Tuesday, June 10, 2008

ކުދިކުދި އީ.އައި.އޭ (ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަންގައިދޭ ރިޕޯޓް) ފަޅުތަރޭގައި ހުންނަ ހާހަލަށާއި ރަށްރަށުގެ ގޮނޑުދޮށްތަކަށް ވަކިވަކީން ހެދުމުގެ ބަދަލުގައި ބޮޑު އެއް އީ.އައި.އޭ މުޅި ރާއްޖެއަށް އަމާޒުކޮށް ހެދުން ކިހިނެއްތޯ؟ (އެއްވަނަ ބައި)

*އީ.އައި.އޭއެއްގެ އަގު ރާއްޖޭގެ ބާޒާރުގައި 10،000 އެމެރިކާ ޑޮލަރަށް އުފުލިގެން ދިޔަ އިރު، އީ.އައި.އޭ ހެދުމުގެ މަޤުސަދު މުރާޖާކުރަން ޖެހިފައި

ދެވަނަ ބޮޑު ހަގުރާމައަށްފަހު ކުރިއަރާފައިވާ ޤައުމުތަކުން ހިންގަންފެށި ސިނާޢީ މަސައްކަތްތަކުގެ ސަބަބުން ބިމުގައި ލިބެން ހުރި ޤުދުރަތީ ވަޞީލަތްތައް ނެތިގެން ދާކަމާއި، ބިމުގައި ދިރުން ހުރި ތަކެތީގެ ނަސްލު ނެތިގެންގޮސް އެ ސޮރުމެން އުޅެމުން އަންނަ މާޙައުލަށް ނޭދެވޭ އަސަރު ކުރާކަމުގެ އިތުރުން ތަފާތު ގެއްލުންތަށް ތިމާވެއްޓަށް ފޯރަމުންދާކަން އެގުނު ކަމުގައި ވިޔަސް 1960 އާ ހަމައަށް އައި އިރުވެސް، ތިމާވެށި ހިމާޔަތްކުރަން އެކަށީގެންވާު މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ދުނިޔެ ހޫނުވުމާއި، އޯޒޯންފަށަލަ ތުނިވަމުންދާކަމުގެ އިޙުސާސްތަށް ކުރެވި، ޖައްވަށް އަރައިގެންދާ ވިހަ ގޭހުގެ ސަބަބުން އޭގެ އަސަރު ފޯރާ ޤައުމުތަކުގެ ރައްޔިތުން ކޮށި އަރަން ފެށި ހިސާބުން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ފެށިއެވެ. މިގޮތުން 1972 ގައި ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމް ގައި އ.ދ އިން ފުރަތަމަ ފަހަރަށް ތިމާވެއްޓާއި ބެހޭގޮތުން ބޭވި ކޮންފަރެންސް ވެގެންދިޔައީ، ތިމާވެށި ހިމާޔަތްކުރަން ބައިނަލް އަގުވާމީގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ފެށުން ކަމުގައެވެ. މިއަދާއި ހަމައަށް އާއިރު، ތަފާތު ގިނަ މިފަދަ ކޮންފަރެންސްތަކާއި މަހާސިންތާތައް ދުނިޔޭގެ ކަންކޮޅުތަކުގައި ވަނީ ބޭއްވިފައެވެ. މިގޮތުން 1992 ގައި ރިއޯ ޑި ޖެނެއިރޯ ގައި އާރތް ސަމިޓް ގެ ނަމުގައި އ.ދ އިން ބޭއްވި ސަމިޓް ފާހަގަކޮށްލަން ޖެހެއެވެ. 800 ސަފުޙާގެ ކަރުދާހެއް ތައްޔާރުކުރެވި (އެގެންޑާ 21) ފައި ވާއިރު، ޤައުމުތަކުގެ ސަރުކާރުން އަޙުމިއްޔަތުކަންް ދޭންޖެހޭ ކަންތައްތަކެއްގެ ގޮތުގައި މައިގަނޑު 27 ކަމެއް ވަނީ ފާހަގަކޮށްފައެވެ. މީގެތެރޭގައި ޤައުމުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަަށް ހިންގުމުގައި އޭގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރު އަންގައިދޭ ރިޕޯޓް ނުވަތަ އީ.އައި.އޭ ހަދަންޖެހޭނެކަމަށް 17 ވަނަ މާއްދާގައި ވަނީ ފާހަގަކޮށްފައެވެ.

