Sunday, May 18, 2008

ރަށްރަށުގެ ނިކަމެތިކަމާއި ދިވެހިންގެ ފަގީރުކަން ބޭރުދުނިޔެއަށް ދެއްކުމަށްފަހު ދިވެހިންގެ ނަމުގައި ޔުނިސެފުން ހޯދާ އެހީ، ތަޅާބާލަމުންދާއިރު ދިވެހި ސަރުކާރުގެ އަނގައިގައި މަލަން އަޅުވާފައި

* ފެނާއި ނަރުދަމާގެ ކަންކަމަށް އެހީތެރިވުމުގައި މިހާރަކަށް އައިސް ޔުނިސެފުގެ ދައުރާއި ދޭތެރޭ ސުވާލު އުފެދޭ

ޔުނިސެފު ރާއްޖޭގައިހަރަކާތްތެރިވާން ފެށުން

1978 ގައި ޔުނިސެފު އޮފީސް ރާއްޖޭގައި ހަރަކާތްތެރިވާން ފެށިފަހުން މިހިނގާ 2008 އަށް 30 އަހަރު ފުރޭއިރު މިހާތަނަށް އެއޮފީސް ހިންގުމާއި ތަފާތު ގިނަ ބޭފުޅުން ވަނީ ޙަވާލުވެފައެވެ. ތަފާތު ގިނަ ޤައުމުތަކުގެ ބޭފުޅުން ވަނީ ޙަވާލުވެފައެވެ. ޔުނިސެފް މާލެ އޮފީސް ހިންގުމުގެ އެންމެ އިސްމީހަކަށް އެންމެ ފުރަތަމަ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވީ ޓޯމޯ މިޒޯޓާ ކިޔާ ބޭފުޅެކެވެ. ވޭތުވެ ދިޔަ 29 އަހަރުގެ ދިގު މުއްދަތުގައި އެކި މިޒާޖުގެ ތަފާތު ގިނަ ބޭބޭފުޅުން ޔުނިސެފު މާލެ އޮފީހުގެ ހެޑް އޮފް ކޮމާންޑިންގެ މަޤާމް ފުރުއްވާފައިވާއިރު، މީގެތެރޭގައި ރިޗަޑް ބްރިޑުލް،ގޯޕަލް ދުތިއާ،ޝަރަޑް ސްޕްރާ، އަޙުމަދު މުސައްނާ،ރަމޭޝް ޝްރެސްތާ،ރީނާ ގިލް، ޓޮމް ބާރގްމަން ހެރިސް ފަދަ ބޭބޭފުޅުން ހިމެނެއެވެ. މިދެންނެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭޅުންނަކީ އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ސަރުކާރާއި ގުޅިގެން ކޮންމެވެސް ވަރަކަށް މަސައްކަތްކުރެއްވި ބޭފުޅުންކޮޅެކެވެ. އެހެންނަމަވެސް މިިހާރު މި އޮފީސް ހިންގުމުގެ އެންމެ އިސް ދައުރު ނުވަތަ ހެޑް އޮފް ކޮމާންޑިންގެ މިމަޤާމް ފުރިހަމަ ކުރަމުންދަނީ ކެން މަސްކަލް ކިޔާ ބޭފުޅެކެވެ. މިބޭފުޅާއަކީ، މީގެ ކުރީގައި މިމަޤާމު ފުރިހަމަ ކުރެއްވި ގިނަ ބޭފުޅުންނާއި ވަރަށް ތަފާތު މިޒާޖެއް ލިބިވަޑައިގެން ހުންނެވި، ވަރަށް އަވަހަށް ކޯފާ އިސްކުރައްވާ، ވަރަށް ރުންކުރު، ކިބުރުވެރި، ސަރުކާރު މުއައްސަސާތަކަށް ކަމޭ ނުހިއްތަވާ، ވަރަށް ހުދުމުހުތާރު ގޮތަކަށް އޮފީސް ހިންގަވަމުން ވަޑައިގަންނަވާ ބޭފުޅެއްކަން ވަނީ ފާހަގަކުރެވިފައެވެެ.

