އިސްކޫލުތަކުގައި ދަރިވަރުންނަށް ސާފު ރައްކާތެރި ބޯފެން ފޯރުކޮށް ދިނުމަށް ނުކުޅެދިފައި ވާއިރު ޢާންމު ސާފުތާހިރުކަން ސުމެއް
*އަތޮޅު ތަކުގައި ހިންގާ ސްކޫލުތަކުގެ ތެރެއިން މުޅި އަހަރު ތެރޭގައި ދަރިވަރުންނަށް ބޭނުންވާ މިންވަރަށް ފެން ފޯރުކޮށް ދެވެނީ ހަމައެކަނި 36 އިންސައްތަ ސްކޫލުގައި
ސްކޫލް ސެނިޓޭޝަން އެންޑް ހައިޖިން އެޑިޔުކޭޝަން: ސިޗުއޭޝަން އެނަލިސިސް- މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ، ސެޕްޓެންބަރު 2002
ރައްކާތެރި ބޯފެން ނުލިބުމާއި، އެކަށީގެންވާ ގޮތުގައި ނަޖިހާއި ނަޖިސްފެން ނައްތާލެވޭނެ އިންތިޒާމް ހަމަނުޖެހުމާއި އަދި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ޖެހޭ ބޭރަށް ހިންގުމާއި، މިކަމާއި ގުޅުންހުރި ބަލިތަކުގައި އަހަރެއްގެ ތެރޭގައި 1.8 މިލިޔަން މީހުން ދުނިޔޭގައި މަރުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ބުނެއެވެ. މީގެ ތެރެއިން ގާތްގަޑަކަށްް 90 އިންސައްތަ ހިއްސާ ކުރަނީ 5 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
ސާރވޭ ރިޕޯޓް ހެދުން
ނުސާފުފެނުގެ ސަބަބުން ބޭރަށް ހިންގުންޖެހޭ މިންވަރާއި މިކަމުގެ ގެއްލުން ކުދިންނަށް ލިބޭ މިންވަރުގެ ތަފާސް ހިސާބު މިރާއްޖޭގައި އެދެވޭ ހަރުދަނާ ގޮތުގައި ނުބެލެހެއްޓެނުކަމުގައި ވިޔަސް، ލިބެން ހުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި އާންމު ގޮތެއްގައި 2000 ވަނަ އަހަރުގެ ފަހުންވެސް ކޮންމެ 1000 މީހެއްގެ ގެ ތެރެއިން 30 މީހުންނަށް ބޭރަށް ހިންގުމާއި މިއާއި ގުޅުންހުރި ބަލިތައް ޖެހޭ ކަމަށް 2001 ވަނަ އަހަރު ހެލްތު މިނިސްޓްރީން ތައްޔާރުކޮށްފައިވާ " މަލްޓިޕްލް އިންޑިކޭޓަރ ކުލަސްޓަރ ސާރވޭ" އިން ހާމަކޮށްފައިވާއިރު، މިޢަދަދު 5 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރޭގައި 6 ގުނަ އިތުރުކަމަށް ހެލްތު މިނިސްޓްރީން ނެރެފައިވާ " މޯލްޑިވްސް ހެލްތު ރިޕޯޓް 2004 " ގައި ބަޔާން ކޮށްފައިވެއެވެ. ހެލްތު މިނިސްޓްރީން ނެރެފައިވާ މިދެންނެވި ހެލްތު ރިޕޯޓްތަކުގައި " ބޭރައްހިންގުން ފަދަ "ޑައިރިއަލް ޑިޒީސް" ތައް މަދުކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި މިގޮތުން ފެން ތަގައްޔަރުވުމާއި ރައްކާތެރި ގޮތުގައި ނަޖިހާއި ނަޖިސްފެން ނައްތާލުމަށާއި އަދި އާންމު ސާފުތާހިރުކަން އިތުރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައިވެއެވެ. ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އަށަގެންފައިވާ " މަލް ނިއުޓްރިޝަން" އަދި " އެނީމިޔާ" ފަދަ ބަލިތަަކާއި، ތަކްރާރުކޮށް ޖެހޭ ބަނޑުގެ ބަލިތަކަކީ، ބޭރަށް ހިންގުމާއި ގުޅިފައިވާ ބަލިތައްކަމަށް މިދެންނެވި ދިރާސާތަކުން ޔަޤީންކުރެވެއެވެ.