އީ.އައި.އޭ ނުވަތަ ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަންގައިދޭ ރިޕޯޓް ހެދުމުގެ މަސައްކަތް ދިވެހި ރާއްޖޭގައިވެސް މަޑުމަޑުން ކުރަމުންދިޔަކަމުގައި ވިޔަސް، އީ.އައި.އޭގެ ހެދުމުގެ ފޯރި ވައިގައި ހިފާފައިވަނީ ދާދި ފަހުންނެވެ. ރަށްރަށުގެ ނެރު ފުން ކުރުން، ނަރުދަމާ ޤާއިމް ކުރުން، ބަނދަރު ހެދުންފަދަ ކަންކަމަށް އީ.އައި.އޭ ނުވަތަ ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަންގައިދޭ ރިޕޯޓް، އެކި ގިންތީގެ އެކި ވަރުވަރުގެ އެކި ފެންވަރުގެ ބޭބޭފުޅުން އަންނަނީ ހަދަމުންނެވެ. ނަމަވެސް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހަދަމުންދާ އެކި ވަރުވަރުގެ އެކި ފެންވަރުގެ އީ.އައި.އޭ ރިޕޯޓްތަކުގައި ބުނާ އެއްޗަކާއި އެ މަޝްރޫޢުއެއް ހިންގާ އިރު އެ ބަލާ ބަޔަކު ތިބޭ ބާއޭ މިއީ ހިތަށް އަރާސުވާލެކެވެ. އީ.އައި.އޭގެ މަސައްކަތް ކުރައްވާ ބޭބޭފުޅުން އީ.އައި.އޭއެއް ހެދުމަށްފަހު، އެއިން އަތްދޮވެލާ އެ ޙަވާލުކުރަންވާ ފަރާތްތަކަށް ޙަވާލުކުރުމުން އޭގައި ލިޔެފައި އޮތް އެއްޗަކާ ދޭތެރޭ ވިސްނާބަޔަކު އުޅޭބާއޭވެސް ހިތަށް އަރައެވެ. ތެދެކެވެ. ރާއްޖޭގެ އިމްގެ ތެރޭގައި އެއްވެސް ބާވަތެއްގެ މަޝްރޫޢެއް، ހިންގުމުގެ ކުރީން އީ.އައި.އޭ ނުވަތަ ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަންގައިދޭ ރިޕޯޓް ހަދަން ޖެހޭކަމަށް ޤަވާޢިދު ބުނެއެވެ. ޤާނޫނު ވަނީ ހަދާފައެވެ.

ރާއްޖޭގައި ހިންގޭ، މަޝްރޫޢުތަކުގެެ މުޅި ޖުމްލަ ބަޖެޓްގެ ގާތްގަނޑަކަށް 10 ނުވަތަ 15 އިންސައްތަ ކަނޑަ އަޅަނީ ކޮންސަލްޓަންސީ ނުވަތަ މަޝްރޫޢަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުންކަމަށް ވާއިރު އީ.އައި.އޭ ނުވަތަ ތިމާވެއްޓަށް އަސަރު ކުރާ މިންވަރު އަންގައިދޭ ރިޕޯޓްގެ އަގު ރާއްޖޭގެ ބާޒާރުގައި 10،000 މެރިކާ ޑޮލަރަށް މިވަނީ މަތިވެފައެވެ. ފަހަރުގައި މިއީވެސް މިކަން ކުރުމަށް ކުޑައަގަކަށް ވެދާނެއެވެ. އީ.އައި.އޭ ތަކުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާގޮތުން، އީ.އައި.އޭއެއް ހެދުމަށް އަގު އުފުލިގެން ދަނީ، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލިގެންދިއުމުގެ އިތުރުންް، އެކަމަށް ކުރާ ތަޙުލީލުތަކުގެ އަގު އުފުލިގެން ދިއުމާއި ގުޅިގެންނެވެ. ދަތުރު ފަތުރުގެ ޚަރަދު އުފުލިގެން ދިއުމާއި ގުޅިގެންނެވެ. ފެނުގައި އެކުލެވޭ ތަޢައްޔަރީ އެންމެ މާއްދާއެއް ޓެސްޓުކޮށްލުމަށް 500 ރުފިޔާ ޚަރަދުކުރަން ޖެހިފައިވާއިރު، ދަތުރުފަތުރުގެ ޚަރަދު މިވަނީ އިންތިހާއަށް އުފުލިފައެވެ. ރާއްޖޭގެ ބާޒާރުގައި އީ.އައި.އޭގެ މަސައްކަތް ދިވެހި ކުންފުނިތަކުން ކުރަމުން އަންނައިރު ބަންގްލާދޭޝް، ސްރީލަންކާ، އިންޑިއާ، އަދި ކުވޭތުގެ ކުންފުނިތަކުންވެސް ވާދަވެރި މާޙައުލެއްގައި ރާއްޖޭގައި މިކަން ކުރަމުން އަންނައިރު އަގަށް ބަދަލު އައުމަކީވެސް އެކަށީގެންވާކަމެކެވެ.