އެހީދޭ ޖަމާޢަތްތަކުގެ ދައުރު

ޑަބްލިޔޫ.އެޗް.އޯ، ޔޫ.އެން.ޑީޕީ އަދި ޔުނިސެފު ފަދަ ޖަމާޢަތްތައް އަޅުގަނޑުމެންގެ ތެރޭގައި ހަރަކާތްތެރިވަމުންދާކަމީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެމީހަކުވެސް އުފާވާނެކަމެކެވެ. ހެޔުހިތުން އެކަން ޤަބޫލުކުރާނެ ކަމެކެވެ. ފަގީރުކަން ނައްތާލުމާއި، މީހުންގެ ޙައްގުތަކަށް ޙިމާޔަތްހޯދައިދީ އަސާސީ ވަސީލަތްތައް ޤާއިމްކޮށް ދިނުމަށް މަސައްކަތްކުރަމުންދާ މިފަދަ ޖަމާޢަތްތަކުން މި ދިވެހިރާއްޖޭގައިވެސް ހަރަކާތްތެރިވާކަމީ ދިވެހިރައްޔިތުންނަށް ލިބޭ ހިއްވަރެކެވެ. ތަރަށްޤީގެ އުސްމިންތަކަށް ވާޞިލުވުމުގައި އެހީތެރިވެވޭނެ ދޮރުތަކެކެވެ. ނަމަވެސް ހިތާމައާއިއެކު ދަންނަވަން ޖެހެނީ، މީގެތެރެއިން މަދު ޖަމްޢިއްޔާ ޖަމާޢަތްތަކުން ނޫނީ ދިވެހީންނަށް އޭގެ މަންފައާއި ލާބަ ކުރަނިވިގަތަކަށް ކަންކަން ކުރަމުންނުދާކަމެވެ. މިތަންތަން ހިންގުމަށް ޙަވާލުވެ ތިއްބެވި އެކި ވަރުވަރުގެ ވެރިންގެ ހުދުމުޚުތާރުކަން އިތުރުވަމުންދާކަމެވެ. މި ޖަމްޢިއްޔާ ޖަމާޢަތްތައް މެދުވެރިވެ ރާއްޖެއަށް ލިބޭ އެހީ ރައްޔިތުންނަށާއި ރަށްރަށުގެ ތަރައްޤީއަށް އެންމެ ފައިދާ ކުރަނިވިގޮތްގޮަތަށް ހޭދަ ނުކުރެވޭކަމެވެ.

ސުނާމީއާއި އެހީދޭ ޖަމާޢަތްތައް

2004 ގެ ޑިސެމްބަރ 26 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ދިވެހިން މިހާތަނަށް ދުށް އެންމެ ހިތާމަވެރި، އެކާރިސާއަކުން ދިވެހިންނަށާއި މުޅި ޤައުމަށް އެކި ގޮތްގޮތުން އެންމެ ގެއްލުން ދެނިވި ކާރިސާއެވެ. މިކާރިސާއާއި ގުޅިގެން ރަށްރަށުގައި ގެދޮރު ޢިމާރާތްކުރުމާއި، ސްކޫލް މަދަރުސާތައް އެޅުމާއި، ނަރުދަމާ ވަޅުލުމާއި ވާރޭފެން ރައްކާކުރުމަށް ކަޅުހަން ބެހުމާއި، ރަށްރަށުގެ ފާލަން ހެދުންފަދަ ކަންކަން އެހީދޭ ޖަމާޢައްތަކުން ދިޔައީ ކުރަމުންނެވެ. މިކަންކަމުގެ ތެރެއިން، ރަށްރަށުގެ ނަރުދަމާ ވަޅުލުމާއި ގޭގޭއަށް ކަޅުހަން ބެހުމަކީވެސް މިކާރިސާއާއި ގުޅިގެން ބޭރުގެ ހިލޭއެހީއާއި ލޯން އެހީގައި ހިންގަމުންދާ ކަންކަމަށް ވެފައި މިކަންކަމަކީވެސް ރަށްރަށުގެ ތަރައްޤީއާއި ގުޅިފައިވާ ކަންކަމަށް ވީހިނދު، ދުރުމުސްތަޤުބަލަށް އަމާޒު ކުރުމެއް ނެތި މިފަދަ މަޝްރޫޢުތައް ހިންގަމުންދާކަމީ ހިތާމަހުރިކަމެކެވެ. ސުވާލު އުފެދޭ ކަންކަމެވެ.

