ކުޅުދުއްފުށީގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ކަންތައްތައް ޗޮކުން ދަނީ (ފުރަތަމަ ބައި)
* ބޯފެނާއި ނަރުދަމާ ނިޒާމްތަކަކީ ދެމެހެއްޓެނިވި ނިޒާމްތަކަކަށް ވެގެން މެނުވީ އޭގެ މަންފާ ރައްޔިތުންނަށް ނުކުރާނެ ނިޒާމްތަކަށް ވީހިނދު، ރަށްރަށުގައި ޤާއިމް ކުރެވެމުންދާ ބޯފެނާއި ނަރުދަމާ ނިޒާމްތަކުގެ ފަރުމާ ރަގަޅުކޮށް މަސައްކަތުގެ ފެންވަރު ރަގަޅު ކުރަން ޖެހިފައި
ނަރުދަމާ މިނިސްޓްރީގައި ބޯފެނާއި ނަރުދަމާގެ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ، ފަންނީ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިނުވާ ބައެއްގެ ޚުދުމުހުތާރު ޢަމަލުތަކުގެ ސަބަބުން، ލޯނާއި ހިލޭއެހީގައި ރާއްޖޭގެ ރަށްރަށުގައި ޤާއިމްކުރެވެމުންދާ ނަރުދަމާ ނިޒާމްތަކުގެ މަސައްކަތްް ޗޮކުންގޮސް، ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މިމުހިންމު މަސައްކަތް ބޮއްސުން ލައިގެން ދާކަމުގެ ވާހަކަ މި ބޮލޮގު މެދުވެރިކޮށް ކިއުންތެރިންނަށް އެކި ފަހަރުމަތީން ވާނީ ގެނެސްދީފައެވެ.
މިފަހަރު މިބަލާލަނީ އިހަށް ދުވަހު ނަރުދަމާ ވަޒީރު އަޙުމަދު ޢަބްދﷲއަށް، ހދ.ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވި ހާދިސާގެ މައްޗަށެވެ. އިވެމުންދާ އަޑުތަކަށް ބަލާއިރު، ހިނގާދިޔަ މިދެންނެވި ޙާދިސާ ހިނގާފައިވަނީ އެރަށުގައި ޤާއިމްކުރުމަށް ސަރުކާރުން ވަޢުދުވަމުން އަންނަ ނަރުދަމާގެ މަސައްކަތާއި ބެހޭގޮތުން އެރަށު ރައްޔިތުން ވަޒީރާއި ކުރިމަތި ކުރި ސުވާލުތަކަށް ވަޒީރަށް ޖަވާބުދާރީ ނުވެވުމުގެ ސަބަބުންނެވެ. ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް ބުނެދިނުމަށް ޢުޒުރުވެރި ވީހިނދު، ނަރުދަމާގެ މަސައްކަތް ގޮސްފައިވާ ހިސާބު ބުނެދޭން ނޭގުމުގެ ސަބަބުންނެވެ.
ވާނީވެސް އެހެންތާއެވެ. ރަށްރަށުގެ ފެނާއި ނަރުދަމާގެ ކަންކަން ވިލަރެސްކޮށް ހިންގުމަށް ނަރުދަމާ މިނިސްޓްރީއަށް ނުގަތާވަރަށް ނައިބުންނާއި، ޑިރެކްޓަރ ޖެނެރަލުންނާއި އެގްޒެކެޓިވް ޑިރެކްޓަރުންނާއި އެގްޒަކަޓިވް ޑިރެކްޓަރ ޖެނެރަލުން ބަތްފެން ގަނޑެހެން މިނިސްޓްރީތެރޭގައި ތިބިއިރު މިނިވަންކަމާއިއެކު ޒިންމާ އުފުލާ، ކަންކަމަށް ޖަވާބުދާރީވެ، ފެނާއި ނަރުދަމާ މަޝްރޫޢުތަކަށް ހަލުއިކަމެއް ގެންނަން މަސައްކަތްކުރާ އެކަކުވެސް ނެތެވެ. ނަރުދަމާ މަޝްރޫޢުތަކަށް ވާނުވާ އެގޭ އެކަކުވެސް ނެތެވެ.