ރިޕޯޓްތައް ވެރިންގެ އަލަމާރީގައި
ކުލަ ފޮޓޯތަކާއި ޗާޓްތައް ގިނަ މިފަދަ ދިރާސާ ރިޕޯޓްތައް ކިތަންމެ ގިނަ ކަމުގައި ވީނަމަވެސް ވެރިންގެ ކޮޓަރިތަކުގެ ފޮތް އަލަމާރިތައް ފުރާލުން ނޫންކަމެއް ނުވެއެވެ. މިފަދަ ރިޕޯޓްތައް ތައްޔާރުކުރަން ރާއްޖެ ގެންނަ ވިލާތުގެ ދޮން ކޮންސަލްޓަންޓުންގެ ޖީބު ތަނަވަސް ވުން ނޫންކަމެއް ނުވެއެވެ. މި ދެންނެވިް މިރިޕޯޓްތަކުގައި ބުނާ ކަންތައްތަކަށް އަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން 100 އަކުން އެންމެ ކަމެއްވެސް މިވީހާތަނަށް ކުރެވިފައި ނުވާކަމީ މިކަންކަމާއި ޙަވާލުވެ ތިބި މީހުންނާއި ދޭތެރޭ ސުވާލު އުފެދޭކަމެކެވެ. ހިތާމަހުރިކަމެކެވެ. މި ރާއްޖޭގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސިއްހަތަށާއި ރައްކާތެރިކަމަށް މިއަދުގެ ސަރުކާރުން އަހަންމިއްޔަތު ކަންދޭ މިންވަރު ހާމަކޮށްދޭ ރިވެތި މިސާލެކެވެ. އެވްރެޖްކޮށް ކޮންމެ އަހަރެއްގެ، ދައުލަތުގެ ބަޖެޓްގެ 10 އިންސައްތަ ހިއްސާކުރަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ސިއްހަތަށޭ ބުނެ ފޮންޓް ސައިޒް 18 އިން ލިޔެފައި ބޯލްޑްކޮށްފައި ހުންނާތީ ފެނެއެވެ.
ކުޑަކުދީންނަށް ދުޅަހެޔު ޞިއްޙަތަކަށް އިލްތިމާސްކުރުން
ކުޑަކުދިިންނަށް ދުޅަހެޔޮ ސިއްހަތާއި ރައްކާތެރި ވެއްޓެއް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އަހަންމިއްޔަތު ކަމެއް ދޭ ކަމެއްކަމަށް، މިސަރުކާރުގެ ވެރިން ގެންދަވަނީ އެކި މަހަފިލްތަކުގައި ވިދާޅުވަމުންނެވެ. މިމޭރުމުން، ޒައީމްވެސް އެތައްފަހަރަކު ވާހަކަ ދައްކަވާ، ކުޑަކުދިންނާއި އެކުދިންގެ މައިންބަފައިން ޅޮސް އުނދޯއްޔަށް އަރުވާ، ކުޑަކުދިން ރަގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ގޮތްގޮތަށް ބައްޓަން ކުރުމަށް، ޒައީމް ކުރައްވާ މަސައްކަތް މިކަންކަމާއި ހަވާލުވެތިބި ބޮޑެތި ވަޒީރުންނާއި ވަރުވަރުގެ ވެރިންނަށް ދޭހަނުވަނީ ބާވައެވެ. ނުވަތަ މިކަމުގެ މަތުލަބާއި، ހިކުމަތް އެބޭފުޅުންނަށް " އަންޑަރސްޓޭންޑް" ނުވަނީ ބާވައެވެ.
ކުޑަ ކުދީންނަށް ޞިއްޙީ ވެއްޓެއް ހޯދައިދިމުގެ ވާހަކަ
އިސްކޫލު ކުދިންނަށް ސިއްހީ ވެއްޓެއް ޤާއިމްކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ދަނީ ބުނަމުން ދާއިރު، މިކަމަށް ދޭ އަހަންމިއްޔަތު ކަން ހާމަކޮށް ދިނުމުގެ ގޮތުން 1986 ވަނަ އަހަރު " ސްކޫލް ހެލްތު ޕްރޮގްރާމެއް" ޒަޢީމް ފައްޓަވާ ދެއްވިނަމަވެސް މި ހަރަކާތް އެކަށީގެންވާ ގޮތުގައި ހިނގާކަމާއި މެދު ސުވާލު އެފެދެއެވެ. މި ހަރަކާތުގެ ދަށުން އިސްކޯލު ކުދިން " ކުދިންގެ މެޑިކަލް އެގްޒަމިނޭޝަން" ހެދުމާއި " ސިއްހީ ކަންތައްތަކާއި މެދު ދަރިވަރުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް މުޤައްރަރުގެ ތެރެއިންނާއި އިތުރު ހަރަކާތްތަކުގެތެރެއިން ހިންގާ ކަމަށް" އަދި " މުދައްރިސުންނާއި ބެލެނިވެރިންނަށްވެސް" ސިއްހީ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް، އެކި ފޮންޓުތަކުން ލިޔެ ބޯލްޑްކޮށް އިޓާލިކް ކޮށް ހުންނަ އިރު މިއިން ކަމެއް ކުރިކަމެއް ދެނެހުރި ބެލެނިވެރިޔަކު ނެތްކަމީ، ސުވާލު އުފެދޭ ކަމެކެވެ.
ކުޑަކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ ސްކޫލް ތަކުންނެވެ. މިތަންތަނަކީ، ކުދިންނަށް ދިރިއުޅުމުގެ ރިވެތި އާދަ ކާދަތަކުގެ އިތުރުން އާންމު ސާފުތާހިރުކަމުގެ މުހިންމުކަމާއި މިކަމުގެ ހުނަރުތައް ދަސްކޮށްދޭ ވަރަށް މުހިންމު ތަންތަނެވެ. އެހެންކަމުން ސާފު ބޯފެނާއި، ފާޚާނާގެ ވަސީލަތާއި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންވާ ވަސީލަތްތައް ސްކޫލްތަކުގައި ނެތުމަކީ، ބޭރަށް ހިންގުމާއި މިނޫންެވެސް ތަފާތު ބަލިތައް ފެތުރުމަށް މަގުފަހިވެގެންދާ ކަމެއްކަން، މި ކަމާއި ގުޅުންހުރި ދާއިރާތަކުގެ " ރޮނޑާލި" ތަކަށް ނޭގެނީތޯއެވެ. ނުވަތަ އެގެން ބޭނުން ނުވަނީތޯއެވެ.؟
ރާއްޖެތެރެ އާއި މާލޭގެ ސްކޫލްތަކުގެ - ސްކޫލް ސެނިޓޭޝަން
ރާއްޖޭގެ ހުރިހާ ކަމެއްގައިވެސް މާލެއާއި ރާއްޖެތެރެ ތަފާތު ކުރާ ފަދައިން، ސްކޫލް ހެލްތުގެ ކަމެއް ނަަމެއްގައި ހިނިގިޔަސް ނުވަތަ ކުރިޔަސް ކޮށްފައިހުންނަނީ މާލޭގައެވެ. އެމްޑަބްލިޔުއެސްއޭ އިން ބުނާ ގޮތުން މާލޭގައި ހުންނަ ސްކޫލްތަކުގައި އެކަށީގެންވާ ބޯފެނާއި ފާޚާނާގެ ޚިދުމަތްތައް ހުރިނަމަވެސް ރާއްޖެތެރޭގައި ހުންނަ ސްކޫލްތަކުގައި މިފަދަ ވަސީލަތްތައް ހުންނަނީ އަމާބުނީތީ ފަރަށް ދާ ގޮތަށެވެ. ބައެއް ފަހަރަށް ކުދިން، ފެން ބޯންދަނީ، ޖެހިގެން ހުންނަ ގޭގައި ހުންނަ ވަޅުދޮށަށެވެ. ކޮންމެ އިސްކޫލެއްގައިވެސް 0.5 ލީޓަރު ފެން ކޮންމެ ދުވަހަކު ކުއްޖަކަށް ލިބެންޖެހޭނެ ވަސީލަތް ހުންނަންޖެހޭނެ ކަމަށް " އެޑިޔުކޭޝަނުން" މަޝްވަރާ ކުރިބަޔަކާއި މަޝްވަރާކޮށް ނިންމާ ސާރކިއުލާރތައް ލިޔެވިފައި ހުންނަ އިރު މިކަންތައް މިހެން ނުވާކަން އެޑިޔުކޭޝަނުގެ ވެރިންނަށް ނޭނގެނީތޯއެވެ. އަދި ލިބެންހުންނަ ފެންފޮދަކީވެސް ސިއްހީގޮތުން ބުއިމަށް ކަމުދާ ފެން ނޫންކަމަށް އިރުއިރުކޮޅާ ރަށްރަށަށް ފުރަ ފުރައިގެންދާ އެ މިނިސްޓްރީގެ މިކަމާއި ގުޅުން ހުރި އެކި ވަރުވަރުގެެ ވެރިންނަށް ނޭނގެނީބާވައެވެ. ނުވަތަ އެގެން ބޭނުންނުވަނީ ބާވައެވެ.
ސްކޫލް ސެނިޓޭޝަނާއި އެމް.ޑަބްލިޔޫ.އެސް.އޭ
ފެނާއި ނަރުދަމާގެ ކަންތައް ރެގިއުލޭޓް ކުރާ އިދާރާ އެމްޑަބްލިޔުއެސްއޭ 1973 ގައި އުފަން ވީދުވަހުން ފެށިގެން މިއަދާއި ހަމައަށް އައިއިރުވެސް ވަނީ ބެޑް ރެސްޓްގައެވެ. މިއިން ކަމެއްގައި ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ. ދުވާލަކު ދޮޅުލީޓަރުގެ މިންގަޑަށް ނުފެތޭ ސްކޫލުތަކުގައި މިފަދަ ވަސީލަތްތައް ޤާއިމްކުރުމަށް އެޑިޔުކޭޝަނަށް އަމުރުކޮށް އަދި އިސްކޫލްތަކުގެ ފެނާއި، ފާޚާނާއާއި، އަމިއްލަ ސާފުތާހިރުކަމަށް ބާރުއަޅާ އެގޮތަށް ޢަމަލު ނުކުރާ ތަންތަނުގައި ބޮޑުތަޅު އަޅުވާ ތަން ބަންދުކުރަން ޖެހޭއިރު، މި މުހިންމު މުވައްސަސާ މިވަނީ ކެންސަރު ބަލިޖެހިފައެވެ. ހަރަކާތް ހުއްޓިފައެވެ.