ފެނާއި ނަރުދަމާގެ ދާއިރާގައި ޔުނިސެފުގެ ދައުރު

މިގޮތުން މިބާލާލަނީ، ސުނާމީއާއި ގުޅިގެން ފެނާއި ނަރުދަމާގެ ކަންކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ޔުނިސެފު މިކަމުގައި ހަރަކާތްތެރިވެފައި ނުވަތަ ވަމުންދާ ގޮތުގެ މައްޗަށެވެ. ތެދެކެވެ. ޔުނިސެފަކީ ރަށްރަށުގެ ފެނާއި، ނަރުދަމާ ވަޅުލަން އައިސް އުޅޭ ބައެއްް ނޫނެވެ. ރަށްރަށުގައި ފެންވަޅު ބަހައްޓަން އައިސް އުޅޭ ބައެއް ނޫނެވެ. ރަށްރަށުގެ ފެންވަޅުތަކަށް ބޭނުންވާ ދާނި ހޯދައިދޭން އައިސްއުޅޭ ބައެއްް ނޫނެވެ. ރަށްރަށުގެ ފެންވަޅުތަކުގައި ފެން މޯޓަރު ހަރުކޮށްދީ ފެން ވަޅުތަކުގައި ފެހިކަހަން އައިސް އުޅޭ ބައެއް ނޫނެވެ. ޔުނިސެފަކީ، ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކޮށްދީ އެކުދީންނަކީ ދުޅަހެޔު ޞިއްޙަތެއްގައި ރައްކާތެރި ވެއްޓެއްގައި އުޅެ ބޮޑުވާ ކުދިބަޔަކަށް ހެދުމަށް މަސައްކަތްކުރާ އ.ދ ގެ ޖަމާޢަތެކެވެ. ކުޑަކުދީންނަށް ދުޅަހެޔު ޞިއްޙަތަކާއި ރައްކާތެރި ވެއްޓެއް ލިބިދިނުމަށް ރައްކާތެރި ބޯފެނާއި ނަރުދަމާއަކީ ވަރަށް މުހީންމު އެކަތި އެނެއްކައްޗާއި ގުޅި ލާމެހިފައިވާ ދެކަންތަކަށްވާތީ، މިކަމުގައި ޔުނިސެފުން ރާއްޖޭގެ މިދާއިރާގައިވެސްު ހަރަކާތްތެރިވަނީކަމަށް ވެދާނެއެވެެ. ނަމަވެސް، އެނގޭ އެއްޗަކީ، ޔުނިސެފު ރާއްޖޭގައި ހަރަކާތްތެރިވާން ފެށިފަހުން 29 އަހަރު ފުރި 30 އަހަރު ފުރެމުން އަންނައިރު ބޯފެނާއި ނަރުދަމާއަށް ކުރެވުނު މާބޮޑުކަމެއް ފެންނާކަށް ނެތްްކަމެވެ. މިދައްކަނީ، އެއްޒަމާނެއްގައި ފެރޯ ސިމެންތި ތާނގީކޮޅަކާއި، ހައެއްކަ ރަށުގައި ޖޫސްބޯހޮޅިހާ ހިމަ ހޮޅި ބޭނުންކޮށް، ކުޑަ ޓޮމާޓޯ ހުސްކުރި ދަޅެއްވަރުގެ މަޖުމަތީ ވަޅުބުރިއާއި އެންކަރު ކިރު ދަޅެއްވަރުގެ ސެޕްޓިކް ޓޭންކު ބޭނުންކޮށް ނަރުދަމާ ނާޅާވާހަކައެއް ނޫނެވެ. ރިވޯލްވިންގ ފަންޑްކިޔާ ފަންޑެއް ތަޢާރަފުކޮށް މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ރައްޔިތުންނަށް ކަޅުހަންކޮޅެއް ނުވިއްކާ ވާހަކައެއް ނޫނެވެ. އެއްދުވަސް ނުވަތަ ދެދުވަހުގެ ޓްރޭނިންގތަކުގައި އަވައްޓެރި ޤައުމުތަކުގެ ރޫރަލް ވިލެޖްތަކުގައި ދިރިއުޅޭ މީހުން ފާޙާނާކުރާގޮތް ބަލާލުމަށް އެތަންތަނަށްް މީހުން ނުފޮނުވާ ވާހަކައެއްނޫނެވެ. މިދައްކަނީ، ޔުނިސެފު ފަދަ ޖަމާޢަތެއް މިހާ މީސްކޮޅުމަދު ތަނެއްގައި ހަރަކާތްތެރިވާން ފެށިފަހުން 29 އަހަރު ފުރި 30 އަހަރަށް އަޅާފައިވާއިރު ރަށްރަށުގެ ނިކަމެތި ރައްޔިތުން ބޮމުންދާ ވާރޭފެނުގެސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް ސަރުކާރާއި ގުޅިގެންނަމަވެސް ނުވަތަ ނުގުޅިނަމަވެސް މިހާތަނަށް އަޅާފައި ނުވާވާހަކައެވެެ. މިދާއިރާއިން ފަންނީމީހުން ބިނާކުރުމަށް ކުރެވުނު މާބޮޑުކަމެއް ފެންނަން ނެއްވާހަކައެވެެ. ކޮންމެ ދާއިރާއަކީވެސް އެދާއިރާއަކުން ފާންނީމީހުން ތިބެގެން ކުރިއަރަމުން އަންނަ ދާއިރާއަކަށް ވީހިނދު، ފެނާއި ނަރުދަމާ މިދާއިރާއިން ތަޢުލީމުގެ ފުރުޞަތު ހޯދައިދީ މިފަންނުން މީހުން ބިނާ ކުރުންކަމަށް އެކަށީގެންވާ މަސައްކަތެއްު ޔުނިސެފުން ކޮށްފައި ނުވާވާހަކައެވެ. ސަރުކާރުގެ މުއައްސާސާތަކުގެ މީހުންގެ ކިބައިގައި ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ހިންގުމުގެ ޤާބިލުކަން ނެތްވާހަކަ އަޑުގެ ކޮޅަށް ޔުނިސެފުން ހާމަކުރަމުންދާއިރު، ޤާބިލު މީހުން އުފެއްދުމަށް ޔުނިސެފުން މާބޮޑު އެހީއެއް ވެދެއްވާފައި ނުވާވާހަކައެވެެ. މިދެންނެވި ކަންކަމީ ޔުނިސެފުން ކޮންމެހެން ކޮށްދޭންޖެހޭ ކަންކަމަށް ނުވެ ހިގައިދާނެއެވެ. ޔުނިސެފާއި ގުޅުން ހުރި އެހެން ދާއިރާތަކަށް ޔުނިސެފުން ކޮށްދެއްވާ ކަންކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ.