މިދެންނެވި ބައިގަނޑު މިނިސްޓްރީގެ ފިނިކުރި ކޮޓަރިތަކުގައި ބޮޑު މުސާރަ ނަގައިގެން ތިބެ ރަށްރަށުގެ ރައްޔިތުން ކުރިމައްޗަށް ވަޒީރު ގިނިކަންޏާ ނެރެ، ރައްޔިތުން ލައްވާ ވަޒީރުބޮލަށް ވެލި ޖަހާ، ހަށިކޮޅަށް ސިގިރޭޓް ބުރި ނިއްވާ، ކުރިފުޅުމަތީގައި ރައްޔިތުން ހަޅޭއްލަވާއިރު، ހެވިފައި އެއާރކޯންގެ ފިނިހޫނުމިން ހެޔުވަރު ކޮށްލަކޮށްލާ ކޮޓަރިތަކުގައި ތިބެން ލަދެއް ނުގަނޭތޯއެވެ. ވަޒީރު ރަށުތެރޭގައި ގަންހިންގަމުންގޮސް ކަނޑު އޮޅިން ބޭރުކުރާއިރުު، މިނިސްޓްރީގެ ކޮޓަރި ތަކުގައި ކޮމްޕިއުޓަރުން ސޮލިޓަޔާރ(ތާސް) ކުޅެން ނުވަތަ ދިވެހިބަހުން ލިޔެފައިވާ ސިޓީއެއްގެ ފިއްޔެގެ ހިފައިގެން ދަަމާލަދަމާލަ ތިބެން ލަދެއްް ނުގަނޭތޯއެވެ.
މަތިންދާބޯޓުފަހަރު އެހެލުމާއި ފެހިކެހުމުގެ އިތުރުން ރަންވޭގައި ބޮލާކި އުގުޅުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނާއި، އަތޮޅުވެރިކަން ކުރުމުގައި ޗޮކްލެޓީ ތަޖުރިބާތަކެއް ލިބިފައިވާ ބޭފުޅުންނާއި، ވިލާތުގެ ހަށިގަނޑު ރަގަޅު ދޮން ފިރިހެން ބޭފުޅުންނާއިއެކު ފެންވަޅު ޓެސްޓުކުރުމުގެ ތަޖުރިބާ ލިބިފައިވާ ބޭކަނބަލުންނާއި ރަށްރަށުގެ ފެން ފަށަލަ ފޮޓޯނެގުމުގެ ތަޖުރިބާ ކުރަމުން އަންނަ ޑަކްޓަރުންގެ އިތުރުން އެތައް އެތައް ކަތީބުންނެއް ހިމެނޭ މިދެންނެވި ބައިގަނޑު ދެކޭގޮތުގައި ނަރުދަމާ މިނިސްޓްރީއަކީ މިބައިގަނޑުގެ އަމިއްލަ ގެދޮރެވެ. ތަނުގެ ތެރޭގައި ހުރީ މިވެރިންގެ ތަރިކަ މުދަލެވެ. ނަރުދަމާ ޑިޒައިން ކޮންޓްރޯލަރުގެ ނެވިކަމުގައި، ރަށްރަށަށް ޑިޒައިން ކުރާ ނަރުދަމާތަކުގެ މައިހޮޅީގެ ތެރެއިން ފަސް ނަމްބަރުގެ ކަންވާރެއްވެސް ދަމާނުލެވޭހާ ހިމަ ހޮޅި ބޭނުންކޮށް، ސެޕްޓިކްޓޭންކާއި ނަޖިސް ގަށާ މެށިން ފަދަ ސާމާނު ބޮޑުއަގުގައި ކޮންސަލްޓަންޓުންނާއި ގުޅިގެން ގަންނަމުންދާއިރު، އެކަމާއި ދެކޮޅަށް އަޑު އުފުލާ މީހުން މިނިސްޓްރީއިން ބޭރުކޮށް އެމީހުންގެ އަގު ވައްޓާލުމަށް މި ބައިގަނޑު މަސައްކަތް ކުރަމުން އަންނައިރު ބޮޑު މުސާރަ ކައިގެން މިނިސްޓްރީތެރޭގައި ކޮރުކަލި އެނބުރޭހެން އެނބުރެން ލަދެއް ނުގަނޭތޯއެވެ.
