރާއްޖެ ފޮގުކުރުމަށް ގެންގުޅޭ ދެ ފޮގު މެޝިންގެ ތެރެއިން އެކަތި އައްޑުއަތޮޅަށް ގެންގޮސް އެއަށް ފެނާއި ކަރާސީނު ތެޔު އަޅައިގެން ފޮގު ކުރަމުންދާއިރު އަނެއް ފޮގު މެޝިން ވީތަނެއް ނޭގެއެވެ. ހިތުން ތިމަންނާމެންނީ ޔުނައިޓެޑް ސްޓޭޓްސް ކަމަށް ދެކި، ޑިޒީސްކޮންޓްރޯލާއި، ވެކްޓަރބޯން ޑިޒީސްކޮންޓުރޯލާއި މިކަމާއި ގުޅުންހުރި ހުރިހާ ކޮންޓްރޯލް ޔުނިޓްތައް އުފައްދައިގެން ތިބެ ނޫސްބާޔާންތައް ދެމުން، އަޑުގެ ކޮޅަށް މަދިރިއާލާވާ ތަންތަން ނައްތާލާށޭ ބުނެ މަދިރި ކުއްވެރިކުރަމުންދާއިރު، މިކަންކަމަށް ޑަބްލިޔޫ.އެޗް.އޯ އިންނާއި އެހެނިހެން ތަންތަނުން ލިބޭ އެހީއިން މިވެރީންގެ ޖީބު މުއްސަންދި ވުން ނޫންކަމެއް ނުވެއެވެ. ބޭރުޤައުމުތަކަށް ގޮސް ޕްރެޒެންޓޭޝަން ދިނުން ނޫންކަމެއް ނުކުރެވެއެވެ.
މި ދެންނެވި ތަފާތު ޑިޒީސް ކޮންޓްރޯލް ޔުނިޓްތަށް ހިންގަމުން މިއަދާއި ހަމައަށް އާއިރު މިވެރިން އަތުގައި ފެންނާން އޮތީ ޤައުމީ އެންމެ ދެ ފޮގު މެޝިނާއި މަދިރި ހިފާ ދާކޮޅެކެވެ. އިތުރު އެހެން އެއްޗެއް ފެންނާކަށް ނެތެވެ. ދިވެހި ރާއްޖޭގައި މިއުޅޭ މަދު މީސްކޮޅުގެ ކޮންމެ ބޮލަކަށް ފޮގު މެޝިނެއް ގަނެވޭހާ ފައިސާ މިވެރިންނަށް ލިބުނުއިރު، އެންމެ ދެ ފޮގު މަޝިން ފެންނާން އޮތްކަމީ، ޕަބްލިކް ހެލްތުގައި ތިއްބެވި ވެރީންނާއި ދޭތެރޭ ސުވާލު އުފެދޭކަމެކެވެ. ފޮގު މެޝިނަށް އޯރޑަރު ކުރަނީ މަދިރި ހެފީމައެވެ. ޑެންގީއާއި ގުންޏާ ބަލީގެ ޝީކާރައަށް އެތައް ބަޔަކު ވުމުންނެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތަކީ، މާލެއާއި އަތޮޅުތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ގުނުމުގެ ތަފާސް ހިސާބު ހަދަން ތިބި ބަޔެއްކަމަށް ނަހަދާ، ރާއްޖޭގައި މިއުޅޭ ބަލިމަޑުކަން ނައްތާލުމަށް ޤައުމީ ފެންވަރުގެ މަސައްކަތްތަކެއް ކުރުމަށް ގޮވާލަމެވެ.
3 comments:
good write up!
wonder the DPH is taking any action against these diseases?
As the writer in the article has indicated that, the performance of DPH is poor.very poor
I think we all Maldivians has to do the same with this dumps. they actually dont understand what is yhe basic needs of the people. Fight for your rights people!
Post a Comment