ޔުނިފެސު- ސުނާމީއާއިގުޅިގެން ފެނާއި ނަރުދަމާގެ ފޯކަލް ޕޮއިިންޓް

ސުނާމީކާރިސާއަށްފަހު، ފެނާއި ނަރުދަމާއަށް އެހީތެރިވުމަށް އެހީދޭ ބައެއް ޖަމާޢަތްތަކުން ވެދެއްވި ގިނަ އެހީ ޙަވާލުކުރީ ޔުނިސެފާއިކަމުން، ޔުނިސެފު ވެގެންދިޔައީ ފެނާއި ނަރުދަމާގެ ކަންކަން ކުރުމުގައި އެހީދޭ ޖަމާޢަތްތަކުގެ ފޯކަލް ޕޮއިންޓަށެވެ. ކޯޑިނޭޓަރަށެވެ. އިސްދައުރު އަދާކުރާބައެއްގެ ގޮތުގައެވެ. ނަމަވެސް ސުނާމީކާރިސާގެ އިމަރޖެންސީ ފޭސް ނިމި، އޭގެ ހަދާންތައް ފިލައިގެންގޮސް 4 އަހަރު ވެގެން ދިޔައިރުވެސް ކުރެވުނު މާގިނަކަންތައްތަކެއް ފެންނާކަށް ނެތެވެ. ސުނާމީއާއި ގުޅިގެން ސުންނާފަތިވި ބައެއް ރަށްރަށަށް ކަޅުހަންކޮޅެއް ފޮނުވުނެއްކަމަކު، އެ ހަންތައް ގޭގޭގެ ފުރާޅުތަކާއި ގުޅާލެވޭނެގޮތް ހަދާ ނުދެވުނުއިރު، ބޯފެނަކީ ޞިއްޙީގޮތުން ރައްކާތެރި އެއްޗެއްކަމަށް ހެދުމަށް، ކުރެވުނު އެއްވެސް ފެންނާކަށް ނެތެވެ. މިދާއިރާއިން ރާއްޖެއަށް ހިދުމަތްކުރުމުގެ މާތް މަޤުސަދުގައި ކޮންސަލްޓަންޓުންގެ ނަމުގައި މިފަންނުގެ އެއްވެސް ތަޖުރިބާއަކާއި ހުނަރެއް ލިބިފައި ނުވާ ވިލާތުގެ ދޮން ރާޅާއަޅާ މީހުންނާއި، ފުން ކަނޑާއި ތިލަފަޅުތަކުގައި ފީނާމީހުންނާއި، ތިލަފަޅުތަކުގައި ސްނޯކެލިންކުރާ ބޭފުޅުން ރާއްޖެގެންނަވާކަމީ ފާހަގަކުރެވޭކަމެކެވެ.