ފެނާއި ނަރުދަމާގެ ކަންކަން ރެގިއުލޭޓްކުރަން ހުރި އެމް.ޑަބްލިޔޫ.އެސް.އޭ އަކީ ސިޔާސީ ޕާޓީއެއްގެ މާލެ އޮފީސްކަމަށްވެފައިވާއިރު، ފެނާއި ނަރުދަމާގެ ރެގިއުލޭޓަރުގެ ޙައިޞިއްޔަތުން އެތަނުގައި އިން ޑަކްޓަރު ކުރާ އެއްވެސްކަމެއް ނުފެނެއެވެ. ރަށްރަށުގައި ހޮޅި ވަޅުލާއިރު މައިހޮޅީގެ ބަދަލުގައި ވަޅުލަނީ މަގުމަތީގައި ދަމަން ގެންގުޅޭ ރޯނުކަމެއް ނޫނީ ކޯރުކޮންނަން ގެންގުޅޭ އުދަލިކަމެއް ރެގިއުލޭޓަރަކަށް ނޭގެއެވެ. މަގުމަތީގައި ބަހައްޓާ ޖަންކްޝަންގެ ބަދަލުގައި ބަހައްޓަނީ ފޫގޮސްފައިހުރި 10 ލީޓަރުގެ ބާލިދީއެއްކަމެއް ނުވަތަ ރީނދޫ ހަންބުރިއެއްކަމެއް ރެގިއުލޭޓަރަކަށް ނޭގެއެވެ. އެނގޭނީ ނަރުދަމާ ވަޅުލާ ރަށްރަށަށް ގޮސްގެން ކަމަށްވާއިރު، ނަރުދަމާ ނިޒާމްގެ މަސައްކަތް ހިނގާ އެއްވެސް ރަށަކަށް ރެގިއުލާޓަރު ގޮސްފައެއް ނުވެއެވެ. މިތަނަކީ ބާރުކަނޑުވާފައި ހުންނަ މުވައްސަސާއެއްކަމުން، މިއިން ކަމެއް ބެލޭނެ ޤާބިލުކަމެއްވެސް މިތަނުގައި ޤާއިމްވެފައެއް ނުހުރެއެވެ. ތިމަންނާ މީ ތިމާވެށި ބޮއިގެން ހުރި މާމޮޅު ޕްރޮފެސަރެއްކަމަށް އެހެން މީހުންނަށް ދައްކުމާއެކު މެޑަލިޖަހާ، ރަށްރަށް ބުރިކުރުމަށް ލަފާދީ، ރަށްރަށުގެ ފެންފަށަލަ ރޯލް ފިއްސަކުން ކުރަހަމުންދާއިރު، ތިމަންނާގެ ޒިންމާއަކީ ކޮބައިކަން އެނގޭތޯއެވެ.
ނަރުދަމާ މިނިސްޓްރީގައިި މި ބައިގަނޑުގެ ދަށުން މަސައްކަތްކުރަމުން އަންނަ، މާދަމާވެސް މިނިސްޓްރީ ނަގާ ކޮޅައްޖަހަން ތިބި އުންމީދުން ފުރިގެންވާ ޒުވާނުންނަކީ މި ބައިގަނޑުގެ ކުރިމަތީގައި އެއްވެސް ބައެއް ނޫނެވެ. އެ ކުދީން ލިޔެގެން ގެންނަ ސިޓީގައި ފިއްޔެއް މަދުވިޔަސް ސިޓީއިން މޫނުމަތީގައި ވިއްލާލުމަށްފަހު އެކުދީންނަށް ހަޑިހުތުރުބަހުން ބަވާ، އޮފީހުން ވަކިކޮށްލާނެކަމުގެ އިންޒާރު ދީ، އެ ކުދީން ރޮއްވަމުންދާއިރު ލަދެއް ނުގަނޭތޯއެވެ.