އެތައްހާސް ޑޮލަރު މިކަމަށް ޚަރަދުކުރެވި ހަދަމުންދާ މި ދެންނެވި އީ.އައި.އޭ ތަކުގައި އެވިދާޅުވާ ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ނުވަތަ ހިިންގޭޭ މަޝްރޫޢުތަކުގެ ސަބަބުން އެ މާޙައުލަށް ނުވަތަ އެތަނެއްގައި ހުރި ދިރޭތަކެތީގެ ނަސްލަށް ކޮށްފާނެ އެދެވޭ އަސަރާއި ނޭދެވޭ އަސަރަކީ ކޮބައިކަން ޢިލްމީގޮތުންް ބުނެދެވިފައި ވޭބާއޭވެސް ހިތައް އަރައެވެ. އެތަނެއްގައި ހުރި ޤުދުރަތީ ވަޞީލަތް ތައް ދެމިހުރުން ނުވަތަ ނެތި ދިއުމާއި ދޭތެރޭ ވާކާލާތު ކުރެވި، މިކަންކަމަށް ރިޢާޔަށްކޮށް ރައްކާތެރި ފިޔަވަޅު އެޅުމަށް ކިހާވަރެއްގެ ލަފަޔާއި އިރުޝާދު މި ދެންނެވި އީ.އައި.އޭ ތަކުގައި ބުނެދީފައި ހުރޭބާއޭވެސް ހިތަށް އަރައެވެ.

ރާއްޖެއަށް ކުރިމަތިވި ސުނާމީއާއި ގުޅިގެން އީ.އައި.އޭގެ މޫސުމެއް ރާއްޖެއަށްވެސް މިވަނީ އައިސްފައެވެ. އީ. އައި.އޭގެ ޤަވާޢިދުތަށް ކަރުދާހުގައި މިވަނީ ވަރަށް ވަރުގަދައަށް ލިޔެވިފައެވެ. އީ.އައި.އޭއެއް ނަހަދާ ފެންވަޅެއްވެސް ބެހެއްޓޭވަރެއް ނުވެއެވެ. ގޭގެ ފުރާޅު މައްޗަށް ވެއްޓިފަ އޮންނަ ރުއް ކަނޑާ ވައްޓާލަންވެސް މިވަނީ އީ.އައި.އޭ ހަދަން ޖެހިފައެވެެ. ބޮޑު ކަންނެއްޏެއް ގޮނޑުދޮށުގައި ފަޅާލަން ޖެހުނަސް މިވަނީ އީ.އައި.އޭ ހަދަން ޖެހިފައެވެެ. ޤަވާޢިދު ބުނާގޮތުން މަޝްރޫޢުގެ ކުޑަބޮޑުމިނަށް ބަލައި އެ މަޝްރޫޢަށް ޢަމަލީ ސިފަ ގެނައުމުގެ ކުރީން އެއަށް އީ.އައި.އޭ ނުވަތަ ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަންގައިދޭ ރިޕޯޓް ހަދަން ޖަހެއެވެ. ޤަވާޢިދުގައި އެގޮތަށް ލިޔެފައި އޮތީތީ އެކަން އެބަ ކުރެއެވެ.

ރަށްރަށުގައި ހިންގާ ތަފާތު ތަރައްޤީގެ މަޝްރޫޢުތަކަށް އެކި ވަރުވަރުގެ އީ.އައި.އޭ އަންނަނީ ހެދަމުންނެވެ. ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން ވަޑާންކުރާ މީހުންނާއި ރާނާ މީހުންވެސް އަންނަނީ އީ.އައި.އޭ ހަދަމުންނެވެ. އީ.އައި.އޭ ހެދުމުގެ ޢީދެއް އައިސްގެން އުޅޭ އިރު، އީ އައި އޭ ދިރާސާކުރުމަށް، މުސާރައިގެ އިތުރުން ޖީބަށް އެއްޗެއް ވަންނަގޮތަށްް މިވަނީ ކޮމެޓީތައް ހެދިފައެވެ. މީސް މީހުން އައްޔަން ކުރެވިފައެވެ.