ސުނާމީއާއި ގުޅިގެން ޔުނިސެފުން އަޅާ ނަރުދަމާ

ދ.މީދޫ، ރ.އުނގޫފާރު، ފ.ނިލަންދޫ އަދި ނ.މަނަދޫ މިހަތަރު ރަށަކީ ތިމަންނާމެންނާއި ގުޅުންހުރި ރަށްރަށްކަމަށާއި މި ރަށްރަށުގައިި ނަރުދަމާ އަޅާނީ ތިމަންނާމެންނޭ ބުނެ، ''ނަރުދަމާ" މި ބަސް ފުރަތަމަ ފަހަރަށް ކަރުދާހުގައި ލިޔެވުމުގެ ކުރީން ނަރުދަމާ ނިޒާމްތަކުގައި ބޭނުންކުރާނެ އަގުބޮޑު ޓްރީމެންޓް ޔުނިޓް ނުވަތަ ޓްރީޓްމަންޓް މޮޑިއުލްސްތަކަށް އޯރޑަރު ދިން އިރު މި ނިޒާމަކީ ރަށްރަށާއި އެކަށޭނަ ހިންގާ ބެލެހެއްޓުމުގައި ރައްޔިތުންނަށް މުސީބާތަކަށް ނުވެ ހިގައިދާނެ ދެމެހެއްޓެނިވި ނިޒާމެއްތޯ ބަލާލުމެއް ނެތެވެ. މިކަމުގައި ސަރުކާރުގެ ބަހެއް ހޯދާފައެއް ނުވެއެވެ. ނަޖިސްފެން ބިމަށް ހިންދުމުން ބިމުގެ ފެންފަށަލަ ތަޢައްޔަރުވެ، ނަޖިސްފެނުން މީހުން ސަލާމަތްނުވެގެންއުޅޭ އިރު މަގުމައްޗަށާއި ގޭގޭގެ ސިޓިންގރޫމާއި އެނދު ތަންދަށަށް ނަޖިސް ފެން ހިންދުމުން ބިމުގެ ފެން ތާޒާވެ ބިމުގެ ފެން ސާފުވާނެކަމަށް ބުނެ މި ރަށްރަށުގައި މިނިޒާމް ޤާއިމްކުރުމަކީ މިކަން ކުރުމުގައި ޔުނިސެފުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުނާއި ދޭތެރޭ ސުވާލު އުފެދޭކަމެކެވެ. މިދެންނެވި ޓްރީޓްމަންޓް މޮޑިއުލްސް ގަންނަން އުޅުނުދުވަސްވަރު، މިކަމުގައި ހަރަކާތްތެރިވި ޔުނިސެފުގެ ބޭފުޅުންގެ ޢަމަލު ހުރިގޮތުން މިކަމުގައި މިބޭފުޅުންގެ ނިޔަތް ރަގަޅުނޫންކަން ދައްކުވައިދޭ ކިތަންމެކަމެއް ފެނިގެންގޮސްފައިވާކަންވެސް މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. ފެނާއި ނަރުދަމާގެ ކަންކަން ހިންގެވުމުގައި ސަރުކާރުގެ ބޮޑު ވުޒާރާއެއް ހުރިއިރު، ނަރުދަމާގެ ކަންކަން ޔުނިސެފުން ހިންގަވާ މިކަން ކޮށް ނިންމާ މީގައި ސަރުކާރުގެ ބަހަކީ ކޮބައިތޯ ބަލާފައި ނުވާއިރު، ސަރުކާރުގެ މި މުއައްސަސާ މީގައި ބައިވެރިނުކޮށް މިކަންކޮށްފައިވާކަމީ ސުވާލު އުފެދޭކަމެކެވެ. މިފަދަ ކަންކަން މުރާޖާކޮށް މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ސަރުކާރުގެ މުއައްސަސާތަކަށް ކިޔައިދީ ޕްރެސެންޓޭޝަން ދިނުމަށް ބާއްވަމުންދާ ރިވިއު މީޓިންގ ތަކަކީ އެއްވެސް ބޭނުމެއް ހިފޭ ކަމަކަށް ނުވާއިރު، ސައި ތައްޓަކުން ކަރުތެރެ ތެންމާލުން ނޫންކަމެއް ނުވެއެވެ.