މިދާއިރާގައި ތަޖުރިބާހުރި އެތައް ޒުވާނުންނެއް ތަނުން ބޭރުކޮށް، އަނެއްބައި މީހުން ތަނުގެ ތެރޭގައި އެހެލާފައި އެއްވެސް ކުރިއެރުމެއް ނުދީ، މި ބައިގަނޑު ހިތުހުރިގޮތަށް ކަންތައް ކުރަމުންއަންނައިރު ރަށްރަށުގައި ޤާއިމް ކުރެވޭ ނަރުދަމާ ނިޒާމްތަކުގެ ފަރުމާރަގަޅުކޮށް ޤާއިމްކުރެވޭ ނަރުދަމާތަކުގެ ފެންވަރު ރަގަޅުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ކުޅުދުއްފުށީ ނަރުދަމާގެ ފެށުން
ރަށްރަށުގެ ނަރުދަމާގެ މަސައްކަތްތައް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުން އައިދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް އާއިރުވެސް ނަރުދަމާ އަޅަން ޖެހޭ ރަށެއްގެ ގޮތުގައި ފާހަނގަކޮށް މިވެރިން ގެންގުޅޭ ނަރުދަމާ ދަފުތަރުގައިި ކުޅުދުއްފުށީގެެ ނަން ވެސް ކުލަގަދަކޮށް ލިޔެފައި އަބަދުވެސް އޮވެއެވެ. ކުޅުދުއްފުއްޓަކީ ސަރަޙައްދީ ތަރައްޤީގެ ފޯކަލް ޕޮއިންޓެއްކަމަށާއި ތަރައްޤީގެ އުސްމިންތަކަށް ގެންނަންޖެހޭ ރަށެއްކަމަށް ބުނެ، ޕްލޭނިން މިނިސްޓްރީގެ މާލިމީކަމުގެ ދަށުން އޭ.ޑީ.ބީ ލޯން އެހީގައި ކުޅުދުއްފުށީގެެ 60 ގެއެއް ހިމެނޭގޮތަށް ރަށުގެ ވަކި ހިސާބެއްގައި، އަޖުމަ ބެލުމުގެ ގޮތުން 2002 އިން 2003 އަށް ނަމޫނާ ނަރުދަމާއެއް ވަނީ ޤާއިމްކޮށްފައެވެ.
ނަމޫނާ ނަރުދަމާ ފޭލްވުން
ރާއްޖޭގެ ރަށްރަށަކީ ލޯން އެހީދޭ ބޭންކުތަކާއި އެހީދޭ ޖަމާޢަތްތަކުން އަޖުމަ ބެލުމުގެ ގޮތުން ނަރުދަމާއާއި ގުޅޭ އެކިއެކި ތަޙުލީލުތައް ކުރަމުންއަންނަ ރަށްރަށްކަމުން، ކުޅުދުއްފުށީގައި ޤާއިމްކުރި މިދެންނެވި ނަރުދަމާ ނިޒާމަކީވެސް އޭ.ޑީ.ބީ ގެ ލޯން އެހީގައި ޕްލޭނިންގ މިނިސްޓްރީއިން އޭރު ހާވާފައި ހުރި ހަޑިއެވެ. ކުރި ތަޙުލީލެކެވެެ. މި ދެންނެވި ނަރުދަމާ ނިޒާމްް ޤާއިމްކޮށް ނިމި ރައްޔިތުންނާއި ޙަވާލުކުރިތާ މަސްދުވަސް ނުވަނީސް، ނަރުދަމާ ނިޒާމް ޗޮކުންގޮސް، މިނިޒާމުގެ ހޮޅިތަށް ވަނީ ބެދިފައެވެ. މަގުމަތީގައި ބެހެއްޓި ޖަންކްޝަންތައް ފުރި މަގުމައްޗަށް ބަންޑުންވެ އެއިން ފެން ހިނގާގޮތެއް ނުވިއެވެ. ނަޖިސް ޓްރީޓްކުރަން ހަދާފައި ހުރި ތަންތަން (ޓްރީޓްމަންޓް ބެޑް) ބެދި ނަޖިސް ޖަމާކުރަން ހުރި މައި ވަޅުގަނޑު ފުރި ވަނީ ބަންޑުންވެފައެވެެ. މިހިސާބަށް މިކަން ދިއުމުން، މިނިޒާމުގެ މައި ހޮޅިއާއި ގުޅާލެވުނު ގެތަކުގެ ތެރެއިން ވަރަށް ގިނަ ގޭގޭގެ ފާޙާނާ، މިނިޒާމުން ވަކިކޮށް، އިހުވެސް ވަޅުބުޑަށް ނަޖިސްފެން ހިންދަމުން އައިގޮތަށް އެނބުރި ވަނީ ރުޖޫޢަވެފައެވެ. ނަރުދަމާއެއް ޤާއިމްކުރުމުގެ ބޭނުމަކީ، ގޭގައި އުފެދޭ ނަޖިހާއި ނަޖިސްފެން ފަސޭހައިން ގެއިން ބޭރުކޮށް، ރައްކާތެރިކަމާއެކު ނައްތާލުން ކަމަށްވީހިނދު، ކުޅުދުއްފުށީގައި ޤާއިމް ކުރި މިދެންނެވި ނަރުދަމާ ވެގެން ދިޔައީ އެރަށުގެ ރައްޔިތުންނަށް ކުރިމަތިވި މުޞީބާތަކަށެވެ.