އިސްކޯލުތަކުގެ ފާޚާނާގެ ކަންތައްތައްވެސް އޮތީ އެހާމެ ދޯހަޅި ކޮށެވެ. އެޑިޔުކޭޝަނުގެ މިންގަޑުން ބަލާއިރު ކޮންމެ 60 ކުއްޖަކަށް ފާޚާނާއެއް ހުންނަންޖެހެއެވެ. މިއީ، ޢާންމުކޮށް ރެފިއުޖީ ކޭމްޕްތަކުގައި ތިބޭ މީހުނަށްވެސް ނިސްބަތުން ހުންނަންޖެހޭ މިންވަރެވެ. މި ހެންހުންނައިރުވެސް ގިނަ ސްކޫލްތަކުގައި ހުންނަނީ ޖުމްލަ 2 ފާޚާނާއެވެ. އަދި މީގެ ތެރެއިން 1 ފާޚާނާ އަބަދުވެސް ހުންނަނީ ހަލާކުވެ މަރާމާތު ނުކުރެވި ތަޅު ލެވިފައެވެ. މިތަންތަން އެކަށީގެންވާ ގޮތުގައި ސާފުނުކުރެވޭތީއާއި، ބޭނުންވާ ފެނާއި، ސައިބޯނި ފަދަ ތަކެތި ލިބެން ނުހުންނާތީ ބައެއްކުދިން މިތަންތަނުގެ ބޭނުން ނުހިފައެވެ. ވަކިން ޚާއްސަކޮށް އަންހެން ކުދިންގެ ނިސްބަތް މަތިކަމަށްވެއެވެ. އެހެން ކަމުން، ޔޫރިން އިންފެކްޝަނާއި އަދި މިނޫންވެސް މިފަދަ ބަލިތައް ފެތުރުމަށް މަގުފަހިވެއެވެ.
ސްކޫލްތަކުގެ ފާޚާނާ ތަކަކީ، ކުޑަކުދިންނާއި ގުޅޭ ގޮތަށް ހެދިފައި ހުންނަ ތަންތަން ކަމަށްނުވާތީ، މިތަންތަން ބޭނުން ކުރުމުގައި ކުދިންނަށް އެހާދަތިކަން ފޯރާއިރު، މިއަދާއި ހަމައަށް އައިއިރުވެސް " ކުޑަކުދިންގެ ޢުމުރާއި" ގުޅޭގޮތަށް ފާޚާނާތައް ހަދާނެ ގޮތެއް މިންގަނޑެއް ހެދިފައި ނުވެއެވެ. ހަމަމިގޮތަށް، މިތަންތަނުގައި އަތްދޮވެވޭނެ ވަސީލަތްތައްވެސް ޤާއިމް ވެފައި ނުހުރެއެވެ. ނުވަތަ ހުރިކަމުގައި ވީނަމަވެސް ސައިބޯނި ފަދަ ތަކެތި އެއްވެސް މިންވަރަށް ލިބެން ނުހުންނަކަމަށް ފާހަގަ ކުރެވެއެވެ. ފާޚާނާ ކޮށް ނިމިގެންް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮންނާށޭ ބުނާއިރު އަތްދޮވެވޭނީ ސައިބޯންޏެއް އޮވެގެން ނުންތޯއެވެ.
އަޅުގަޑުމެންގެ މުސްތަގުބަލުގެ ޒުވާން ޖީލު އެކަށީގެންވާ ސިއްހީމާހައުލެއްގައި ތަރުބިއްޔަތު ކުރުމަށް، އެކުދިންގެ އުނގެނުމުގެ މާހައުލު ސިއްހީގޮތުން ރަގަޅު ތަނަކަށް ހެދުމަށް ބޭނުންވާ ކަންތައްތަކުގެ ތެރެއިން ބޯފެނާއި ޢާންމު ސާފުތާހިރުކަމުގެ ކަންތައްތައް ރަގަޅު ކުރުމަށް ބޭނުންވާ މިންގަޑުތައް ހެދުމަށާއި ތަންފީޒުކުރުމަށް، މިދާއިރާގެ ރެގިއުލޭޓަރަށް އިލްތިމާސް ކުރަމެވެ.