ޔުނިސެފުން ހިންގާ މަޝްރޫޢުތަކުގެ ސަަބަބުން ރައްޔިތުންގެ ރުޅިވެރިކަން އިތުރުވުންް

ޔުނިސެފު މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީ ޔުނިސެފުން ތަޅާ ބާލަމުންދާއިރު ރައްޔިތުންނާއި ދިވެހި ސަރުކާރާއި ދެމެދު ރުޅިވެރިކަން އިތުރުވެ، ޔުނިސެފުން ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނާއި ސަރުކާރާއި ޖެހި، ސަރުކާރަށް ފާޑުކިޔާ ރައްޔިތުން ދަނީ އިތުރުވަމުންނެވެެ. މިފަދަ ވިޔާނުދާ ޢަމަލު ޔުނިސެފު ކަހަ ޖަމާޢަތަކުން ހިންގަމުންދާކަމީ މައްސަލައެކެވެ. މިތަން ހިންގުމާއި ޙަވާލުވެ ތިއްބެވި ވެރީންނާއި ދޭތެރޭ ސުވާލު އުފެދޭކަމެކެވެ. މިދެންނެވި ފަދަ ވިލާތުގެ ދޮން ބޭފުޅުން ގެންނަވައިގެން، މިފަދަ މަޝްރޫޢުތައް ހިންގަމުންދާއިރު ސަރުކާރުގެ އަގައިގައި ހުނަނަނީ މަލަން އަޅުވާފައެވެ.

ސަރުކާރާއި ޔުނިސެފުގެ ގުޅުން ކުޑަވުން

އ.ދ ގެ މިފަދަ ޖަމާޢަތްތަކަކީ، އެ ހަރަކާތްތެރިވަމުންދާ ޤައުމެއްގެ ސަރުކާރާއި ގުޅިގެން ސަރުކާރުން އިސްކަންދޭ ކަންކަމަށް އަޙުމިއްޔަތު ދީގެން، ހަރަކާތްތެރިވާ ޖަމާޢަތްތަކަށް ވިއަސް، ރާއްޖޭގައި ޔުނިސެފު މިފަހަކަށް އައިސް ހަރަކާތްތެރިވަމުން އަންނަނީ މިދެންނެވި ގޮތުގެ މަތިންކަމަށް ދެންނެވޭކަށް ނެތެވެ. ޔުނިސެފުން ކަންކަން ނިންމަމުން ގެންދަނީ ޔުނިސެފަށް ފެންނަގޮތަށެވެ. ކުރަންމުންދަނީ ޔުނިސެފަށް ފެންނަ ކަންކަމެވެ. ސަރުކާރަށް މަޖުބޫރުކުރުވައިގެން ގަންނަން އޯރޑަރު ކުރަނީ ޔުނިސެފަށް ފެންނަ އެއްޗެކެވެ. ހިންގަނީ ޔުނިސެފަށް ފެންނަ މަޝްރޫޢުތަކެވެ. އާދައިގެ ފެން އިސްކުރު ލިބެން ރާއްޖޭގައި ހުނަނައިރު އެ ގަންނަން އޯރޑަރ ދެނީ ޑެންމާރކު ފަދަ ޤައުމުތަކަށެވެ. ދިޔަދޮއި ލިބެން ރާއްޖޭގައި ހުރިއިރު ދިޔަދޮއި ގަންނަނީ މެލޭޝިއާ ފަދަ ޤައުމުތަކުންނެވެ. ފެން ޕްލާންޓު ތަކާއި އޭގެ ތަފާތު ގިނަ ސްޕެއާރތައް ރާއްޖެއިން ލިބެން ހުރިއިރު، މި އެއްޗެހި ގަންނަން އޯރޑަރު ދެވެނީ އިޒުރޭލަށެވެ. އެއް އިންޗީގެ މޮހޮރުކޮޅެއް ބޭނުންވެއްޖެންޏާ މޮހޮރުކޮޅު ގަންނަން އޯރޑަރު ދެވެނީ ޖަރުމަނަށެވެ. ފަހަރެއްގައި، މިއީ މިކަންކުރުމަށް ޔުނިސެފުގައި ކަޑައެޅިފައި އޮންނަގޮތްކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.