ދާދިފަހުން، ރާއްޖޭގެ ރަށެއްގައި ނަރުދަމާ ޤާއިމްކުރުމުގެ ގޮތުން ހަދާފައިވާ އީ.އައި.އޭ ނުވަތަ ނަރުދަމާގެ ސަބަބުން އެރަށުގެ ތިމާވެއްޓަށް އަސަރުކޮށްފާނެ މިންވަރު އަންގައިދިނުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބަލާލީމެވެ. ރިޕޯޓް ބޯވެފައި ބަރުދަނުނައި ގާތްގަނޑަކަށް 2 ކިލޯޯ ހުންނާނެކަމަށް ލަފާ ކުރެވެއެވެ. ރިޕޯޓްގެ ގަނޑުތައް ގިނަ ވެފައި ޗާޓްތަށް ގިނައެވެ. ރަށުގެ އެކި ދިމަދިމާލުން ނަގާފައި ހުރި ފޮޓޯތަށް ގިނައެވެ. ބާލާލަން ރީއްޗެވެ. ދައްކަން މިއުޅޭ ވާހަކައަކީ، ރިޕޯޓް ބައިންޑް ކުރެވިފައި ހުރިގޮތުގެ ވާހަކައެއް ނޫނެވެ. ރިޕޯޓް ޕްރިންޓްކުރެވިފައި އޮތީ ލޭޒާއިންތޯ ނޫނީ ބަބުލް ޖެޓް ޕްރިންޓަރަކުންތޯ އެއްް ނޫނެވެ. ރިޕޯޓްގައި ލިޔެފައި ހުރިއެއްޗެއްގެ ވާހަކައެވެ.

ރިޕޯޓުގެ ބޭރުގަނޑު ބާލާލުމަށްފަހު އެތެރޭގެ ސަފުޙާތަކަށް ބަލާލިއިރު، އަޅައިގަތް ތަންކޮޅަކީ، އެރިޕޯޓް ހަދަން ލިބުނު ވަގުތު ކުޑަކަމުން، އެ ރިޕޯޓަކީ ރަށުގެ މުސްކުޅިންނާއި ކަމު ވޮށިގެންވާ މީހުންގެ އަލީގައި ތައްޔާރުކުރި ރިޕޯޓެއްކަމެވެ. ވަގުތުނެތިގެން، އެފަދަ އެހެން ޕްރޮޖެކްޓްތަކަށް ނަޒަރު ހިންގުމަށްފަހު ތައްޔާރުކުރި ރިޕޯޓެއްކަމެވެ. އެ ރިޕޯޓަކީ، އެ ހުށަހަޅަން ޖެހޭ ސުންގަޑި ހަމަވާތީ، އެފަދަ އެހެން ރިޕޯޓުތަކުގައި ހުރި ތަފާސް ހިސާބުތަށް ބޭނުންކޮށްގެން ތައްޔާރު ކުރި ރިޕޯޓެއްކަމެވެ. މައްސަލައެއް ނެތެއް ނޫންތޯއެވެ. މިދެންނެވި އީ.އައި.އޭވެސް ސުންގަޑި ހަމަވުުގެ ކުރީން ވަނީ ނިމިފައެވެ. ނަރުދަމާވެސް ވަނީ އަޅަންފަށާފައެވެ.

އީ.އައި.އޭ ނުވަތަ ތިމާވެއްޓަށް އަސަރު ކުރާ މިންވަރު އަންގައިދޭ ރިޕޯޓްގެ ޙާލަތު ހުރިގޮތަކީ މިއީކަމަށްވާއިރު، މަޝްރޫޢުތަކަށް ވަކިވަކީން އީ.އައި.އޭ ހެދުމުގެ ބަދަލުގައި މުޅި ރާއްޖެއަށް އަމާޒުކުރެވިގެން ބޮޑު އެއް އީ.އައި.އޭ ހަދަން ނުވޭތޯއެވެ.

2 comments:

Anonymous said...

good article

Anonymous said...

excellent point raised by the writer, in the Maldives its useless work.there isn't anyone who cares about. in Maldives if you could give away a green leaf is more than enough.