މިދެންނެވި ނަރުދަމާ ނިޒާމްް ފޭލް ނުވާކަން ދެއްކުމަށް ޓަކައި، މިމަސައްކަތް ކުރި ނިއުޒީލޭންޑުގެ ދޮން މީހުން އާ ކޮންޓްރެކްޓެއްގެ ދަށުން ދެވަނަފަހަރަށް ރާއްޖެ ގެނެސް، އޭޑީ.ބީ އާއި ގުޅިގެން ޕްލޭނިން މިނިސްޓްރީއިން ކުރި ދިރާސާތަކުގެ ރިޕޯޓް އެހެރީ ފެންނާށެވެ. މީގެ އިތުރުން ނަޖިހާއި ބެހޭ މިނިސްޓްރީގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވަރަށް ޤާބިލު އެހެނަސް އެހެލާފައި ތިއްބެވި ދެ ބޭފުޅަކު ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ މިދެންނެވި ނަރުދަމާއާއި ބެހޭގޮތުން ތައްޔާރުކުރައްވާފައިވާ ރިޕޯޓުންވެސް އެހެރީ ފެންނާށެވެ.
މިނިޒާމްގެ ކަންތައްތައް ހުރި ގޮތަކީ މިއީ ކަމަށްވާއިރު، ކޮންމެ ހަފުތާއަކު މުޅި ނިޒާމްގެ ހުރިހާ ހޮޅިތަށް ހައި ޕްރެޝަރުގައި ފެންޖަހާ ލޮނުފެނުން ދޮވެ ސާފުކުރުމަށާއި މިނިޒާމްގެ ޓްރީޓްމަންޓް ބެޑްތަކުގައި ބޭނުންކޮށްފައި ހުރި ހޮޅިތަކުގެ ހިމަ ލޯވަޅުތައް ދައްކޮޓާ އިލޮށި ނުވަތަ އަފުނޯސް ކައްޓެއް ބޭނުންކޮށް އެއިން ފެންހިނގާގޮތް ހެދުން ފަދަ ކަންކަމަށް ޕްލޭނިންގ މިނިސްޓްރީއިން ގެންނެވި ދޮން ކޮންސަލްޓަންޓް ލަފާދީފައިވައިރު، ނަރުދަމާ ނިޒާމެއް ހިންގުމަށް މިއީ އިންސާނުންނަށް ކުޅަދާނަކެމެއްތޯއެވެ. މައްސަލައެއް ނެތެއް ނުންތޯއެވެ. ކުޅުދުއްފުށީ ރައްޔިތުން މަންފާއެއް ނުކުރިއަސް ކޮންސަލްޓަންޓުގެ ބިލްތަކަށް ވަނީ ފައިސާ ދެވިފައެވެ. ދެންވެސް ޕްލޭނިންގ މިނިސްޓްރީއިން ބުނަމުންދިޔައީ ކުޅުދުއްފުއްޓަކީ ތަރައްޤީގެ ފޯކަލް ޕޮއިންޓެއްކަމަށާއި، ފަހުން ރަގަޅުވާނެކަމަށެވެ.