ސަރުކާރުގެ މުއައްސަސާތަކުން ޔުނިސެފަށް ހުށަހަޅާ ޕްލޭންތައް ފޭލްކޮށްލުންް

ސަރުކާރާއި ގުޅިގެން ކޮންމެ ދެއަހަރަކަށް މަޝްރޫޢުތަކުގެ ޕްލޭންތައް ހެދުމަށް ސަރުކާރާއި ގުޅުންހުރި މުއައްސަސާތަކަށް އެންގުމަށްފަހު، އެ މުއައްސަސާތަކުން ހުށަހަޅާ އެއްވެސްކަމެއް ކުރުމަށް ޔުނިސެފަށް ފެންނަވަރެއް ނުވެއެވެ. ސަރުކާރުން ހުށަހަޅާކަންކަމަކީ ޔުނިސެފު މާލެ އޮފީސް ހިންގުމުގައި އިސްކޮށް ތިއްބަވާވެރީން ހިއްޕުޅާވާ ކަންކަމަށް ނުވެއެވެ. ސަރުކާރަށް ބޭނުންވަނީ، މީހުން ތަމްރީނުކުރުމަށް ނުވަތަ ލިބިފައިވާ ފެންތާގީތަކަށް ފެންނެގޭނެގޮތް ހެދުމަށް ނުވަތަ ރައްދަކަ އަވީގައި ރަށްރަށުގެ ގޮނޑުދޮށުގައި ހުރި ފެން ޕްލާންޓްތަކުން ފެން ލިބޭނެގޮތް ހެދުން ކަމަށް ވަންޏާ ޔުނިސެފަަށް ބޭނުންވަނީ ބޮލުގައި އަޅާ ތޮފިކޮޅެއް ގަންނާށެވެ، ނުވަތަ ބޭރުގައި އިގިރޭސިބަހުން ލިޔެފައިވާ ޓީޝާޓްކޮޅެއް ޕްރިންޓްކޮށްލާށެވެ. ނުވަތަ ލިވް އެންޑް ލާރނިގްކަހަލަ ތަނެއްދޮރެއް ނޭގޭ ބަޔަކާއި ގުޅިގެން ކައިގެން އަތްދޮންނާނެގޮތުގެ ވޯކްޝޮޕެއް ނުވަތަ ޕޯސްޓަރުކޮޅެއް ޕްރިންޓްކޮށްލުމަށެވެ.