ސުނާމީ އާއި ކުޅުދުއްފުށީ ނަރުދަމާ
2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީއާއި ގުޅިގެން ކުޅުދުއްފުށީގެ ނަރުދަމާ ރަގަޅުކުރުމުގެ ގޮތުން ޕްލޭނިންގ މިނިސްޓްރީއާއި އޭ.ޑީ.ބީ މަސައްކަތްކުރީ، ލޯން އެހީގައި ކުޅުދުއްފުށީގައި ޤާއިމްކޮށް ފޭލްވެފައިވާ މިދެންނެވި ނަރުދަމާ އެކްސްޕޭންޑުކުރުމުގެ ސަކަރާތެއް ޖެހުމަށެވެ. އޭ.ޑީ.ބީ އިން ތަތިޔާނާ ކިޔާ ދޮން އަންހެނަކު ކޮންމެ ހަފުތާ ބަންދަށް ރާއްޖެ އައިސް ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ޖެހި ސަކަރާތް އަލުން ތަކުރާރު ވިޔަ ނުދިނުމަށް ނަރުދަމާ މިނިސްޓްރީގައި ހަރަކާތްތެރިވަމުންދިޔަ ބައެއް ބޭފުޅުން މިކަމާއި ދެކޮޅަށް އަޑު އުފުލާ، އޭ.ޑީ.ބީއިން ތަކުރާރުކުރަން އުޅުނު ކަންތައްތައް ވަނީ ފޭލްކޮށްލާފައެވެ. އޭރުވެސް ޕްލޭނިންގ މިނިސްޓްރީގައި މިކަމުގައި ހަރަކާތްތެރިވަމުންދިޔައީ ދެމޭ ރަބަރުކަހަލަަ ރަނޑު ސޮރުންތަކެއް ކަމުން މިސޮރުމެން ސުނާމީއަށްފަހުވެސްް މަސައްކަތްކުރީ ހަފުތާ ބަންދަަށް އޭ.ޑީބީއިން ރާއްޖެ އަންނަ މިދެންނެވި ދޮން ތަތިޔާނާ ބުނިގޮތަކަށް، ގުދަށް ތިބެ ލިބެން ހުރި ލާރި ސެޕްޓިކް ޓޭންކާއި ނަޖިސް ގަށާ މެޝިން ފަދަ ސާމާން ގަނެ ތަޅާ ސުންނާފަތި ކޮށްލުމަށެވެ.
އޭ.ޑީ.ބީ ގެ އެހީގައި ނަރުދަމާ ފަރުމާކުރުންް
އޭ.ޑީ.ބީ އާއި ޕްލޭނިންގ މިނިސްޓްރީ އިން ކުޅުދުއްފުށީގައި ތަކުރާރު ކުރަން އުޅުނު ކަންކަމާއި ދެކޮޅަށް ނަރުދަމާ މިނިސްޓްރީގެ ބައެއް ބޭފުޅުން އަޑު އުފުލުމާއި ގުޅިގެން، އޭ.ޑީ.ބީގެ ރާގު ބަދަލުވެ، ކުޅުދުއްފުށީގައި ރަގަޅުފެންވަރުގެ ނަރުދަމާއެއް ޤާއިމް ކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުމަށް އޭ.ޑީ.ބީއިން އެއްބަސްވިއިރު، ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް (ކުޅުދުއްފުށީގެ މަގުތަކުގައި ނަރުދަމާ ވަޅުލުމުގެ މަސައްކަތް) ދިވެހި ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން އޭ.ޑީބީއަށްވަނީ ދެވިފައެވެ. ނަމަވެސް، ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތް 2007 ޑިސެމްބަރު ހާތަނުގައި ނިމިފައިވާ އިރު، މިނިޒާމް ކުޅުދުއްފުށީގެ މަގުތަކުގައި ވަޅުލުމަށް ބޭނުންވާ ފައިސާ ލިބޭނެގޮތް ނުވާކަމީ ސުވާލު އުފެދޭކަމެކެވެ.
ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ޙަރަދުކުރެވިގެން ފަރުމާކުރެވިފައިވާ ޑިޒައިން ނިމި ނަރުދަމާ މިނިސްޓްރީގެ ޑިޒައިން ކޮންޓްރޯލަރުގެ މޭޒުމަތީގައި މީރުކުރަން ދާދިފަހަކާ ޖެހެންދެން ބޭއްވުމަށްފަހު މިހާރު ވަނީ ޓެންޑާރބޯޑަށް ހުށަހެޅިފައެވެ. ޑިޒައިން ކޮންޓްރޯލަރާއި ކޮންޓްރޯލަރުގެ އެހީތެރިން ދެކޭގޮތުގައި މިބާވަތުގެ ޑޮކިއުމެންޓް ނަރުދަމާ މިނިސްޓްރީއިން ބޭރުކުރީމަ ނަރުދަމާ ވަޅުލެވުނީއެވެ. ނަރުދަމާ ޤާއިމް ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަވީއެވެ. (ނުނިމޭ)