ޑިޕާޓްމަންޓް އޮފް އެކްސްޓާރނަލް ރިސޯސް (ޑީ.އީ.އާރު) ނުކުޅެދިފައި

ސަރުކާރުން ހުށަހަޅާ ކަންކަމުގައި ރަތްކުލައިން ރޮނގު ދަމާލުމަށްފަހު، ޔުނިސެފުން ބޭނުންކަންކަން ހިމަނައިގެން ސަރުކާރުގެ މުއައްސަސާތަކުން މަޖުބޫރުކުރުވައިގެން އާނބަސްހޯދުމުން ދާކަމީ، ސަރުކާރުގައި މިކަމުގައި ހަރަކާތްތެރިވާ މުއައްސާސާތަކުގެ ޤާބިލުކަމާއި ދޭތެރޭ ސުވާލު އުފެދޭކަމެކެވެ. ޚާއްޞަކޮށް މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް ދަށުގައި ހިނގަމުންދާ ޑިޕާޓްމަންޓް އޮފް އެކްސްޓާރނަލް ރިސޯސް (ޑީ.އީ.އާރު) ފާހަގަކުރެވެއެވެ. ޑީ.އީ.އާރަކީ މިކަމުގައި މިފަދަ ޖަމްޢިއްޔާ ޖަމާޢަތްކަތާއި ދިވެހި ދައުލަތުގެ މުއައްސަސާތަކާއި ދެމެދު މެދުވެރިއެއްގެ ރޯލް އަދާކުރަމުން ދާ ބަޔަކަށް ވާއިރު، ޑީ.އީ.އާރަށް މިކަން ނުވާކަމީ މިތަނާއި ޙަވާލުވެ ތިއްބެވި ވެރީންގެ ޤާބިލުކަމާއި ދޭތެރޭ ސުވާލު އުފެދޭކަމެކެވެ. ވެރީންގެ ނާޤާބިލުކަން ހާމަވެގެންދާކަމެކެވެ. ޔުނިސެފު ފަދަ ޖަމާޢަތަކުގެ ޢަމަލު މިދެންނެވިފަދަގޮތަކަށް ބައްޓަންވެގެން މިދަނީ މިކަންކަން ޙައްލުކުރުމަށް މިފަދަ ޖަމާޢަތްތަކާއި ގުޅުންހުރި ސަރުކާރު މުއައްސަސާތަކުގައި ޒިންމާދާރު ވެރީން ނެތުމުންކަން ދަންނަވަން ޖެހެއެވެ.

މިފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މިބާވަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ގާތުން ބެލުމަށާއި މިހާރަށް ވުރެ ހަރުދަނާ ވުމަށް ޑީ.އީ.އާރަށާއި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒަށް ގޮވާލުމާއެކު، ޔުނިސެފު ފަދަ ޖަމްޢިއްޔާ ޖަމާޢަތްކުން މިފަދަ ޢަމަލު ނުހިންގުމައްވެސް ގޮވާލަމެވެ.

3 comments:

Anonymous said...

This is one of the best articles i have seen and contains facts that so far has not been revealed to the public. the UN system in Maldives is very corropt even its not know to the public. there is no one monitoring what they are doing here. actually what they do is get funds from differnet agenices promoting the poor and volunarable people of Maldives and spend that, when recives on their own agenda, not for the interset of Maldivies. the current inchare of UNICEF is an errogent, racist guy with no respect to any human being except him self. i want add the following as what he do here
- spending money on their travelling to international forums and even for vacations on spending public money;
- direct contact with the islanders and tell them that goverment is not doing anything for them;
- not to give priority for activities of implimenting agencies proposals/goverment;
- act against religous and cultural values of Maldives i.e work on fridays and even at prayertimes of friday, prohpet's birthday, official holidays of the goverment and even at Eid Holidays;
- award projects to peple whom who have contacts;
- policy for not hiring Maldivians on UNICEF jobs except clearcks;
- Politicize, UNICEF activites
so many other things
- Anit-UNICEF

Anonymous said...

thats very true, UNICEF Maldives is very corropt place and they are perhaps the most corropt UN office in the whole world. The head of mission is doing everything against the procedures and protocols of UNICEF. he is hiring low class, uneducated international personnel for the jobs and even his friends. I think it is also important to mention that, the foreigners who works for UNICEF Male' takes money/allowonces shown and after giving information that they are living with the family in Male. what they do is they bring some family members for one month and when they starts getting the allowances they send them back home, but still there is no one to check. The HR official who came from India did the same. I think, this is because the goverment body who is responsilbe to look after UNICEF doesnt care about these issues. This article is really good.
= Tom =

Anonymous said...

ޔުނިސެފަކީ މިޤަވްމުގެ ރައްޔިތުންނަމުގައި ފައިސާ ހޯދައިގެން އދ.ގެ ހުރިހާ ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް މަސައްކަތް ކުރާ ބައެއް. މިބައިމީހުން ކުރާމިފަދަ ނޭއްގާނީ ކަންތައް ހުއްޓުވުމަށް ފޮރިން މިނިސްޓްރިއަށް ގޮވާލަން. އަދި މިތަނުގެ އިސްމީހަކަށް ހުރި ނަގޫބަޅު ރާއްޖެއިން ޑިޕޯޓް ކުރުމަށްވެސް ވަރަށް އިބްތިހާލުވެހުރި، ކަރުސަތީ ގޮތަކަށް އެދެން. މިކަމުގައި ފޮރިން މިނިސްޓްރީ ވެސް ކުއްވެރިކުރަން
ޖަންބޭ